ގެމަނަފުށީ ހައުސިން ޔުނިޓުތައް ހަވާލު ކުރުން މަޑުޖައްސާލުމަށް އަމުރުކޮށްފި

ގެމަނަފުށި ---

ގއ. ގެމަނަފުށީގައި އިމާރާތްކޮށްފައިވާ ހަތަރު ހައުސިން ޔުނިޓު އެއްވެސް ފަރާތަކަށް ހަވާލު ނުކުރުމަށް ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ހައުސިން މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްފި އެވެ.

ގއ. ގެމަނަފުށީގައި އިމާރާތްކޮށްފައިވާ ހަތަރު ހައުސިން ޔުނިޓު ޝަރުތު ހަމަވާ ފަރާތްތަކަށް ދިގު މުއްދަތެއްގެ ތެރޭގައި އަގު ދައްކާގޮތަށް ހުޅުވާލި ފުރުސަތުގައި، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ދިނުމަށް ވަނީ ހައުސިން މިނިސްޓްރީން ނިންމައިފައެވެ.

އެހެންނަމަވެސް، ގއ. ގެމަނަފުށި، ބްރީޒް، އަބްދުﷲ ޒުބައިރަކީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ މީހެއް ކަމަށާއި، ނަމަވެސް އޭނާއަށްވުރެ މަދުން ޕޮއިންޓް ލިބިފައިވާ ހަތަރު ފަރާތަކަށް ހައުސިން ޔުނިޓް ދިނުމަށް މިނިސްޓްރީން ނިންމުމުން އޭނާގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ އޭނާވަނީ ދައުވާ ކޮށްފައެވެ.

އެ ދައުވާއާ ގުޅިގެން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން މި މަހުގެ 16 ވަނަ ދުވަހު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، އަބްދުﷲ ޒުބައިރުގެ ހައްގު ގެއްލޭ ކަމަށް ބުނެ އޭނާއަށް ލިބެންޖެހޭ ހައްގު ހޯދުމަށް މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވުމުން، ވަކި ގޮތަކަށް އެ މައްސަލަ ނިންމުމުގެ ކުރިން އެ ހަތަރު ހައުސިން ޔުނިޓު ބަޔަކަށް ދީފި ނަމަ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ލިބޭކަމަށް ބެލެވޭ ކަމަށެވެ.

އެހެން ކަމުން އޭނާއާއި، ދައުލަތަށް ލިބިދާނެ ގެއްލުމަކުން ހިމާޔަތް ކުރުމަށް އެ މައްސަލައިގެ ޝަރީއަތް ނިމުމުގެ ކުރިން އެ ހަތަރު ހައުސިން ޔުނިޓް އެއްވެސް ފަރާތަކާ ހަވާލު ނުކުރުމަށް ހައުސިން މިނިސްޓްރީއަށް ވަނީ އަމުރުކޮށްފައެވެ.

"މިމައްސަލައިގެ ޝަރީއަތް ނިމުމުގެ ކުރިން ނުވަތަ ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން އިސްވެ އިޝާރާތް ކުރެވުނު ހަތަރު ހައުސިން ޔުނިޓް (ވަކިފަރާތަކާއި ހަވާލުނުކުރެވި ހުރި ހަތަރު ހައުސިން ޔުނިޓް) އެއްވެސް ފަރާތަކާއި ހަވާލު ނުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ މައްޗަށް އަންގައި އަމުރު ކޮށްފީމެވެ." ގެމަނަފުށި ކޯޓުން ނެރުނު އަމުރުގައިވެ އެެވެ.

އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 19000 ރުފިޔާ ދައްކަން ޖެހޭ އިރު، 20 އަހަރު ދުވަސް ވަންދެން މަހަކު 2500 ރުފިޔާ ދައްކަން ޖެހެ އެވެ.

comment ކޮމެންޓް