ގޮޅާ އައްޔަގެ "ޝަކުވާއަކާ ނުލާ" އަންނަ މަހު ނިމޭނެ!

ޑްރާމާ ސީރީޒް "ޝަކުވާއަކާ ނުލާ" ގެ ލީޑު ރޯލުން ފެނިގެންދާނެ ޝަހޫ އަދި އަމަން---

ދިވެހި ޑްރާމާތައް ބަލައިލާން ލިބޭލެއް މަދުވެގެން ޝަކުވާ ކުރާ ފަރާތްތަކަށް އޮތީ އުފާވެރި ހަބަރެކެވެ. އެއީ ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކާއި ފިލްމު ތަކުން ބެލުންތެރީންގެ މަގުބޫލުކަން ހޯދާފައިވާ ދެމަފިރިން ކަމަށްވާ އަހުމަދު އަމަން އަލީ އާއި މަރިޔަމް ޝަހުޒާ (ޝަހޫ) ލީޑް ރޯލް ކުޅޭ ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ"ގެ ހުރިހާ މަސައްކަތެއް އަންނަ މަހު ނިންމާލެވޭނެ ކަމަށް ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) މިވަނީ ހާމަކޮށްފައެވެ.

"ސަން" އާ ވާހަކަ ދައްކަމުން ގޮޅާ އައްޔަ ބުނީ، ޑްރާމާގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިޔަށްދާ ކަމަށާއި މިހާރު ޑްރާމާގެ ހުރިހާ މަންޒަރެއް ނަގައި ނިމި އެޑިޓިންގެ މަަސައްކަތް ފަށާފައި ވާކަމަށެވެ.

"ޝޫޓިން ވެސް އެއްކޮށް ނިމިފަ އޮތީ. މިހާރު އެޑިޓިން ފަށާގެން 50 ޕަސެންޓް އެޑިޓްވެސް ކޮށް ނިމިފަ އޮތީ. ވަރަށް ހިތަހަމަ ޖެހޭ މަސައްކަތް ދާގޮތާ ދޭތެރޭ،" ގޮޅާ އައްޔަ ބުންޏެވެ.

ޑްރާމާގެ ބާކީ އޮތް 50 ޕަސެންޓް އެޑިޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ފަށާނެ ކަަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ޝަކުވާއަކާ ނުލާ" ގެ ޝޫޓިންގެ ތެރެއިން. މިހާރު ވަނީ ޝޫޓިންވެސް ނިމިފައި---

"ސިއްރު" ފަދަ ފިލްމު ތަކަށް ވާހަކަ ލިޔެފައިވާ މަރިޔަމް މޫސާގެ އަސަރުގަދަ ވާހަކަ އަކަށް އުފައްދާ ފަނަރަ އެޕިސޯޑުގެ "ޝަކުވާއަކާ ނުލާ" އަކީ ކައިވެނިން ބޭރުން ގުޅުންތަކެއް ހިންގާ ޒުވާން ފިރިހެނެއްގެ ވާހަކަ ތަކެއް ދައްކުވައިދޭނެ ޑްރާމާ އެކެވެ.

އެ ޑްރާމާގެ ލީޑު ރޯލުން ފެނިގެންދާ އަމަން އާއި ޝަހުޒާ ފިޔަވައި ދެން މުޅިންވެސް ޑްރާމާއިން ފެންނާނީ ފުވައްމުލަކު ފަންނާނުންނެވެ.

"ޝަހޫ އަދި އަމަން ފިޔަވައި ދެން މުޅިންވެސް މިއުޅެނީ ފުވައްމުލަކު މީހުން. ވަރަށް ރަނގަޅު ހުރިހާ އެންމެންގެވެސް އެކްޓިން،" ޑްރާމާ ޑައިރެކްޓް ކުރުމުގެ އިތުރުން ކެމެރާ ވެސް ކޮށްފައިވާ ގޮޅާ އައްޔަ ބުންޏެވެ.

"ޝަކުވާއަކާ ނުލާ" ގެ ޓީޒާއެއް----

"ޝަކުވާއަކާ ނުލާ" ގެ ޓީޒާ ވެސް ވަނީ މީގެ ދެމަސް ކުރިން ބެލުންތެރިންނަށް ދޫކޮށްލާފައެވެ. ޓީޒާ ހާއްސަ ކޮށްފައިވަނީ ފިލްމުގެ ބައެއް މަންޒަރު ތަކާއި އެކު ތީމް ލަވައަށެވެ.

އެ ލަވައަކީ ކުރީގެ މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމަށްވާ އަލީ ރަމީޒާއި ފަޒީލާ އާމިރު (ފަޒީ) ކިޔާފައިވާ ލަވައެކެވެ.

"ޝަކުވާއަކާ ނުލާ" ވެސް ބެލުންތެރީންނަށް ދެއްކުމަށް ހަމަޖެހިފައިވަނީ ދިވެހި ޑްރާމާ ތަކަށާއި ލަވަތަކަށް ހާއްސަ ކޮށްގެން އަލަަށް އުފައްދާ ޗެނަލަކުންނެވެ.

comment ކޮމެންޓް