ޓެކްސީ ބޯޑަށް ޑިމާންޑު ބޮޑުވުމުން، މުއްދަތެއް ނެތް ގޮތަށް ބޯޑު ދޫކުރަން ނިންމައިފި

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ޓެކްސީއަށް ފައިސާ ދެއްކޭ ޚިދުމަތެއް އެބޭންކުން ވަނީ ތައާރަފްކޮށްފައި -- ސަން ފޮޓޯ/ ފަތުހުﷲ ޔާމީން ސައީދު

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ އުޅަނދުތަކުގެ އަދަދު މަދުވުމާ ގުޅިގެން އެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް މުއްދަތެއް ނެތް ގޮތަށް ހުއްދަ ދޫކުރަން ނިންމައިފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓެކްސީ ބޯޑު ދޫކުރަން ކުރި އިއުލާނާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ޓެކްސީ ހުއްދައަށް އެދި ހުށަހަޅަމުންދާތީ އެކަމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން، މުއްދަތެއް ނެތް ގޮތަށް ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އަލަށް އެކުލަވާލި ޓެކްސީ ގަވާއިދުގައިވާ ގޮތުގައި ޓެކްސީ ކުރުމުގެ ހުއްދަ ނުވަތަ ޓެކްސީ ބޯޑެއްގެ އަގަކީ 50،000 ރުފިޔާ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިދިޔަ އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާލޭގައި ދުއްވާ ޓެކްސީގެ އަދަދު މަދުވުމާ ގުޅިގެން އެ ޚިދުމަތް އެންމެ އެދެވޭ ގޮތަށް އާންމުންނަށް ނުދެވޭތީ، އެކަން ހައްލު ކުރުމުގެ ގޮތުން ޓެކްސީ ކުރުމުގެ ޝަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް ޓެކްސީ ހުއްދަ ދޭގޮތަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޓެކްސީ ގަވާއިދުގައިވާ ގޮތުންނަމަ، ޓެކްސީ ކުރާ އުޅަނދުގައި “TAXI” މިގޮތަށް ލިޔެފައިވާ ބޯޑެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތަށް ދިއްލޭ ގޮތަށް ޓެކްސީގެ ކުރިމަތިން ފެންނަން ހުންނަ ގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި އެ އުޅަނދަކީ އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ ހަތަރު ދޮރޮޅުލީ ޖާގައިގެ ގޮތުން ތަނަވަސް ޑިކީ ހުރި ކާރު ކަމުގައި ވެސް ވާން ޖެހެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ ބޯޑު ދޫކުރަނީ ވަކި އަދަދަކަށް ނޫން ކަމަށާއި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ބޯޑު ދޫކުރަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް