އޭޑީކޭ ފުލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި

އޭޑީކޭ ހޮސްޕިޓަލް އިން ސޯސަންގޭގައި ގާއިމް ކޮށްފައި ހުރި ފުލޫ ކްލިނިކް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންފުލުއެންޒާ ރޯގާއާ ގުޅިގެން އޭޑީކޭ ފުލޫ ކްލިނިކުން ދެމުން ގެންދިޔަ ހިދުމަތް ހުއްޓާލައިފި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ވެތުވެދިޔަ ދެ ދުވަހު އޭޑީކޭގެ ފުލޫ ކްލިނިކަށް ދައްކާފައި ވަނީ މަދު ބައެކެވެ.

އޭޑީކޭ އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ފުލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އިއްޔެ އޭޑީކޭގެ ފުލޫ ކްލިނިކުން ހިދުމަތް ހޯދާފައި ވަނީ 108 މީހުންނެވެ. އެއީ 51 އަންހެނުންނާއި 57 ފިރިހެނުންނެވެ. އޭގެތެރެއިން އެއްވެސް މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހޭ ކަމަށް އޭޑީކޭއިން ބުންޏެވެ.

މާޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް އޭޑީކޭގެ ފުލޫ ކްލިނިކުން 1659 މީހުން ވަނީ ހިދުމަތް ހޯދައިފަ އެވެ.

ފުލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލި ނަމަވެސް އިންފުލުއެންޒާ ވެކްސިން އޭޑީކޭއިން ވެސް ޖަހައިދެ އެވެ. ވެކްސިން ޖަހައިދެނީ މާބަނޑު މީހުންނާއި ކެންސަރު ބަލީގެ މީހުންނާއި ގުނަވަންތައް ބަދަލުކޮށްފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބައްޔަށް ދިގު މުއްދަތަކަށް ބޭސްކުރާ މީހުންގެ އިތުރުން ޑައަލިސިސް ހަދާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ.

އޭޑީކޭގެ ފުލޫ ކްލިނިކުން ހިދުމަތް ދިނުން ހުއްޓާލި ނަމަވެސް އައިޖީއެމްއެޗުގެ ފުލޫ ކްލިނިކުގެ ހިދުމަތް އަދި ކުރިއަށްދެ އެވެ.

މިހާތަނަށް އިންފުލުއެންޒާ އެޗް1އެން1 އަށް ޕޮސިޓިވްވި ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި 33 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ.

comment ކޮމެންޓް