ޒިންމާ އަދާނުކޮށް އިންޒާރު ދިނުމުން ދެކޮޅެއް ނުޖެހޭ

މީޑިއާ ކައުންސިލާއި ބުރޮޑްކާސްޓިން ކޮމިޝަންގެ ވެރިން އެއް މޭޒެއްގައި-- ފޮޓޯ: ބްރޮޑްކާސްޓިން

ބައެއް ނޫސްތަކުން ހުސް ބަދުއަހުލާގީ ހަބަރުތައް ގެނެސްދޭ ވާހަކައެވެ. އަނެއް ބަޔަކު ފިތުނަ އުފައްދަމުން ދާ ވާހަކަ އެވެ. މީޑިއާތަކުން ރަނގަޅު ކޮންޓެންޓެން ނުގެނެސްދެވޭ ވާހަކަ އެވެ. ނޫސްވެރިންގެ އަހުލާގީ މިންގަނޑާއި ފެންވަރު ދަށްވާހަކަ އެވެ. މިއީ މިއަދު ދިވެހި މީޑިއާއަށް އޮތް ތުހުމަތުތަކެވެ. ކަން އެގޮތަށް އޮތްއިރު ދެން ކުރިމަތިލާންޖެހިފައި ވަނީ މިނިވަން މުއައްސަސާތަކުގެ އިންޒާރެވެ.

މީޑިއާތަކުން ކަސިޔާރު އަމަލުތައް ކުރާކަމަށް ބުނެ އިންޒާރުތައް ދެމުންދާއިރު އެ އިންޒާރު ދޭ ފަރާތްތަކުގެ ނުވަތަ މީޑިއާ ރެގިއުލޭޓް ބޮޑީތަކުގެ ޒިންމާއަދާކުރޭތޯ ބަލަންޖެހެ އެވެ. މީޑިއާ ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މިނިވަން ދެ މުއައްސަސާއަށް ދައުލަތުން މިއަހަރު ވެސް 8.8 މިލިއަން ރުފިޔާ ހަރަދުކުރާއިރު ޒިންމާ އަދާނުކުރުމުން އެފަރާތްތަކަށް ދޭން ޖެހޭ އިންޒާރުގެ ވާހަކަ ވެސް ދައްކަންޖެހެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ރައީސް އޮފީސް

ބަޖެޓުން 5.2 މިލިއަން ހަރަދުކުރާ މޯލްޑިވްސް ބުރޮޑްކާސްޓިން ކޮމިޝަނާއި 3.6 މިލިއަން ހަރަދުކުރާ މީޑިއާ ކައުންސިލްގެ ހަމައެކަނި ޒިންމާއަކީ މީޑިއާތަކަށް އިންޒާރު ދީ ފިޔަވަޅު އެޅުމެއްނޫނެވެ.

މީޑިއާކައުންސިލްގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކަށް ބަލާ އިރު ގާނޫނުގެ ދަށުން ވީހާ ވެސް ފުޅާދާއިރާއެއްގައި މީޑިއާގެ މިނިވަންކަން އެކަށައަޅައި އާލާކޮށް ދަމަހައްޓަންޖެހެ އެވެ. ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ގާއިމުކޮށް ދިނުމަކީ އެކައުންސިލްގެ ގާނޫނީ ޒިންމާ އެވެ. ހިޔާލުފާޅުކުރުމާ ދެކޮޅަށް ކުރާކަންތަކާ ދެކޮޅަށް މަސައްކަތް ކުރަންޖެހެ އެވެ. މީޑިއާތަކަށް ފަންނީ ހުނަރުވެރިކަން ހޯދުމަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކާ ގުޅިގެން އެ ފުރުސަތު ހޯދައިދިނުމަށް މީޑިއާ ކައުންސިލް އަށް ހާޒިރު ކުރެ އެވެ.

ބުރޮޑްކާސްޓިން ކޮމިޝަންއަށް ބަލާއިރު އެކޮމިޝަންގެ ގާނޫނީ ޒިންމާތަކުގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަން ދަމަހައްޓައި މީޑިއާގެ ދާއިރާއިން ތަފާތު ހިޔާލުތަކަށް ފުރުސަތު ލިބޭގޮތް ހަމަޖައްސައިދޭންޖެހެ އެވެ. ހަމަ އެހެންމެ ދިވެހި އުފެއްދުންތައް ބްރޯޑްކާސްޓުކުރުމުގެ ދާއިރާގައި ކުރިއަރުވައި އާލާކުރުމަށް ބާރު އެޅުމަކީ އެކޮމިޝަންގެ ޒިންމާއެކެވެ.

އަބުރުގެ ގާނޫނެއް ވުޖޫދަށް ގެނެސް އޭގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނާއިރު އެގާނޫނަށް މީޑިއާތައް ހޭލުންތެރިކުރަން ކުރާތަނެއް ނުފެނެ އެވެ. ހިތައްއެރި ބަޔަކު މީޑިއާތަކަށް އިންޒާރު ދޭއިރު ބަސްބުނާނެ މުއައްސަސާއެއް ނުފެނެއެވެ. ދިވެހި މީޑިއާގައި މަސައްކަތްކުރާތާ ދުވަސްވީ ފަރާތްތަކުން އެއިދާރާތަކުގެ ގާނޫނީ ވާޖިބު އަދާކުރާކަމަށް ގަބޫލެއް ނުކުރެ އެވެ. އެއަށް ވުރެ މުސާރަ ލިބޭތީ ހިންގާތަންތަން ކަމަށް ސިފަކުރެވެނީ ނަތީޖާ ނެރެން ކުރާ މަސައްކަތެއް ނުފެންނާތީ އެވެ. މީޑިއާ ކައުންސިލްވެސް ބުރޮޑްކާސްޓިން ކޮމިޝަން ވެސް ސިފަކުރަނީ އެގޮތަށެވެ. ހާއްސަކޮށް ދައުލަތުން ބުރޮޑްކާސްޓިން ކޮމިޝަނަށް ބޮޑު ހަރަދެއްކުރާއިރު އެކޮމިޝަނަށް ރައްދުވާ ފާޑުކިޔުން ބޮޑެވެ.

އިންޑިއާ ސަފީރާ މީޑިއާ ކައުންސިލްގެ މެމްބަރުން ބައްދަލުކުރައްވަނީ --- ފޮޓޯ/ މީޑިއާ ކައުންސިލް

"ބުރޮޑްކާސްޓިން ކޮމިޝަނުން ނޫސްވެރިންގެ މަސައްކަތް ހިމާޔަތް ކުރުމުގެ ބަދަލުގައި ކޮމިޝަނުން ހަމައެކަނި ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ވާހަކަ ދައްކަމުން ދިޔަތަން، މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ކުރަންޖެހޭ ކަންތަކެއް ނުކުރޭ،" ހަވީރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް ކުރިން ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވި ގޮތުގައި އެކޮމިޝަނުން ހަމައެކަނި ކުރާކަމަކީ މީޑިއާތަކާ މެދު ފިޔަވަޅު އެޅުން ނޫން ކަމަށާއި ތަމްރީނު ކުރުމަށް ވެސް މަސައްކަތްކުރާ ކަމަށެވެ. މީޑިއާތަކަށް ތަމްރީން ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބަޖެޓުގެ ދަތިކަންކަމަށް ޝަހީބް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބްނުވެފައެވެ.

ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސްއަށް މުސާރައިގެ ގޮތުގައި މަހަކު 40000 ރުފިޔާ ލިބެ އެވެ. ޕާޓައިމް މެމްބަރުން ތިބެގެން ހިންގާ މީޑިއާ ކައުންސިލްގައި 15 މެމްބަރުން ތިބޭއިރު މެމްބަރަކަށް މަހަކު 5000 ރުފިޔާގެ މުސާރައެއްދެ އެވެ.

ނޫސްވެރިންގެ ޖަމިއްޔާތަކުން ވަނީ ރާއްޖެ އިން ބޭރަށް ފޮނުވައިގެން ނޫސްވެރިން ތަމްރީނުކޮށްފަ އެވެ. އެއީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކޮށްދިން ކަންކަމެވެ. ނަމަވެސް ދައުލަތުން މިލިއަނުން ހަރަދުކުރާ މީޑިއާގެ ބެލެނިވެރި ދެ ފަރާތުން ވެސް އެކަން އެންމެ އެކަށޭނަ ގޮތެއްގައި ކުރާ ތަނެއް ނުފެ އެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ މެމްބަރު ޑރ. އަހުމަދު ޒަކީ ނާފިޒް ވިދާޅުވި ގޮތުގައި މީޑިއާގެ ބެލެނިވެރި ފަރާތްތަކުގެ މަސައްކަތް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިމޭޖް ރަނގަޅު ކުރުމަށް ބައްޓަން ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަން ކުރެވޭތަން ނުފެންނަ ކަމަށެވެ.

"މީޑިއާ ބޭފުޅުންގެ އިމޭޖް ރަނގަޅު ކުރަން ޖެހޭ، އެކަންވާނީ ތަމްރީނުތައް ދީގެން، ނޮލެޖް ރަނގަޅުކޮށްދީގެން،" ޑރ. ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ މީޑިއާ ކައުންސިލް ރަނގަޅު ކުރުމަށް ގާނޫނަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. ގާނޫނުން އެ ކައުންސިލް ހިނގުމަށް ބާރު އަޅައި އެކަށޭނަ އުޖޫރައެއް މެމްބަރުންނަށް ލިބޭގޮތް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިހާރު ގާނޫނު ބުނާ ގޮތުން އެއް ބައްދަލުވުން ނޫނީ ދެ ބައްދަލުވުން މަހަކު ބާއްވަންޖެހެނީ، އެގޮތުން ކައުންސިލްގެ ގާނޫނު އިނީ ޒިންމާ އަދާކުރަން ބާރު އަޅާގޮތަކަށް ނޫން،" ޒަކީ ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގައި ނޫސްވެރިކަން ކިޔަވައިދޭ ލެކްޗަރާ ޝަމާން ޝާކިރު ވިދާޅުވި ގޮތުގައި މީޑިއާގެ ބެލެނިވެރިން މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީން ކުރުމަށް މަސައްކަތް ކުރަންޖެހޭ އިރުު އެކަން ކުރާތަނެއް ނުފެނެ އެވެ.

ބޭކާރު ހަރަދެއް، ބޭނުމީ އެއް ކޮމިޝަން

ތަޖުރިބާކާރު އެއް ނޫސްވެރިޔާ އަދި މީޑިއާ ޑެވެލޮޕްމަންޓް ފައުންޑޭޝަން މޯލްޑިވްސް (އެމްޑީއެފްއެމް)ގެ ޗެއާމަން އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި ގޮތުގައި މީޑިއާ ރެގިއުލޭޓް ކުރުމަށް އޮތް އެންމެ ރަނގަޅު ނިޒާމަކީ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އެއްކޮށްލައި އެއް ކޮމިޝަނެއްގެ ދަށުން ޒިންމާތައް އަދާ ކުރުމެވެ.

ބްރޮޑްކާސްޓިން ކޮމިޝަން އާއި މީޑިއާ ކައުންސިލް ހިންގާ އިމާރާތް-- ސަން ފައިލް ފޮޓޯ

އެ ވިސްނުމާއި ހަވީރުގެ އެޑިޓަރު މޫސަ ވެސް އެއްބަސްވެ އެވެ. ދެ ކައުންސިލް އެއް ކޮށްލައިގެން އެއް ކޮމިޝަނެއް ހަދާއިރު އެތަނުގައި ތިބޭ މެމްބަރުންނަކީ މީޑިއާތަކުން ހޮވާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. ސަރުކާރު ބޭނުންވާ މީހުން އައްޔަން ކުރެވުނު ނަމަވެސް މެޖޯރިޓީ މެމްބަރުން ހިމެނެންވާނީ މީޑިއާތަކުން އިންތިހާބު ކުރާ މެމްބަރުންގެ ތެރެއަށް ކަމަށް މޫސަ ވިދާޅުވި އެވެ.

ދުނިޔޭގެ "ބެސްޓް ޕަރެކްޓިސް" އަކީ މީޑިއާގެ ކަންކަން ބަލަން ތަޖުރިބާކާރު މީހުން އައްޔަން ކުރުމެވެ. ކޮންމެހެން މާގިނަ މެމްބަރުން ތަކަކަށް ވާކަށް ނުޖެހެ އެވެ. އެކޮމިޝަނަކުން ކަނޑައަޅާ އުސޫލަކަށް މީޑިއާތަކުން ވެސް އަމަލުކުރާނެ އެވެ. ނަމަވެސް ރާއްޖޭގެ މީޑިއާތައް ބެލުމަށް އޮންނަ ފަރާތްތަކަށް އެ އިތުބާރު ނޯންނާތީ އެކަން ކާމިޔާބު ނުވެ އެވެ.

ކޮންމެ އަކަސް މީޑިއާގެ ބެލެނިވެރިން ދެ ފަރާތުގެ ޒިންމާ އަދާނުކޮށް ހަމައެކަނި ފިޔަވަޅު އެޅުމަކުން ދެކޮޅެއްނުޖެހެ އެވެ. ގާނޫނުގައި އޮތީ އަދި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަނީ ހަމައެކަނި މީޑިއާތަކަށް ފިޔަވަޅުއަޅައި އިންޒާރު ދޭކަށް ނޫނެވެ. ގާނޫނީ އެހެން ޒިންމާތަކެއްވެ އެވެ. ފުރަތަމަ ޒިންމާއަކީ މީޑިއާތައް ހަމަމަގަށް އެޅުމަށް ތަމްރީނުތައް ދިނުމެވެ. އެކަން އިންޒާރުދިނުމަކުން ދެކޮޅެއްނުޖެހެ އެވެ.

comment ކޮމެންޓް