ރާއްޖެ މެޗަށް ފަލަސްތީނު ތައްޔާރު، ވަރުގަދަ ކުޅުމަކާ އެކު ޔަމަން ބަލިކޮށްފި

ފަލަސްތީނު ގައުމީ ފުޓްބޯޅަ ޓީމު: ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ފަލަސްތީނުން ވަނީ ޔަމަން ބަލިކޮށްފައި ---

އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 28 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ވަރުގަދަ ކުޅުމަކާ އެކު ޔަމަންގެ މައްޗަށް ފަލަސްތީން ކުރި ހޯދައިފި އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ޔަމަންގެ މައްޗަށް ފަލަސްތީން ކުރި ހޯދީ 1-0 ލަނޑުންނެވެ.

އެ މެޗުގައި ފަލަސްތީނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު، ފަލަސްތީނުގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ޔާސިރު އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނެޓުގައި ޔަމަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ރޭ ކުޅުނު މެޗުގައި ފަލަސްތީނަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ފަލަސްތީނުގެ އަހްމަދު އަބޫ ނާހިއާއާއި ތަމޭރް ސެޔާމްއާއި މުހައްމަދު ޔާމީންއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުން ތައްޔާރުވުމަށް ކޭމްޕްކުރީ ގަތަރުގަ އެވެ. ޔަމަނާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ ކުރިން ވެސް ގަތަރުގައި ފަލަސްތީން ޓީމުން އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައިވެ އެވެ.

ފަލަސްތީނާއި ރާއްޖެ ބައްދަލުކުރާ އޭޝިއަން ކަޕްގެ ކޮލިފައިން މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 9:00ގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ފަލަސްތީނާއި، އޮމާން އަދި ބޫޓާންއާއެކު 'ގްރޫޕް ޑީ'ގަ އެވެ.

comment ކޮމެންޓް