މަސީހާ ދެކޮޅަށް ވޯޓް ދޭނީ ހޫނުފެނަށް އެރެން ބޭނުންވާ މެމްބަރުން: އިލްހާމް

ޕީޕީއެމްއާ ބައެއް މެމްބަރުން ގުޅުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން ވޯޓް ދޭނީ ހޫނުފެނަށް އެރެން ބޭނުންވާ މެމްބަރުންކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް 26 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެ މައްސަލަ މިހާރު ވަނީ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.

ޕީޕީއެމަށް ބައެއް ބޭފުޅުން ސޮއިކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ވައްދައިގެން ސަރުކާރަށް ދަތިކޮށް ސަރުކާރު ހުއްޓުވުމަކަށް ގެނައުމަށް ކަމަށާއި ނަމަވެސް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން އެ ޖާގައެއް ނުދޭނެ ކަމަށެވެ.

" ހޫނު ފެނުގަ އަތްލާން ބޭނުންވެއްޖެ ނަމަ ވޯޓްލާ. އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓް ލާނީ ހޫނުފެނުގައި އަތްލާން ބޭނުންވެއްޖެޔާ. ބޭރުންވެސް އައިސް މި ވޯޓްގައި އަތްލާން ޖެހޭނީ ހޫނުފެނުގައި އަތްލާން ބޭނުންވެއްޖެޔާ. ފައި މައްޗަށް އެޅޭނެ ހޫނުފެން،" އޭނާ ވިދާޅުވިއެވެ.

އިލްހާމް ވިދާޅުުވީ ވޯޓްގައި ބައިވެރިވުމަށްފަހު ފައި މައްޗަށް ހޫނުފެން އެޅުމުން އެއްފަރާތް ކޮށްދެއްވާށޭ ކިޔާ ފަހަތުން އަންނާނެ ކަމަށާއިި ނަމަވެސް އެދުވަހަކުން އޭނާއަށް ކުރެވޭނެ އެއްވެސް ކަމައް ނޯންނާނެ ކަމަށެވެ.

އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓު ލިބިއްޖެ ނަމަ ފާސްވާނެ އެވެ. މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

"އަޅުގަނޑުމެން މި ތިބީ ރައީސް ޔާމިންގެ ފަހަތުޕުޅުގައި. ރައީސް ޔާމިނަށް ދެރަވާ އެއްވެސް ކަމެއްގައި މި ޕީޖީ މެމްބަރަކު ނުކުރައްވާނެ. އިދިކޮޅު ފަރާތްތަކުގެ އަތުން ގެއްލޭނީ ވޯޓް. ބައްލަވަން ތިއްބަވާ ކޮންބައެއް ތޯ އެ ދުވަހު ފާހަނާއަށް ދާނީ. ބައެއް ބޭފުޅުން ދަރިފުޅު ބަލިވެގެން ބޭރަށް ވެސް ވަޑައިގަންނަވާނެ،" އިލްހާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަމުގައި ހުންނެވީ މިފަހުގެ ތާރީހްގައި ސިޔާސީ ކަލްކިއުލޭޝަން ހައްދަވަން އެންމެ މޮޅު ބޭފުޅާ ކަމަށާއި މިވެރިކަން ވައްޓާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް