އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ މަހާނަފުޅު ---

(16 މާރޗްގެ އަދަދާގުޅޭ)

ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ އަމިއްލަފުޅު ޝަޚްޞިއްޔަތު

ޢިލްމުވެރިކަން

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ޢިލްމުވެރިކަމަށް ނަޒަރު ހިންގާއިރު އެކަލޭގެފާނަކީ ޒަމާނުގެ އިމާމެވެ. ކީރިތިޤުރްއާނާއި ޙަދީޘާއި، ފިޤުހާއި އަދި މިނޫންވެސް ދީނީ ހުރިހާ ޢިލްމުތަކެއްގެ ތެރެއަށްވެސް އެކަލޭގެފާނު ހުންނެވީ ވަރަށް ފުންކޮށް ވެދެވަޑައިގެންނެވެ. އެއިން ކޮންމެ ފަންނެއްގައިވެސް އެކަލޭގެފާނަށްވަނީ ވަރަށް ދިގު އަތްޕުޅެއް ލިބިވަޑައިގެންފައެވެ. އިލްމީ މައިދާނުގައި އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކަމަށް ސަލަފުންގެ ހުރިހާ ޢިލްމުވެރިންނާއި، ސީރަތުގެ ހުރިހާ އެދުރުން އިއްތިފާޤުވެ ވަޑައިގަންނަވައެވެ. އަލްއިމާމު އަޙްމަދު ބުނު ޙަންބަލް ރަޙިމަހުﷲ އާއި، އެނޫންވެސް އަރާ ތިއްބެވި އިސްލާމީ ދަންނަބޭކަލުން ވިދާޅުވާގޮތުގައި ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ ހިޖްރީ އެންމެ ފުރަތަމަ ޤަރްނުގެ މުޖައްދިދެވެ. ޙާފިޡު ޛަހަބީ ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ.

"ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ ފަޤީހެކެވެ. މުޖްތަހިދެކެވެ. ސުންނަތުގެ ޢާލިމެކެވެ. ދަރަޖަމަތިވެރި، ޙުއްޖަތްތައް ވަރުގަދަ ދަންނަބޭކަލެކެވެ. ކީރިތިޤުރްއާނުގެ ޙާފިޡެކެވެ. މުޙައްދިޘެކެވެ. މާތްﷲ އަށް އެކަލޭގެފާނުގެ ހުކުމްވެރިކަން ދެއްވައިގެން ހުންނެވި ބޭކަލެކެވެ. ހިތްޕުޅު މަޑު ބޭކަލެކެވެ. މާތްﷲގެ ޙަޞުރަތަށް ގިނަގިނައިން ރުޖޫޢަވެވަޑައިގަންނަވާ ބޭކަލެކެވެ."

އަލްއިމާމު ނަވަވީ ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ.

"އެކަލޭގެފާނުގެ ކީރިތި މޫރިތިކަމާއި، އިލްމުވެރިކަމުގެ ބޮޑުކަމާއި، ޞާލިޙުކަމާއި، ޒާހިދުކަމާއި، ތަޤްވާވެރިކަމާއި، ޢަދުލުވެރިކަމާއި، މުސްލިމުންނާމެދު އޯގާވެރިކަމާއި، ސީރަތުގެ ރީތިކަމާއި، ނަބަވީ ސުންނަތަށް ތަބާވެވަޑައިގަތުމާއި، ޚުލަފާއުއްރާޝިދޫންގެ ފިޔަވަޅުފުޅުމަތީގައި ހިންގެވުމާއި މިހުރިހާ ކަމަކަށްވެސް އެންމެން އިއްތިފާޤުވެއެވެ.''

މައިމޫން ބުނު މެހްރާން ރަޙިމަހުﷲ ވިދާޅުވެފައިވާގޮތުގައި ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ދައުރުގައި އެންމެ އަފޫރުއްބަ ޢިލްމުވެރީންވެސް އެކަލޭގެފާނުގެ ދަރިވަރުން ފަދައެވެ.

މަޝްހޫރު އިލްމުވެރި ތާބިޢީއެއްކަމުގައިވާ މުޖާހިދު ބުނު ޖުބައިރު ރަޙިމަހުﷲ ވިދާޅުވެފައިވަނީ މިދަންނަވާގޮތަށެވެ.

"އަހަރެމެން ދިޔައީ އެކަލޭގެފާނަށް ކިޔަވައިއަރުވައިދިނުމުގެ ނިޔަތުގައެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަރެމެންނަށް ޖެހުނީ އެކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނޭންފަށާށެވެ."

އަލްއިމާމު މާލިކު ރަޙިމަހުﷲ އާއި އިބްނު ޢުޔައިނައިހި ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ ޖީލުގެ އުސްތާޛެކެވެ."

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އަކީ ހިތްޕުޅުން ދަސް ޙަދީޘުފުޅުތަކުގެ އަދަދަށް ބަލާއިރު ވަރަށް މަތީ ދަރަޖައެއްގެ ބޭކަލެކެވެ. އެކަލޭގެފާނު، މަރުފޫޢު ޙަދީޘުފުޅުތައް ހިތްޕުޅުން ދަސްވަރަކަށް އެހެން އެއްވެސް ތާބިޢީ ބޭކަލަކު ހިތްޕުޅުދަހެއް ނޫނެވެ. ޞަޙާޙު ސިއްތާގެ އިތުރަށް އެހެނިހެން ޙަދީޘުފޮތްތަކުގައިވެސް އެކަލޭގެފާނުގެ ރިވާޔަތްތައް ވަރަށް ގިނައެވެ. މުޙައްދިޘް ބާޣިންދީ ރަޙިމަހުﷲ ވަނީ ހަމައެކަނި ޢުމަރު ބުނު އަބްދުލްޢަޒީޒުގެ ރިވާޔަތްތައް އެއްފޮތަކަށް ޖަމާކުރައްވައިފައެވެ. އޭގެ އިތުރަށްވެސް "މަސްނަދު ޢުމަރު ބުނު ޢަބްދުލްޢަޒީޒު" ގެ ނަމުގައިވެސް އެކަލޭގެފާނުގެ ރިވާޔަތްތަކުގެ ކުރު އެކަމަކު ނުހަނު ފުރިހަމަ ފޮތެއް މަޝްހޫރުވެފައިވެއެވެ. 1825މ. ގައި އޭޝިޔަޓިކް ސޮސައިޓީ ބެންގޯލުން ވަނީ އެފޮތް ޝާއިޢުކޮށްފައެވެ.

(މުޙައްމަދު ނަޢީމު ޞިއްދީޤީ ނަދުވީ، ފާރާން- ކަރާޗީ)

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ޅެންވެރިކަމަށް މާބޮޑު އިސްކަމެއްނުދެއްވައެވެ. ނަމަވެސް އެފަންނުގައިވެސް އެކަލޭގެފާނަކީ "ނުކުޅެދޭ" ބޭކަލެއްނޫނެވެ. ބައެއްފަހަރު ފަހަރަށް އަމިއްލަފުޅަށްވެސް އަޚްލާޤީ ޅެންތައް ހައްދަވައި ލައްވައެވެ. އެހެނިހެން ޝާޢިރުންގެވެސް އެފަދަ ޅެންތައް އަޑުއައްސަވައެވެ.

އެކަލޭގެފާނަކީ ކުޅަދާނަފުޅު ބަސްމޮށުންތެރިޔެކެވެ. ޤާބިލް ވާހަކަ ދެއްކެވުންތެރިޔެކެވެ. އެކަލޭގެފާނުގެ ތަޤްރީރުތައް ވަރަށް އަސަރުގަދައެވެ. އިބްނުލްޖައުޒީ ރަޙިމަހުﷲ ވަނީ، ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ވަރަށްގިނަ ޚުޠުބާތަކާއި، ވަޢުޡުތައް ޖަމާކުރައްވައިފައެވެ. ޢަރަބި އަދަބިއްޔާތުގެ މުތްތައް އެއްކުރެއްވި ބޭކަލެއްކަމުގައިވާ އިބްނުޖާހިޒު އޭނަގެ "ކިތާބުލް ބަޔާން ވައްތަބްޔީނު" ގައި ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ދެޚުތުބާއެއް ވަނީ ނަކަލުކުރައްވައިފައެވެ. އެދެޚުތުބާއަކީ ވެސް ޢަރަބި ބަހުގެ ބަލާޣަތުގެ އެންމެ މޮޅު ނަމޫނާތަކުގެ ތެރޭގައި ހިމެނޭ ދެޚުތުބާއެވެ.

ނަމާދުކުރެއްވުމާއި ރޯދަ ހިއްޕެވުން

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲއަކީ ތުއްޕުޅު އިރުއްސުރެ ނަމާދުކުރެއްވުމާއި ރޯދަ ހިއްޕެވުން އާދަކުރައްވައިފައިވާ ބޭކަލެކެވެ. ދީނީ އެހެނިހެން ވާޖިބުތަކާއި ސުންނަތްތައް ވެސް ވަނީ ފިސާރި ރަނގަޅަށް އެކަލޭގެފާނުގެ ގައިކޮޅާވެފައެވެ. އެހެންނުވާންވީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނު ތުއްޕުޅުއިރު ހިއްޕެވީ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ކާފަދަރިކަނބަލުން އުއްމު ޢާޞިމުގެ ކިރުފޮދެވެ. އުއްމު ޢާޞިމަކީވެސް އެކަމަނާގެ މައިކަނބަލުންނަކީވެސް ތަޤްވާވެރިކަމާއި ޚުލުޤުފުޅު ހެޔޮކަމުގައި މިސާލުޖެހޭ ދެބޭކަނބަލުންނެވެ. ޢުމަރު ހާނުއްވައި ތަރްބިޔަތު ކުރެއްވީ ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު އާއި ޞާލިޙު ބުނު ކައިސާނު ރަޙިމަހުﷲ އެވެ. ޢިލްމު އުނގަންނައިދެއްވި އެދުރުންނަކީ މަދީނާގެ ތާބިޢީންގެ އެންމެ ފުރަތަމަ ޖީލުގެ ފިޤުހުވެރީންނެވެ. ވަކިން ޚާއްޞަގޮތެއްގައި ޚަލީފާކަން ލިބިވަޑައިގަތުމަށްފަހު އަޅުކަމާ ދޯޅުވެވަޑައިގެންފައިވަނީ އަޖައިބުވެ އަންތަރީސްވާވަރަށެވެ. ފަސްނަމާދު ކުރައްވައި އުޅުއްވީ ޖަމާޢަތުގައި މިސްކިތުގައެވެ. ބަންގީގެ އަޑު އިވިވަޑައިގަންނަވާއިރަށް ގަނޑުވަރުން ނިކުމެވަޑައިގަންނަވައެވެ. ދުވަހަކުވެސް އެންމެ ފުރަތަމަ ތަކުބީރު ފާއިތުވިޔަކަ ނުދެއްވައެވެ.

ނަމާދުކުރައްވާއިރު ހުންނަވާ މަޑުމޮޅިކަމާއި ބިރުވެތިވެ ވަޑައިގަތުން ވަރަށް ބޮޑެވެ. ނަމާދުކުރައްވާއިރު ނަބަވީ ސުންނަތަށް ވަރަށް ބޮޑަށް ފަރުވާތެރިވެ ވަޑައިގަންނަވައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚާއްޞަ ޚާދިމު އަނަސު ބުނު މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ޢުމަރު ބުނު ޢަބްދުލްޢަޒީޒަށްވުރެ، ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އާ އެއްގޮތަށް ނަމާދުކުރައްވާ އެއްވެސް ބޭކަލަކު ތިމަން ދެކެވަޑައެއްނުގަންނަވަމެވެ."

