އައިއެލްޓްސް ނަތީޖާ ފަހުން ހުށަހަޅާ ގޮތަށް އޮސްޓްރޭލިއާ ސްކޮލާޝިޕަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފި

އައިއެލްޓްސް ނަތީޖާ ފަހުން ހުށަހަޅާ ގޮތަށް، އޮސްޓްރޭލިއާ އެވޯޑްސް އަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އޮސްޓްރޭލިޔާ އެވޯޑްސް މޯލްޑިވްސް (އޭއޭއެމް) އިން ބުނީ އެގޮތަށް ނިންމީ، މިއަހަރުގެ މާޗު މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އައިއެލްޓްސް އިމްތިހާނު ފުލޫ ރޯގާގެ ސަބަބުން ކެންސަލް ކުރުމާއި ގުޅިގެން ކަމަށެވެ.

އޭއޭއެމްގެ ކަންޓްރީ ޕްރޮގްރާމް މެނޭޖަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ފަހުން ނަތީޖާ ހުށަހަޅާ ގޮތަށް އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ދިން ކަމުގައި ވިޔަސް، އެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަށް ބަދަލު ނާންނާނެ ކަމަށެވެ.

އެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭނާ ވިދާޅުވީ، ސްކޮލާޝިޕަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހަޅާއިރު، ސުންގަޑީގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ އައިއެލްޓްސް އިމްތިހާނެއްގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާކަން ދައްކުވައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން އައިއެލްޓްސް ނަތީޖާ ލިބުމާއެކު އީމެއިލް މެދުވެރިކޮށް އޮސްޓްރޭލިއާ އެވޯޑްސް މޯލްޑިވްސް ޕްރޮގްރާމަށް ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްކޯލާޝިޕްތަކަކީ އެ އޮސްޓްރޭލިއާއިން، އެ ގައުމުގެ އެކުވެރި ގައުމުތަކާ އޮންނަ ގާތް ގުޅުން ބަދަހި ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދޭ ސްކޮލާޝިޕްތަކެކެވެ.

އެގޮތުން މި އަހަރު އެ ގައުމުން ރާއްޖެއަށް ދީފައިވަނީ ހަތަރު ދާއިރާއަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތެވެ.

  • އެޑިއުކޭޝަން
  • ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް
  • ގުޑް ގަވަނަންސް
  • އިކޮނޮމިކް ޑިވެލޮޕްމެންޓް

މި ހަތަރު ދާއިރާއިން ކޯސްތަކަށް ކުރިމަތިލެވެނީ އޮސްޓްރޭލިޔާގެ ޔުނިވަސިޓީތައް ގަބޫލުކުރާ ފެންވަރުގެ ފުރަތަމަ ޑިގްރީއެއް އޮވެގެންނެވެ. އަދި ކަނޑައެޅިފައިވާ ވަކި މިންގަޑަކަށް އިނގިރޭސީ ބަހުގެ ފެންވަރު ހުރެގެންނެވެ.

ސްކޮލާޝިޕްތަކަށް ހޮވޭ ކުދިންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއްގެ އިތުރުން އޮސްޓްރޭލިޔާ އަށް ކުރާ ދެކޮޅު ދަތުރުގެ ޓީކެޓާއި މެޑިކަލް އިންޝޫރަންސްއާއި އަދި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އޮސްޓްރޭލިއާ އެވޯޑްސް އިން ހާމަކުރެ އެވެ.

އެ ސްކޮލަޝިޕް ޕްރޮގްރާމުގެ ދަށުން އޮސްޓްރޭލިއާގެ 53 ޔުނިވާސިޓީއެއްގައި ތައުލީމް އުނގެނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އެ ސްކޮލާޝިޕްތަކާއި ބެހޭ އިތުރު މައުލޫމާތު އޮސްޓްރޭލިއާ އެވޯޑްސް ސައުތް ވެސްޓް އޭޝިއާގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް