އަކްޝޭ އަހަންނަށް އޮޅުވާލައި އަހަރެންގެ ފައިދާ ނެގި: ޝިލްޕާ ޝެޓީ

ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު އަދި ބަތަލާ ޝިލްޕާ ޝެޓީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވާހަކަ އަކީ ގިނަ ބަޔަކަށް އެނގޭ ވާހަކަ އެކެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ 2000 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ދަޅްކަން' ގެ ޝޫޓިން ގެ ތެރެއިންނެވެ.

ނަމަވެސް އަކްޝޭ އާއެކު ދިރިއުޅުމެއް ފަށައި އުފާވެރި ހަޔާތެއް ވޭތުކުރުމަށް ޝިލްޕާ ދެކެމުން އައި ހުވަފެންތައް ފުނޑުފުނޑުވެގެން ދިޔައީ، ޝިލްޕާގެ އިތުރުން ވެސް އަކްޝޭގެ އެހެން ލޯބިވެރިއެއް ހުންނަކަން ފަޅާއެރުމުންނެވެ. ޝިލްޕާ މިވަނީ ވެބް ޕޯޓަލް އަކަށް މީގެ ކުރިން ދިން އިންޓަވިއު އެއްގައި އެ ވާހަކަތައް ކިޔައިދީފަ އެވެ.

ޝިލްޕާ ބުނީ އެއީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށާއި، ކެރިއަރު ކިތަންގެ ރަނގަޅަށް ދިޔަ ނަމަވެސް، އަމިއްލަ ކަންތައްތަކުގެ ސަބަބުން ކެރިއަރަށް އަސަރު ކުރި ކަމަށެވެ. އަދި އަކްޝޭ އޭނާއަށް އެވަރުގެ ލަނޑެއް ދޭނެ ކަމަށް ދުވަހަކު ވެސް ހިތަށް ނާރާ ކަމަށެވެ.

"އަހަރެން ބޭނުންވީ އަވަހަށް ފިލްމުގެ ޝޫޓިން ނިމި ރިލީޒް ކުރެވެން. އޭރުން އަހަރެންގެ ސަބަބުން ޕްރޮޑިއުސަރުންނާއި ފިލްމަށް އެއްވެސް އަސަރެއް ނުކޮށް އެކަން ނިމޭނީ. އަހަރެން އަކްޝޭގެ ވާހަކަ ނުދައްކާ މަޑު ކުރީ ދަޅްކަން ރިލީޒް ކުރެވެންދެން،" ޝިލްޕާ ބުނެފައިވެ އެވެ.

ޝިލްޕާ ދެމީހުންގެ ގުޅުމުގެ ވާހަކަ ދައްކަން ފެށުމުން އަކްޝޭ ވަނީ އެކަމާ ގުޅުވައިގެން 'ބޮޑު ޑްރާމާއެއް' ކުޅުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ވާހަކަތައް ކިޔާދިނީ އަކްޝޭ އަކީ ކޮން ކަހަލަ މީހެއްކަން އެހެން އަންހެނުންނަށް އެންގުމަށް ކަމަށް ޝިލްޕާ ބުންޏެވެ.

ޝިލްޕާ އާ ރުޅިވުމަށް ފަހު އަކްޝޭ ވަނީ ޓްވިންކަލް ޚަންނާ އާއި ކައިވެނި ކޮށްފަ އެވެ. ޝިލްޕާ ބުނީ އޭނާ ޓުވިންކަލް އާމެދު އެއްވެސް ބުރަ ހިތެއް ނެތް ކަމަށާއި، އަކްޝޭ ބޭވަފާތެރިވުމަކީ ޓުވިންކަލްގެ މައްސަލައެއް ނޫން ކަމަށެވެ.

"އަކްޝޭ އަހަރެން ބޭނުން ކޮށްލާފަ އެހެން މީހަކު ލިބުމުން އަހަރެން ދޫކޮށްލީ. އަހަރެން ރުޅި އައީ އަކްޝޭ ދެކެ. އެހެން މީހަކު ދެކެ ރުޅި އައުމުގެ އެއްވެސް މާނަ އެއް ނެތް. އަހަރެން ރުޅިއެއް ނާދޭ ޓުވިންކަލް ދެކެ އެއް. މީހަކު އަހަންނަށް ލަނޑުދީ އޮޅުވާލީމާ ޓުވިންކަލްގެ މައްސަލަ އަކީ ކޮބާ؟،" ޝިލްޕާ ބުނެފައިވެ އެވެ.

އަކްޝޭ އާ ވަކިވުމަށް ފަހު، ޝިލްޕާ ވަނީ ދުވަހަކު ވެސް އަކްޝޭ އާއެކު މަސައްކަތް ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

މާޒީ ހަނދާން ނައްތާލަން އުނދަގޫވި ނަމަވެސް، މިހާރު އެކަން ހަނދާން ނެތް ކަމަށާއި، އެހެން މީހަކާ އެކު ރަނގަޅު ދިރިއުޅުމެއް ފެށުމަކީ ވަރަށް ބޮޑަށް އުފާވާ ކަމެއް ކަމަށް ޝިލްޕާ ބުންޏެވެ. ޝިލްޕާ ކައިވެނި ކޮށްފައި ވަނީ ވިޔަފާރިވެރިޔާ ރާޖް ކުންދްރާ އާއެވެ. އެ ކައިވެންޏަށް ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ.

comment ކޮމެންޓް