ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކޮށްދިނުން އެދެން: އިރުތިޝާމް

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަަޔާޒް މޫސާ

ގައުމީ ވޮލީބޯޅަ ޓީމުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކޮށްދެއްވުމަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފި އެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އިއްޔެ ވިދާޅުވީ، މުބާރާތުގައި ރާއްޖެއަށް ރަން ވަނައެއް ހޯދައިދީ، ޒުވާން ކުޅުންތެރިން ހިތްވަރު ގެނެސްދިނުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުގެ އިޙުލާސްތެރި އިލްތިމާސްއަކީ ކޮންމެ ކުޅުންތެރިޔަކީ ވެސް ގައުމީ ޖާޒީގައި ގައުމަށް ރީތިނަން ހޯދާ ކުޅުންތެރިޔަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރުން. މިއަދު އަޅުގަނޑުމެންނަށް މި ފުރުސަތުތައް ތަނަވަސްވެގެން މިދަނީ މިކަންކަން ތަނަވަސްކޮށްދެއްވަން ސާބިތު ލީޑަރެއް އަޅުގަނޑުމެންގެ ފަހަތްޕުޅުގައި ހުންނެވުމުން،" މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަަޔާޒް މޫސާ

ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ މުބާރާތް ރާއްޖެއިން ކާމިޔާބުކުރުމަށް ޓަކައި ދިވެހި ސަރުކާރާއި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮތް ވާހަކަ އުފަލާ އެކު ފާހަގަކުރާ ކަމަށެވެ.

އެ މުބާރާތުގެ ފުރަތަމަ މެޗުގައި ކިރްގިސްތާން ވަނީ ރާއްޖޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ހަވީރު ނުކުންނަން ޖެހޭނީ ނޭޕާލާ ދެކޮޅަށެވެ. އެ މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ތުރުކުމެނިސްތާނެވެ.

comment ކޮމެންޓް