ކަރީނާ އާއި ސޯނަމްގެ 'ވީރޭ ދީ ވެޑިންގް'ގެ ނަން ބަދަލު ކުރަން ޖެހިދާނެ!

ކަރީނާ ކަޕޫރު ޚާން އަދި ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު، 'ވީރޭ ދީ ވެޑިންގް'ގެ ނަމުގެ ކޮޕީރައިޓް މައްސަލަ ދިމާވެ ފިލްމުގެ ނަން ބަދަލު ކުރަން ޖެހިދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ސޯނަމްގެ ދައްތަ ރިއާ ކަޕޫރު ޕްރޮޑިއުސް ކުރާ އެ ފިލްމަށް ކޮޕީރައިޓުގެ މައްސަލަ ދިމާވީ 'ވީރޭ ކީ ވެޑިންގް' ކިޔާ ފިލްމެއް އުފައްދަމުން އަންނާތީ އެވެ.

ސޯނަމް އާއި ރިއާގެ ބައްޕަ، އަނިލް ކަޕޫރު ވަނީ 'ވީރޭ ކީ ވެޑިންގް'ގެ ނަމުގެ މައްސަލަ ސިޓީއަކުން އިންޑިއަން މޯޝަން ޕިކްޗާޒް ޕްރޮޑިއުސަރޒް އެސޯސިއޭޝަން އަށް އަންގައިފަ އެވެ.

ނަމަވެސް އެ ފިލްމުގެ ޑައިރެކްޓަރު އާޝޫ ތުރިކާ ބުނީ ކުރިން ނަން ރަޖިސްޓްރީ ކުރީ އޭނާ ކަމަށާއި ހުރިހާ ކަމެއް ވެސް ނިންމާފައި ވާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

ފުރަތަމަ ފިލްމުގެ ނަން ބަދަލު ކުރަން އެންގީ އާޝޫ ތުރިކާ އަށެވެ. ނަމަވެސް ފިލްމުގެ ބައެއް މަންޒަރުތަކާއި ލަވަތައް މިހާރު ޝޫޓުކޮށް ނިންމާފައި ވާތީ ނަން ބަދަލު ކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

އަންނަ ހަފްތާގައި އެ ފިލްމުގެ 80 ޕަސެންޓު މަސައްކަތް ނިމޭނެ އެވެ.

ނަމަވެސް 'ވީރޭ ދީ ވެޑިންގް'ގެ ޝޫޓިން ފަށާނީ އަންނަ މޭ މަހުގެ ތެރޭގަ އެވެ. އެ ފިލްމުގެ ޝޫޓިން ފަށަން ކުރިން އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް ކަރީނާ ބަނޑުބޮޑުވުމުގެ ސަބަބުން ޝޫޓިން ވަނީ ފަސްކޮށްފަ އެވެ.

comment ކޮމެންޓް