ފަރުޟު ރޯދައިގެ އިތުރަށް ކޮންމެ ހޯމަދުވަހަކާއި ބުރާސްފަތި ދުވަހަކު އާދަވެ ރޯދަ ހިއްޕެވިއެވެ. ކޮންމެ ދުވަހަކުވެސް ފަތިހު ތެދުވެވަޑައިގެން ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެއެވެ. ގަނޑުވަރުގެ އެއްކޮޓަރިކޮޅު ޚާއްޞަކުރައްވައިފައިވަނީ އަޅުކަންކުރެއްވުމަށެވެ. އެކޮޓަރިކޮޅުގައި އުއިފަލަ ދެރަފޮތީގެ ހެދުންކޮޅެއް ގެންގުޅުއްވައެވެ.

ރޭގަނޑުގެ ފަހުބައިގައި އެކޮޓަރިކޮޅަށް ވަދެވަޑައިގެން އާދަވެގެން ތުރުކުރައްވައި އުޅުއްވާ ހެދުންކޮޅު ބާލުއްވައި އެދެރަ ހެދުންކޮޅު ތުރުކުރައްވައިގެން އަޅުކަމާއި ކީރިތިކުރެއްވުމުގައި ފަތިސްވެއްޖައުމަށް ދާންދެން މަޝްޢޫލުވެވަޑައިގެން އިންނަވައެވެ. އެކަލޭގެފާނުގެ ކިބައިންވަނީ އަޅުކަމުގެ ބުރަ ލުއިވެފައެވެ. އަޅުކަމުން އެކަލޭގެފާނަށް ލިބިވަޑައިގަންނަވަނީ މީރުކަމެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑުއިވިވަޑައިގަތުމުން ހެދުންކޮޅު ބަދަލުކުރައްވައި އަޅުކަމުގެ ޚާއްޞަ ހެދުންކޮޅު ފަށްޖައްސަވައި އެކޮޓަރިކޮޅުގައި ހުންނަ ފޮށިކޮޅަކަށް ލައްވައިފައި ވަޑައިގަންނަވަނީ މިސްކިތަށެވެ. ފަތިސްނަމާދުން ނިމިވަޑައިގެން ގަނޑުވަރަށް ވަޑައިގެން އަނެއްކާވެސް ވެދެވަޑައިގަންނަވަނީ އަޅުކަންކުރައްވާ ކޮޓަރިކޮޅަށެވެ. ދޮރުކޮޅު ތަޅުލައްވައިގެން ވަރަށް ގިނައިރުވަންދެން މުނާޖާ ދެންނެވުމާއި ޤުރްއާންކިޔަވައި ވިދާޅުވުމުގައި މަޝްޢޫލުވެވަޑައިގެން އިންނަވައެވެ. އަޅުކަންކުރެއްވުމަކީ އެކަލޭގެފާނުގެ ހިތްޕުޅަށް އެންމެ މީރުފުޅުކަންތަކެވެ.

ޚުލުޤުފުޅާއި އާދަފުޅު

ޚުލުޤުފުޅާއި، އާދަފުޅުތަކަށް ބަލާއިރު ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ އެކި ކުލަކުލައިގެ ރީތި މާތަކުން އެއްކޮށްލެވިފައި ގުލްދަސްތާއެއް ފަދައެވެ. އެގުލްދަސްތާ މައިމަލަކީ މާތްﷲއަށް ބިރުވެތިވެވަޑައިގަތުމެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ދެކެވެވަޑައިގަންނަވާ ތެދުވެރި، ފުންލޯބިފުޅެވެ. އެކަލޭގެފާނުގެ ކެތްތެރިފުޅުކަމާއި ބަރުދާސްކުރެއްވުމުގެ ބޮޑުކަމެވެ. މިންވަރުފުޅަށް ރުހިވަޑައިގެން ޝުކުރުކުރެއްވުމެވެ. ބަލިމީހުނަށް ޒިޔާރަތްކުރެއްވުމާއި، ގާތްތިމާގެފުޅުކަމުގެ ގުޅުމަށް ރައްކާތެރިވެވަޑައިގެންނެވުމެވެ. މިސްކީނުންދެކެ ލޯބިފުޅުވުމެވެ. ޖުމްލަކޮށް ދަންނަވާނަމަ ހުރިހާ ރީތި، ހެޔޮ ޚުލުޤުފުޅުތަކެއް ފުރާފުރިހަމަ ކުރައްވައިގެން ހުންނެވުމެވެ.

ސީރަތުގެ އަހްލުވެރީން ވަނީ އެކަލޭގެފާނުގެ ހެޔޮ ޚުލުޤުފުޅުތަކުގެ ސުމާރެއްނެތްހައި ގިނަ ޙާދިޘާތައް ބަޔާންކުރައްވައިފައެވެ. އެޙާދިޡާތަކުގެ ވާހަކަތައް ކިޔައިފި ކޮންމެ މުސްލިމަކަށްވެސް އިޢުތިރާފު ވާންޖެހޭނީ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އަކީ ޙަޤީޤަތުގައިވެސް ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސިލްސިލާގެ ފަސްވަނަ ޚަލީފާކަމުގައެވެ. ނަމޫނާ ވެރިޔެއްކަމުގައެވެ.

ކުރީންވެސް ދަންނަވައިފައިވާ ފަދައިން އަމީރުލްމުއުމިނީންގެ މަތިވެރި މަޤާމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރީން، ޢުމަރު ބުނު ޢަބްދުލްޢަޒީޒު ތުރުކުރައްވައި އުޅުއްވީ ވަރަށް އަގުބޮޑު މޮޅު ހެދުންކޮޅެވެ. އެއްފަހަރު އެހެދުންކޮޅެއްގައި ބޭރަށް ނުކުމެވަޑައިގެންފި ހެދުންކޮޅެއް ދެވަނަފަހަރަކަށް ތުރެއްނުކުރައްވައެވެ. ދިހަވަރަކަށް ނުވަތަ ފަނަރަވަރަކަށް އަސްރަފީގެ ހެދުންކޮޅުތައްވެސް ހީފުޅުވަނީ ވަރަށް ސަހަލުހެންނެވެ. ވަރަށް ހަރު ހެންނެވެ. ކުރަކިހެންނެވެ. ބޭނުންފުޅުކުރައްވައި އުޅުއްވީ އެންމެ މީރުވަސްދުވާ އެންމެ އަގުބޮޑު އަތަރެވެ. މަގެއްގެ މަތީން ވަޑައިގެންފިނަމަ ދުވާ މީރުވަހުގެ ސަބަބުން އެކަލޭގެފާނު އެމަގަކުން ވަޑައިގެންފިކަން އެނގެއެވެ. އަމިއްލަފުޅަށް ވިދާޅުވެފައިވެއެވެ. "ރީތިމޮޅު ހެދުމަށާއި، މޮޅު އަތަރަށާއި، އަރާމު ދިރިއުޅުމަށް އަހަރެންގެ ހިތުގައި ލޯބި އުފެދުމުން އަހަރެންގެ ހިތްފުރޭވަރަށް އެއުފާހޯދީމެވެ. އަހަރެންގެ ޢާއިލާގައިވެސް އެހެން ޚާންދާނެއްގައިވެސް އަހަންނަށްވުރެ މުއްސަނދި، ޗާރާ ދިރިއުޅުމެއް އުޅުނު މީހަކު ނުހުންނަވަރަށެވެ."

ރަޖާޢު ބުނު ޙަޔާތު ރަހިމަހުﷲ ވިދާޅުވެފައިވެއެވެ.

