އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ހޯދޭނެ މަގުތަކެއް ފެނިއްޖެ: ރައީސް

ޕީޕީއެމަށް ބައެއް ބޭފުޅުން ސޮއިކުރުމަށް ދަރުބާރުގޭގައި އިއްޔެ ބޭއްވި ޖަލްސާގެތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ގެއްލުނު ފައިސާ ހޯދޭނެ މަގުތަކެއް ފެނި އެކަމަށް އޭސީސީ އިން މަސައްކަތް ކުރަމުން ދާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

އިއްޔެ ޕީޕީއެމުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފައިސާ ހޯދައިގެން ކަންކަން ކުރާ އިރު އަބަދު ވެސް ކޮރަޕްޝަނުގެ ވާހަކަ އަންނާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ވެސް ހިނގާފައި ވަނީ މި ސަރުކާރުގެ ތެރޭގައި ކަމަށާއި ނަމަވެސް އެކަން ތަހުގީގު ކުރެވި އެފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް އެންމެ ފަހުން ވެސް އެނގުނު ގޮތުން ވެއްޖިއްޔާ އޭސީސީ އިން މިހާރު ވެސް މަސައްކަތް ކުރަމުން އެދަނީ. ކޮންމެސް ވަރެއްގެ އުންމީދެއް ލިބިއްޖެ. ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބިގެން މިފައިސާ ރިކަވާ ކުރުމުގެ މަގުތަކެއް އެބަހުރި ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮރަޕްޝަނުގެ މައްސަލަ ހިންގާ ފަރާތަކަށް އަދަބު ދިނުމަކީ ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް ގެއްލުނު ފައިސާ ހޯދުމަކީ އެންމެ އުނދަގޫ އެއްކަންތައް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮރަޕްޝާނާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދުމަކީ މި ޖީލުގައި ފެށިގެން އައި ކަންކަން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ދައްކަ އެވެ. އެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވަނީ އަށް އަހަރަށް ޖަލަށް ލާފަ އެވެ.

މިހާރު ވެސް އެ މައްސަލައިގެ ތަހުގީގުތަކެއް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް