"ސާފު ފެނާއި ރައްކާތެރި ނަރުދަމާ އެންމެނަށް" ކެމްޕޭނު ފަށައިފި

ފެންފަހި ޕްރޮގްރާމް މިނިސްޓަރު އިފްތިތާހު ކޮށްދެއްވަނީ--- ސަން ފޮޓޯ/ މުހަންމަދު އަފްރާހު

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ސާފު ފެނާއި ނަރުދަމާ އެންމެނަށް" މި ނަމުގައި ނޭޝަނަލް އެވެއާނަސް ކެމްޕޭނެއް މިނިސްޓްރީ އޮފް އެންވަރަމެންޓް އެންޑް އެނާޖީން ފައްޓަވައިފި އެވެ.

އެކަމަށް ޓަކައި މިއަދު ހެނދުނު މިނިސްޓްރީ އޮފް އެންވަރަމެންޓް އެންޑް އެނާޖީގައި ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕޭން ފައްޓަވައި ދެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

ފެންފަހި ޕްރޮގްރާމަކީ ފެނުގެ ވަސީލަތްތަކާއި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމުގެ މުހިންމު ކަމާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން އެކުލަވާލި ކެމްޕޭނެކެވެ. އެގޮތުން މި ކަންކަމަށް ހޭލުންތެރި ކުރުމަށް ތަފާތު ހޭލުންތެރިކުރުވުމުގެ ޕްރޮގުތާމްތައް ބޭއްވަމަށް ވަނީ ހަމަ ޖެހިފަ އެވެ.

އެ ރަސްމިޔައްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތޯރިގް ވިދާޅުވީ ފެނަކީ ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް އެއާ ނުލައި ނޫޅެވޭނެ އެއްޗެއްކަމަށާއި ފެން ރައްކާތެރި ގޮތުގައި ބޭނުންކޮށް ސާފު ފެން ހޯދުމަކީ ކޮންމެ ބޭފުޅެއްގެ ޒިންމާއެއް ކަމަށެވެ.

ފެންފަހި ތައާރަފު ކުރުމުގެ ރަސމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހަންމަދު އަފްރާހު

"ދުނިޔޭގެ އެކި ހިސާބުތަކުގައި 780 މިލިޔަން މީހުނަށް ސާފު ފެން ނުލިބޭ، އެހެންނަމަވެސް ގައުމުތަކުން ދަނީ މިހާރު ސާފު ބޯފެން އެންމެހާ ފަރާތްތަކަށް ފޯރުކޮއްދިނުމުގެ މަސައްކަތް ކުރަމުން،" ތޯރިގް ވިދާޅުވި އެވެ.

މި ސަރުކާރުގެ އެއް ވައުދަކީ އެންމެނަށް ސާފު ބޯފެން ފޯރުކޮށްދިނުން ކަމަށް ވާތީ އެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ދާ ކަމަށާއި 39 ފަސެންޓު ވަނީ ފުރިހަމަ ކުރެވިފައި ކަމަށް ތޯރިގް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ 27 ރަށެއްގައި ސާފު ބޯފެން ނަގައި ރައްކާކުރެވޭނެ ނިޒާމް ގާއިމް ކޮށްދީފައިވާ އިރު، އިތުރު 76 ރަށެއްގައި އެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީގެ "ފެހިފަހި" ކުލަބުން މިއަދު ވަނީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ފެން ރައްކާކުރުމަށް ބާރުއެޅުމުގެ ގޮތުން މިނިސްޓަރު ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ ކޮންމެ މުވައްޒަފަކަށް ބިއްލޫރި ފުޅިއެއް ހަދިޔާ ކޮށްފަ އެވެ.

comment ކޮމެންޓް