"ޚަލީފާކަން ލިބިވަޑައިގަތުމުގެ ކުރީން ޢުމަރު ބުނު އަބްދުލްއަޒީޒަކީ އެންމެ ރީތި ހެދުންކޮޅު ތުރުކުރެއްވި، އެންމެ މީރުވަސްދުވާ އަތަރު ބޭނުންކުރެއްވި، އެންމެ ފަތަރާސީ ހިންގެވުމެއް ހިންގެވި އަމީރެވެ. ނަމަވެސް ޚަލީފާކަން ލިބިވަޑައިގަތުމަށްފަހު އެހުރިހާ ކަމެއް މާޟީގެ "މުސްކުޅިވާހަކަ" ތަކަކަށް ވެއްޖެއެވެ. ތުރުކުރައްވަން ގެންގުޅުއްވީ ވަރަށް އާދައިގެ ފޮއްޗެއްގެ އެންމެ ހެދުންކޮޅެކެވެ. އެހެދުންކޮޅުވެސް އޮންނަނީ ފޮއިމަތީގައި ފޮތިއަޅައިފައެވެ. ދޮންނަވަ ދޮންނަވައިގެން ތުރުކުރައްވަނީ އެހެދުންކޮޅެވެ."

އެއްދުވަހަކު ހުކުރަށް ވަޑައިގެންނެވިލެއް ލަސްވެގެން މީހަކު ސުވާލުކުރުމުން ވިދާޅުވިއެވެ. "ކުރާނީ ކީއްހެއްޔެވެ؟ ޚާދިމު ހެދުން ދޮންނަށް ގެންދިޔައީއެވެ. އެހެން ހެދުމެއް ނެތެވެ."

ރަޖާއު ބުނު ޙަޔަވާތު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ޚަލީފާކަމުގެ ދުވަސްވަރު އެއްފަހަރަކު އެކަލޭގެފާނުގެ ހެދުންކޮޅެއް (ފަގުޑިކޮޅާއި، ގަމީސްކޮޅާއި، އަބާކޮޅާއި، އިޒާރުކޮޅާއި އިސްޓާކީނު ކޮޅު)ގެ އަގު ބެލިއިރު އެހުރިހާ އެއްޗެއްގެ އަގަކީ މުޅިއެކު ބާރަދިރުހަމެވެ. މިއީ، ފަނަރަ އަސްރަފީގެ ޖުއްބާކޮޅުވެސް ދޭސީކަމުން ކަމުނުދާ ބޭކަލެއްގެ ހެދުންކޮޅުގެ އަގެވެ."

މަސްލަމަތު ބުނު ޢަބްދުލްމަލިކު ވިދާޅުވެފައިވެއެވެ. އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އަވަހާރަވުމުގެ އާލާސްކަންފުޅުގައި އުޅުއްވިއިރު އެއްދުވަހަކު އަހަރެން އެކަލޭގެފާނަށް ދަންނަވާލަން ދިޔައިރު ތުރުކުރައްވައިގެން އޮންނެވީ ދާވެފައި އޮތް ގަމީސްކޮޅެވެ. ގަމީސްކޮޅު ހުރީ ވީދިފައެވެ. އަހަރެން އަހަރެންގެ ކޮއްކޮ (ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ އަނބިކަނބަލުން ފާޠިމަތު ބުނު ޢަބްދުލްމަލިކު) ގެ އަރިހުގައި ދެންނެވީމެވެ. "އަމީރުލްމުއުމިނީންގެ ހެދުންކޮޅު ބަދަލުކުރުއްވާށެވެ." ޖެހިގެން އައި ދުވަހު އަހަރެން ދިޔައިރުވެސް ތުރުކުރައްވައިގެން އޮންނެވީ އެގަމީސްކޮޅެވެ. އަހަރެން ކޮއްކޮ އަރިހުގައި ދެންނެވީމެވެ. "ގަމީސްކޮޅު ބަދަލުކުރުއްވާށޭ ދެންނެވީ އަމީރުލްމުއުމިނީންގެ ހާލުކޮޅު ދެކޭން އެތައްބަޔަކު އަންނާނެތީއެވެ." ކޮއްކޮ ޖަވާބުދެއްވިއެވެ. "މާތްﷲ ގަންދެއްވަމެވެ. އަމީރުލްމުއުމިނީންގެ އަތްޕުޅަކު އެހެން ހެދުންކޮޅެއްނެތެވެ."

