ޕީޕީއެމް މަޖިލިސް މެމްބަރުން ނުވިކޭނެ، ނުވެސް ގަނެވޭނެ: އަދުރޭ

ޕީޕީއެމަށް އިތުރު ބަޔަކު ސޮއިކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަދުރޭ ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ޕީޕީއެމްގެ އެއްވެސް މަޖިލިސް މެމްބަރަކު ނުވިކޭނެ ކަމަށާއި، ނުވެސް ގަނެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް އިތުރު ބަޔަކު ސޮއިކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ވޯޓަށް ފަހު މަޖިލީހުން ނުކުންނާނީ ފަހުރުވެރިކަމާ އެކު މޭގައި އަތް ޖަހާލާފައި އިދިކޮޅު ފަރާތްތައް ބަލިކުރުމަށް ފަހު ކަމަށެވެ.

އަދި ވިދާޅުވީ ޕީޕީއެމް ޕީޖީ ގުރޫޕުގެ މެމްބަރުން ނުގަނެވޭނެ ކަމަށެވެ. އަދި ޕީޖީ ގުރޫޕު އޮތީ ރައީސް ޔާމީންގެ ފަހަތުގައި ސާބިތުވެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ނުވެސް ގަނެވޭނެ. ނުވެސް ވިކޭނެ. ނުވެސް ހެއްލޭނެ،" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު 25 މެމްބަރަކު ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެށޭ ހަފްތާގެ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ މަސީހު މަގާމުން ދުރުކުރެވޭ ވަރަށް ވޯޓު ހަމަވެފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ މަޖިލީހުގެ މެމްބަރު ކަމަކީ ރައްޔިތުން އިންތިހާބުކުރާ މަގާމެއް ކަމަށާއި އެއީ ވަކި ފާހެއް އޮވެގެން ލިބޭ ކަމެއް ނޫން ކަމަށެވެ. އެހެންވީމަ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް އަޑު އުފުލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ބައެއް މެމްބަރުންނަށް މަޖިލީހުގެ ގޮނޑި ހޯދައިދިނީ ސަރުކާރު ވިއްކައިގެން ކަމަށާއި އެ ދާއިރާތަކުގެ ރައްޔިތުން ބޭނުން ވަނީ ގައުމަށާއި ދާއިރާއަށް ކުރިއެރުން ހޯދަން ކަމަށެވެ.

"މިއަދު އެއާ ދެކޮޅަށް ނުކުމެ މިއީ ހިތްވަރުކުރަންވީ ވަގުތޭ ވިދާޅުވީމަ އަޅުގަނޑު ގާތަށް އަންނަނީ ހިނި،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތޭ ކިޔައި ބާރުލައި އެ ވާހަކަ ދައްކާ އިރު އެންމެ ބޮޑު ހިޔާނާތަކީ އެފްޕީއައިޑީގެ ހިޔާނާތް ކަމަށެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގާފައިވާ ހިޔާނާތެކެވެ.

އެ ހިޔާނާތުގެ ޖުމްލަ އަދަދު 100 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ބައެއް ފަރާތްތަކުން އަންދާޒާ ކުރެ އެވެ.

އަދުރޭ ވިދާޅުވީ މިއަދުގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަދައްކާ އިރު "ތިމާމެންގެ ފަސްބަޔަށް ވެސް ބަލާލަން ޖެހޭ" ކަމަށެވެ.

comment ކޮމެންޓް