އައިއެސްގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ މަރާލުން މިހާރުއޮތީ އަތްމަތީގައި: އެމެރިކާ

އަބޫބަކުރުލް ބަޣްދާދީ

ވޮޝިންޓަން (މާޗް 23) : އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ މަރާލުން މިހާރު އޮތީ އަތްމަތީގައި ކަމަށާއި އެކަމަށް ބޭނުންވަނީ މަދުދުވަސްތަކެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ވިދާޅުވެއްޖެ އެވެ.

އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާއި އެނޫން ވެސް އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް ނައްތާލުމަށް މަސައްކަތްކުރާ ކޯލިޝަންގެ ބައްދަލުވުމެއްގައި ވޮޝިންޓަންގައި ވާހަކަ ދައްކަވަމުން ޓިލާސަން ވިދާޅުވީ މޫސަލް މިނިވަންކުރުމަށް އިރާގު ސިފައިން ކުރިޔަށްގެންދާ ހަނގުރާމައިގާ އަބޫބަކުރުލްބަޣްދާދީގެ އެހީތެރިންނާއި އޭނާއާ އެންމެގާތް ކޮމާންޑަރުންގެ ގިނަބަޔަކު މަރާލެވިފައިވާ ކަމަށާއި މަރާލެވުނު އައިއެސްގެ ބޮޑުންގެ ތެރޭގައި ބްރަސަލްސްއާއި ޕެރިހަށް ދިން ހަމަލާތައް ރޭވި ފަރާތްތައް ވެސް ހިމެނޭ ކަމުގަ އެވެ. އެހެންކަމުން ބަޣްދާދީ މަރާލުމަށް ބޭނުންވަނީ މަސްތަކެއް ނޫންކަމަށާ މަދުދުވަސްތަކެއް ކަމަށް ޓިލާސަން ވިދާޅުވި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ މަސްއޫލުވެރިއަކު ވަނީ މޫސަލް އިން ބަޣްދާދީ އާއި އޭނާގެ އިސްއެހީތެރިން ފިލާފައިވާކަމަށާ އެމީހުން ފިލައިތިބި ތަނެއް ހޯދުމުގެ މަސައްކަތް އެމެރިކާ ކުރަމުން ގެންދާކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ހަމަލާތަކުގައި ބަޣްދާދީ މަރާލެވުނު ކަމަށް ނޫނީ އޭނާ ޒަޚަމްކޮށްލެވިފައިވާ ކަމަށް ވިދާޅުވެ އެމެރިކާގެ މަސްއޫލުވެރިން މީގެ ކުރިން އެތައްް ފަހަރަކު ވާހަކަ ދައްކަވާފައިވާތީ ބަޣްދާދީ މަރާލުމާ ބެހޭ ގޮތުން އެމެރިކާގެ މަސްއޫލުވެރިން ދައްކަވާ ވާހަކަތަކަށް އެމެރިކާގެ ބައިވެރިންވެސް މާބޮޑު ސަމާލުކަމެއް ނުދެ އެވެ.

އަލްގާއިދާގެ ލީޑަރު އުސާމާ ބިންލާދިން މަރާލެވުނު ކަމަށް ބުނެ ވެސް އެމެރިކާގެ ޖާސޫސީ އިދާރާއިން އެތައް ފަހަރަކު ރިޕޯޓްތައް ނެރެފައިވެ އެވެ. އަދި އެންމެ ފަހުން 2011 ވަނަ އަހަރު އެމެރިކާ ސިފައިން ޕާކިސްތާނުގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އުސާމާ މަރާލެވުނުކަން ރަސްމީ ސިފައެއްގައި އެމެރިކާ ސަރުކާރުން އިޢްލާންކުރި ނަމަވެސް އޭގެ ކުރިން ތަބީއީ މަރެއްގައި އުސާމާ މަރުވެފައިވާކަމުގެ ރިޕޯޓްތައް ލީކުވެފައިވާތީ އާއި އުސާމާގެ ހަށިގަނޑު ދެއްކުމަށް އެމެރިކާ ފަސްޖެހިފައި ވާތީ އުސާމާ މަރުވީ އެމެރިކާގެ ހަމަލާއެއްގައިކަން ކަށަވަރު ވެފައެއް ނުވެ އެވެ.

އެމެރިކާގެ އެހީއާއެކު ހަނގުރާމަ ކުރަމުންގެންދާ އިރާގު ސިފައިން މިހާރުވަނީ މޫސަލްގެ ބޮޑުބައި އައިއެސްގެ ވަކިތަކުން މިނިވަންކޮށް މޫސަލް އަޅުވެތިކޮށްގެންތިބި އައިއެސްގެ ހަނގުރާމަވެރިންގެ ގިނަ ބަޔަކު މަރާލާފަ އެވެ. ނަމަވެސް މޫސަލްއިން އައިއެސް އެއްކޮށް ފައްސާލުން އަދިވެސްވަނީ އިރާގު ސިފައިންނަށް ބޮޑު ގޮންޖެހުމަކަށް ވެފަ އެވެ.

އަލްގާއިދާއާއި އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ޝިކާރައަކަށް ވަނީ އާންމު ގޮތެއްގައި މުސްލިމުންނެވެ. އެފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ޓެރަރިސްޓް ހަމަލާތައް އަމާޒުކުރަމުން ގެންދަނީވެސް އިސްލާމީ ގައުމުތަކަށެވެ. އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތައް ހަމަލާތައް ދޭ ތަންތަނުގެ ތެރޭގައި މިސްކިތްތައް ވެސް ހިމެނެ އެވެ. އަނެއްކޮޅުން އެމެރިކާއަކީ ވެސް ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިސްލާމީ ގައުމުތަކުގެ މުސްލިމުންނަށް ސްޓޭޓް ޓެރަރިޒަމްގެ ހަމަލާތައް އަމާޒުކުރަމުން ގެންދާ ހަރުކަށި ގައުމެކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް