ޓްރަމްޕްގެ ކޭންޕޭނަށް ރަޝިޔާ އިން 750 މިލިޔަން ޑޮލަރު ހޯއްދެވިކަމުގެ ތުހުމަތެއް

ޓްރަމްޕްގެ ކުރީގެ ކޭންޕޭން މެނޭޖަރު ޕޯލް މެނަފޯޓް

ކިޔޭވް (މާޗް 22) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ކޭންޕޭން މެނޭޖަރު ޕޯލް މެނަފޯޓް، ރަޝިޔާއާ ގުޅުން ހުރި ފަރާތަކުން ސިއްރިޔާތުގައި 750 މިލިޔަން ޑޮލަރު ހޯއްދަވާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޔުކްރޭންގެ ޕާލަމެންޓް މެންބަރެއްކަމަށްވާ ސަރްގީ ލިޗިޝްކޯ ވިދާޅުވީ ޓްރަމްޕް، އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކޭންޕޭން ކުރެއްވި ދުވަސްވަރު އޭނާގެ ކޭންޕޭން މެނޭޖަރެއްގެ މަގާމު އަދާކުރެއްވި ޕޯލް މެނަފޯޓް އަށް ރަޝިޔާ ސަރުކާރާ ގާތްގުޅުންތަކެއް އޮންނަ ޕާޓީއަކުން 750 މިލިޔަން ޑޮލަރު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމުގެ ހެކިތައް އެބަހުރިކަމުގަ އެވެ.

މިކަމުގެ ހެއްކެތްގެ ގޮތުގައި ލިޗިޝްކޯ ވަނީ ރަޝިޔާ އާ ގާތްގުޅުންތަކެއް އޮންނަ ޔުކްރޭންގެ ޕާޓީއަކުން ޕޯލް 750 މިލިޔަން ޑޮލަރު ނެންގެވި ކަމަށް އޭނާ ސޮއި ކުރައްވާފައިވާ އޮރިޖިނަލް ލިޔުމެއް ހާމަކުރައްވައިފަ އެވެ. ލިޗިޝްކޯ އަކީ ކުޅަދާނަ ނޫސްވެރިއެއް ވެސްމެ އެވެ. މިތުހުމަތޔުތަކާ ގުޅިގެން ޓްރަމްޕްގެ ކުރީގެ ކޭންޕޭން މެނޭޖަރު ޕޯލް ވަނީ މިއީ ދޮގެއްކަމަށް ސިފަކުރައްވައި އެއްވެސް ފަރާތަކުން ސިއްރިޔާތުގައި އޭނާ އަށް ފައިސާ ދީފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ލިޗިޝްކޯ ހާމަކުރެއްވި ލިޔުމަކީ ފޯޖްކޮށްފައިވާ ލިޔުމެއްކަމާއި އޭގައި ވަނީ އޭނާގެ ސޮއި ނޫންކަމަށް ވިދާޅުވުމަށް ޕޯލް ވަނީ ފަސްޖެހިފަ އެވެ.

އެ މައްސަލަ ބޭޒާރުކޮށްލެއްވި ލިޗިޝްކޯ ހާމަކުރެއްވި ލިޔުންތަކުގެ ތެރޭގައި ޕޯލްއަށް ފައިސާ ލިބިފައި ވަނީ ކިރްގިސްތާނުގެ ބޭންކެއްގައިވާ އެކައުންޓަކުންކަން ސާބިތުވާ ލިޔުންތަކެއް ވެސް ހިމެނެ އެވެ. ޓްރަމްޕްގެ ކޭންޕޭން މެނޭޖަރެއްގެ ދައުރު އަދާކުރުމުގެ ކުރިން ޕޯލް މެނަފޯޓް ވަނީ ރަޝިޔާއާ ގާތްގުޅުންތަކެއް އޮންނަ ޔުކްރޭންގެ ކުރީގެ ރައީސް ވިކްޓަރ ޔަނަކޮވިޗް ގެ މުސްތަޝާރެއްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ޕޯލް އާއި ޔުކްރޭންގެ ކުރީގެ ރައީސް ވިކްޓަރ ޔަނަކޮވިޗް އާ ދެމެދު ސިއްރު ގުޅުންތަކެއް އޮތްކަން ހާމަވުމާގުޅިގެން 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޕޯލްވަނީ ޓްރަމްޕްގެ ކޭންޕޭން މެނޭޖަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ރަޝިޔާއާ ގާތްގުޅުންތަކެއް އޮންނަ ޔުކްރޭންގެ ކުރީގެ ރައީސް ވިކްޓާ ޔަނަކޮވިޗް މަގާމުން ދުރުކުރީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އަޑީގައި ތިބެގެން 2014 ވަނަ އަހަރު ޔުކްރޭނަށް ގެނައި މަދަނީ އިންގިލާބެއްގެ ތެރެއިންނެވެ.