ބޭފުޅުންވެސް ގެންގުޅުއްވީ އެފަދަ އާދައިގެ ފަޤީރު ހާލުކޮޅުގައެވެ. އަމީރުލްމުއުމިނީންގެ ދަރިކަނބަލުން އަމީނާގެ އަތްޕުޅުގައި ތުރުކުރައްވާނެ ހެދުންކޮޅެއް ނެތިގެން އެއްފަހަރަކު ތަޅުންގަނޑު މަތީގައި އަޅާ ފޮތިގަނޑެއް ވީއްދަވައިގެން ހެދުންކޮޅެއް ފެއްސެވިއެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲގެ އުޚުތު އުއްމުލްބަނީނަށް އެކަން އެނގިވަޑައިގެން އަމީނާއަށް ލިބާސްފޮތި ތާނެއް ފޮނުއްވިއެވެ. އެއާއެކު އަމީނާއަށް އެންގެވިއެވެ. "ޢުމަރުގެ އަތްޕުޅެއް އެއްވެސް އެއްޗެއް ނުހޯއްދަވާށެވެ."

ޢުމަރު ބުނު ޢަބްދުލްއަޒީޒު ރަޙިމަހުﷲގެ ދަރިކަލުން ޢަބްދުﷲ އެއްފަހަރަކު ހެދުންކޮޅަކަށް އެދިވަޑައިގެންނެވުމުނެ ޢުމަރު ވިދާޅުވިއެވެ. ޚިޔާރު ބުނު ރިބާޙު ބަޞަރީގެ ގާތަށްގޮސް ފޮތިހޯދާށެވެ. އޭނާގެ އަތުގައި ކޮންމެވެސް ވަރަކަށް އަހަރެންގެ ފޮތި ހުންނާނެއެވެ. ޢަބްދުﷲ އޭނާގެ ގާތަށް ވަޑައިގަތުމުން އޭނާ ގެނެސް ދެއްކީ ވަރަށް އުއިފަލަ ދެރަފޮއްޗެކެވެ. ޢަބްދުﷲ ޙައިރާންފުޅުވެފައި ވިދާޅުވިއެވެ. "ތިޔަހައި އުއިފަލަ ދެރަފޮތީގެ ހެދުމެއް އަހަރެން ނުލަމެވެ." ޚިޔާރު ދެންނެވިއެވެ. "އަޅުގަނޑުގެ އަތުގައި ހުރި އަމީރުލް މުއުމިނީންގެ ފޮއްޗަކީ މިއީއެވެ."

ޢަބްދުﷲ އެނބުރި ބައްޕާފުޅުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. " ޚިޔާރު ދެއްކީ ވަރަށް އުއިފަލަ ދެރަފޮއްޗެކެވެ. އެއީ އަޅުގަނޑާ އެކަށީގެންވާ ފޮއްޗެއް ނޫނެވެ." ޢުމަރު ވިދާޅުވިއެވެ. "ބައްޕަ އަތަކު އެހެން ފޮއްޗެއް ނެތެވެ."

ޢަބްދުﷲ ހިތްޕުޅުކުޑައިކުރައްވައި އެނބުރިވަޑައިގަންނަވާން ފެއްޓެވުމުން ޢުމަރު ވިދާޅުވިއެވެ. "ދަރިފުޅުގެ ޕެންޝަނުން ކަނޑާގޮތަށް ސަރުކާރުން ފައިސާ ހޯދިދާނެއެވެ." ޢަބްދުﷲ އެގޮތާ އެއްބަސްވެ ވަޑައިގެންނެވުމުން ފައިސާ ހޯއްދަވައި ދެއްވިއެވެ. މަސްނިމިގެން މުސްލިމުންގެ ޕެންޝަން ބެއްސެވިއިރު ޢަބްދުﷲގެ ޕެންޝަނުން އެބައި ކެނޑުއްވިއެވެ.

(ނުނިމޭ)

comment ކޮމެންޓް