ރާއްޖެ އިން ފުރި ޖެޓެއް، ހާދިސާއެއް ހިނގައި ނުވަ މީހަކު ޒަހަމުވެއްޖެ

މިދިޔަ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖެ އިން ފުރައިގެން ޖަރުމަނުވިލާތަށް ދަތުރުކުރި ޖަރުމަނު ވިލާތުގެ ޕްރައިވެޓް ޖެޓަކަށް ވައިގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ދިމާވެ، އެއާޕޯޓެއްގައި ޖެޓު ޖެއްސިކަން ހާމަވެއްޖެ އެވެ.

އެހާދިސާ ތަހުގީގު ކުރަމުން ދާތީ އެ ގައުމުގެ ކަމާބެހޭ ފަރާތުން މިހާތަނަށް އޮތީ އެއްވެސް މައުލޫމާތެއް ނުދީ އެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ޖަރުމަނުވިލާތުން ވަނީ އެ ހާދިސާގެ މައުލޫމާތު އާންމުކޮށްފަ އެވެ.

އިއްޔެ އާންމު ކުރި މައުލޫމާތުތަކުން ދޭހަވާ ގޮތުގައި އެ ހާދިސާ ދިމާވީ ޕްރައިވެޓް ޖެޓެއް އެމިރޭޓްސްގެ އެއާބަސް އޭ380 އަކާ މާ ކައިރިން ދިއުމުން އެފުލައިޓްގެ ވޭކް ޓާބިއުލަންސްގެ ސަބަބުންކަމަށް ނޫހުގައިވެ އެވެ.

ވޭކް ޓާބިއުލަންސްގެ ސަބަބުން ޕްރައިވެޓް ޖެޓް ވަނީ 10،000 ފޫޓް ތިރިއަށް ވެއްޓިފަ އެވެ. އެހެންނަމަވެސް ބިމާ ހަމައަށް ޖެޓް ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ޖެޓްގެ ކޮންޓްރޯލް އަނބުރާހޯދައިފަ އެވެ. އެ ހާދިސާގައި 9 މީހަކު ޒަހަމް ވެފައިވާ އިރު އެގެއިން އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށް ވެސް ނޫހުގައިވެ އެވެ.

ވޭކް ޓާބިއުލަންސަކީ ބޮޑެތި މަތިންދާބޯޓުތަކުގެ އިންޖީނާއި ފިޔަގަނޑުގެ ކޮޅުން އުފައްދާ ގަދަ ވައިގަނޑެކަވެ.

އެހާދިސާ ހިނގުމާ އެކު ޖެޓް ވަނީ ކުއްލި ހާލަތުގައި އޮމާންގެ މޮސްކަޓްގައި ޖައްސައިފަ އެވެ.

ނޫހުގައި ބުނެފައި ވަނީ ޖެޓް ވަނީ ވައިގެ ތެރޭގައި ތިން ފަހަރަށް ފުށުން ޖެހިފައިކަމަށާއި އޭރު ޖެޓް ތެރޭގައި ބެލްޓް ނާޅާ ތިބި މީހުން ވައިގެ ތެރޭގައި ކަރުދާސްކޮޅެއް ދާހެން ދިޔަ ކަމަށް އެނޫހުގައި ބުނެފައިވެ އެވެ.

ޖެޓްގައި އޭރު ތިބީ ކިތައް ފަސެންޖަރުން ކަމެއް އެނޫހުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ ހާދިސާގައި ނުވަ މީހަކު ޒަހަމް ވެފައިވާ އިރު އެގެއިން އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނުކަމަށް ވެސް ނޫހުގައިވެ އެވެ.

ޖަރުމަންވިލާތުގެ ވައިގެ ދަތުރުފަތުރުގެ ކަންކަން ތަޙްގީގު ކުރާ އިދާރާ ކަމަށްވާ ބީއެފްޔޫ އިން ބުނީ އިންޓަރިމް ރިޕޯޓް ތައްޔާރު ކުރެވުމުގެ ކުރިން ދެން އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

އެހާދިސާ ދިމާވި ޖެޓް އޮޕަރޭޓް ކުރީ ޖަރުމަންގެ އެންމެ ބޮޑު ޖެޓް އޮޕަރޭޓަރު ކަމަށްވާ އެމްއެޗްއެސް އޭވިއޭޝަނުންނެވެ. އެކުންފުނީގެ ސީއީއޯ ސްޓެފަން ފްރައިސް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ބީއެފްޔޫ އިން ތަޙްގީގު ކުރަމުންދާ ހާދިސާ އަކަށް ވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކުރެވެން މިވަގުތު ނެތް ކަމަށެވެ.

comment ކޮމެންޓް