މިއިންގިލާބަށް ފަހު ޔަނަކޮވިޗް ވަނީ ރަޝިޔާއަށް ފިއްލަވައި ރަޝިޔާ އިން ސިޔާސީ ހިމާޔަތް ހޯއްދަވާފަ އެވެ. އަދި އިންގިލާބަށް ފަހު ޔުކްރޭންގެ ވެރިކަން އަތުލީ އެމެރިކާއާއި ޔޫރަޕަށް ތާއީދުކުރާ ބައެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި އޭނާގެ ޓީމުގެ މައްޗަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރަޝިޔާއާ އެކު ސިއްރުގުޅުންތަކެއް ބޭއްވިކަމުގެ ތުހުމަތުތައް ކުރަމުންނެވެ.

އެމެރިކާގެ ވެރިކަމާ ޓްރަމްޕް ހަވާލުވުމުގެ ކުރިން ޓްރަމްޕްގެ ޓީމުގެ ބައެއް މެންބަރުން ވޮޝިންޓަންގައި ހުންނަވާ ރަޝިޔާގެ ސަފީރު އާ ބައްދަލުކުރައްވައި ސިޔާސީ މުއާމަލާތްތަކެއް ހިންގެވި މައްސަލަތަކެއް ވެސް ދާދިފަހުން ވަނީ ފަޅާއަރާފަ އެވެ. މިމައްސަލަ ބޭޒާރުވެގެން އެންމެ ފުރަތަމަ މަގާމުން އިސްތިއުފާ ދެއްވީ ޓްރަމްޕްގެ ސަރުކާރުގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު މައިކަލް ފްލިންއެވެ. އަދި ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް އާއި ދާޚިލީ އަމަނާ ބެހޭ ވަޒީރު ޖޯން އެފް ކެލީ ވެސް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރަޝިއާގެ ސަފީރާ ބައްދަލުކުރެއްވި މައްސަލަވަނީ ބޭޒާރުވެފަ އެވެ.

ޓްރަމްޕްގެ ޓީމާއި ރަޝިޔާއާ ދެމެދު ސިއްރު ގުޅުންތަކެއް އޮތް ވާހަކަ ފެންމަތިވެފައި ވަނީ ޓްރަމްޕްގެ ވެރިކަމަށް ކޭންޕޭން ކުރެއްވި ދުވަސްވަރުގައި ކަމަށް ވިޔަސް ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމުން މިމައްސަލަ އެމެރިކާގެ އެތެރޭގައި ވަނީ އިތުރަށް ހޫނުވެފަ އެވެ.

ރަޝިޔާއަކީ އެމެރިކާއަށް ފުޅާ ދާއިރާއެއްގައި ޖާސޫސު ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ގައުމަކަށް ވުމުގެ އިތުރުން ރަޝިޔާއަކީ ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާއާ ވާދަކުރާ އެންމެ ބޮޑު އެއްބާރުކަމުން ޗައިނާއެކޭ އެއްގޮތަށް ރަޝިޔާއާ މެދު އެމެރިކާގެ ސިޔާސީ ފަރާތްތަކާއި އާންމުންގެ ގިނަބަޔަކު ދެކެނީ ބޮޑު ދުޝްމަނެއްގެ ގޮތުގަ އެވެ. މިއާއެކު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ރަޝިޔާގެ މައްޗަށް ކުރެވިފައިވުމުގެ ސަބަބުން ޓްރަމްޕް ވަނީ އެމެރިކާގެ އެތެރޭގައި ވަރަށް ބޮޑަށް 'ހޫނުފެނަށް" ވެއްޓި ވަޑައިގެންފަ އެވެ.

އަނެއްކޮޅުން ޓްރަމްޕްގެ ދަނބިދަރިކަލުން ގެރިޑް ކުޝްނާ ވެސް މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު (ޓްރަމްޕަށް ވެރިކަން ލިބިވަޑައިގަތުމުގެ އެއްމަސް ކުރިން) ވޮޝިންޓަންގައި ހުންނަވާ ރަޝިޔާގެ ސަފީރު ކިސްލާކް އާ ބައްދަލުކުރައްވިކަންވެސް ވަނީ ބޭޒާރުވެފަ އެވެ. އަދި ޓްރަމްޕްގެ ފިރިހެން ދެ ދަރިކަލަކު އަމިއްލަ ދަތުރުފުޅެއްގައި އެމެރިކާ ސަރުކާރުގެ އެތަށް މިލިޔަން ޑޮލަރެއް ބޭނުން ކުރެއްވިކަމުގެ އަޑުތަކެއް އެރުމާގުޅިގެން މިކަން ތަހްގީގްކޮށް ބެލުމަށް ކޮންގްރެސްގެ ބައެއް މެންބަރުންވަނީ ގޮވާލައްވައިފަ އެވެ.

އެ މައްސަލަތަކާއި އެމެރިކާގެ އެތެރޭން ކުރިމަތިވަމުންދާ އެނޫން އެތައް ފިއްތުންތަކާ އެކު މަގާމުން އިސްތިއުފާ ދެއްވަން ޓްރަމްޕަށް ޖެހިވަޑައިގެންފާނެ ކަމަށް ކޮންގްރެސްގެ ބައެއް މެންބަރުން ވަނީ ވިދާޅުވާން ފައްޓަވައިފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު