ކްލަބު މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު

ކްލަބު މޯލްޑިވްސް ކަޕް 2017ގެ ޕްލެޓިނަމް ސްޕޮންސަރު ދިރާގާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ދިރާގުގެ އިތުރުން ޕްލެޓިނަމް ސްޕޮންސަރުންގެ ތެރޭގައި ދެން ހިމެނެނީ މައިލޯ، އެމްޑަބްލިޔުއެސްސީ އަދި އެލައިޑް --- ފޮޓޯ/ ކްލަބު މޯލްޑިވްސް

މެދުކެނޑުމެއްނެތި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކްލަބު މޯލްޑިވްސްއާއި ދިރާގާއެކު ޕްލެޓިނަމް ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހަވީރު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަދު ހަވީރު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ކްލަބު މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޓްރެޜަރާ އަބްދުލް ރަޝީދު އަލީއާއި ސްޕޯޓްސް ކޯޑިނޭޓަރު އިސްމާއިލް ސުވައިދުއެވެ. އަދި ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް މާކެޓިން އޮފިސަރު އިސަބެއްލާ ހަޖްރީއާއި މެނޭޖަރ މާރކެޓިން ކޮމިޔުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަންއެވެ.

ކްލަބު މޯލްޑިވްސް ކަޕް 2017ގެ ޕްލެޓިނަމް ސްޕޮންސަރު ދިރާގާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ދިރާގުގެ އިތުރުން ޕްލެޓިނަމް ސްޕޮންސަރުންގެ ތެރޭގައި ދެން ހިމެނެނީ މައިލޯ، އެމްޑަބްލިޔުއެސްސީ އަދި އެލައިޑް --- ފޮޓޯ/ ކްލަބު މޯލްޑިވްސް

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި ހަތަރު ޕްލެޓިނަމް ސްޕޮންސަރުން ހިމެނެއެވެ. ދިރާގުގެ އިތުރުން ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ މައިލޯއާއި މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަދި އެލައިޑް އިންޝުއަރެންސްއެވެ.

ދިރާގުގެ ފަރާތުން ވާހަކަދައްކަވަމުން މިރުޝާން ވިދާޅުވީ، ދިރާގަކީ އަބަދުވެސް ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި ކްލަބު މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް ދިރާގުން ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކްލަބު މޯލްޑިވްސްގެ ޓްރެޜަރާ އަބްދުލް ރަޝީދު އަލީ ވިދާޅުވީ، ދިރާގުގެ އެހީތެރިކަމަށް ކްލަބު މޯލްޑިވްސްގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކުރާ ކަމަށާއި މިއަހަރުގެ މުބާރާތަކީ ވެސް ވަރަށް ކާމިޔާބު މުބާރާތަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އަންނަމަހުގެ އަށްވަނަ ދުވަހު ފަށާ ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގައި 32 ޓީމު ބައިވެރިވެފައިވާއިރު، އަންހެން ބައިގައި މިއަހަރު 12 ޓީމު ބައިވެރިވެފައިވެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ 8 ވަނަ އަހަރެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް