ޕީޕީއެމް ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

ހ. ތެމާގައި ހުންނަ ޕީޕީއެމް ރައީސްގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ބާލަނީ --

ހ. ތެމާގައި ހިންގާ ޕީޕީއެމްގެ ރައީސް އޮފީހުގައި ނަގާފައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި އެވެ.

ޕީޕީއެމްގެ އަބްދުލް އަލީމް 'ސަން' އަށް ވިދާޅުވީ، ފުލުހުން ގުޅާފައި ދިދަ ބާލައި ދިނުމަށް އެދުނު ކަމަށެވެ. އެހެން ނަމަވެސް އޮފީހަށް ނުދެވޭނެ ކަމަށާއި، ބޭނުން ނަމަ ދިދަ ބާލައިގެން ދިޔަސް އެންމެ ރަނގަޅު ކަމަށް ފުލުހުންނަށް ދެންނެވި ކަމަށް އަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުން ދިދަ ބާލާފައި ވަނީ، ދިދަ ބޭނުން ކުރުމުގެ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން އެ އޮފީހުގައި ދިދަ ބޭނުން ނުކުރެވޭނެ ކަމަށް ބުނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ އޮފީހުގައި ނަގާފައިވާ ދިދަ ފުލުހުން ބާލާފައި ވަނީ، ގައުމީ ދިދަ ބޭނުން ކުރުމުގެ އުސޫލު ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.

ޕީޕީއެމް ރައީސްގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ބޭލުމަށް މިމަހުގެ 10 ވަނަ ދުވަހު ވެސް ފުލުހުން ވަނީ އަންގައިފަ އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ހޯމް މިނިސްޓްރީން ގެޒެޓުކުރި ގައުމީ ދިދަ ބޭނުން ކުރުމުގެ އުސޫލުގައިވާ ގޮތުން ގައުމީ ދިދަ ނަގާފައި ބެހެއްޓޭނީ އެ އުސޫލުގައި ލިސްޓް ކޮށްފައިވާ ތަންތަނުގަ އެވެ. އެނޫން ތަންތަނުގައި ދިދަ ނަގާފައި ބެހެއްޓޭނީ، ހޯމް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ.

އެ އުސޫލު ހަދާފައި ވަނީ، ގައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތައި، އެ ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީގޮތް އަދި ބޭނުން ކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންތައް ބަޔާން ކުރުމަށް ކަމަށް ހޯމް މިނިސްޓްރީން އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

comment ކޮމެންޓް