ޔޮޓް ޓުއާސްގެ އެކައުންޓުތައް ފްރީޒްކޮށްފި

ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސްގެ އެކައުންޓުތައް ފްރީޒްކޮށްފި އެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައި 'ސަން' އާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ، ހއ. އަލިދޫ އާއި ހއ. ބީނާފުށީގެ ކުއްޔާއި ޓެކްސްގެ މައްސަލާގައި ކަމަށެވެ.

އެހެން ނަމަވެސް ދައްކަން ޖެހޭ އެއްވެސް ޓެކްސްއެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"މީރާއަށް އަޅުގަނޑު ދައްކަން ޖެހޭ އެއްވެސް ޓެކްސް އެއް ނޯންނާނެ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، އެ މައްސަލަ އޮތީ ކޯޓުގައި ކަމަށާއި، ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް އެގޮތަށް އެކައުންޓްތައް ފްރީޒް ނުކުރެވޭނެ ކަމަށެވެ. އަދި އެ ރަށްތަކުގެ ޖޫރިމަނާގެ ކަންކަން ނިންމޭނީ ކޯޓު މަރުހަލާއިން ގޮތެއް ނިމިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކައުންޓުތައް ފްރީޒް ކުރީ، އޭނާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން ކަމަށެވެ.

"އެކައުންޓްތައް ފްރީޒް ކުރިޔަސް މި މަސައްކަތް ހުއްޓައެއް ނުލާނަން،" ޖާބިރު ވިދާޅުވި އެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ޔޮޓް ޓުއާސް އަށް ދޫކޮށްފައިވާ ހއ. ބީނާފުއްޓާއި އެރަށް ކައިރީގައިވާ ކަނޑާލި ފިނޮޅު އަނބުރާ ސަރުކާރަށް ނެގީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް