ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ވޯޓެއް ނުދޭނަން: މުހައްމަދު އަލީ

ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނުދެއްވާނެ ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތް ކަމަށް މުހައްމަދު އަލީ ވޯޓު ދެއްވަން ނިންމެވި ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ މިއަދު ސަން އަށް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދޭން އޭނާ ނިންމާފައިނުވާނެ ކަމަށެވެ.

މުހައްމަދު އަލީ ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްދިނުމަށް ސާބިތުކަމާ އެކު ދެމިހުންނަވާނެ ކަމަށެވެ.

"ރާއްޖޭގެ ތަރައްގީއަށް މީގެ ކުރިން އެއްވެސް ރައީސަކުކޮށްފައިނުވާ ވަރުގެ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އަޅުގަނޑު އަބަދުވެސް ހުންނާނީ އެމަނިކުފާނާ އެކު. ރައީސް ޔާމީން ބޭނުންފުޅުވާކަންތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްދިނުމުގައި ސާބިތުކަމާ އެކު އަޅުގަނޑު ދެމިހުންނާނަން،" މުހައްމަދު އަލީ ވިދާޅުވި އެވެ.

ގައުމަށް ގެއްލުންވާ އެއްވެސް ކަމެއް ރައީސް ޔާމީން ކުރައްވާފައިނުވާ ކަމަށާއި އެމަނިކިފާނުގެ ކޮންމެ މަސައްކަތަކީ ގައުމަށް އެތައް ގުނައަކުން ފައިދާ ލިބިގެންދާ މަސައްކަތެއް ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މަސީހާ އެއްކޮޅަށް ވޯޓުދޭން އުނދަގޫ ކަމަށް ބުނެ ބައެއް މެމްބަރުން ވާހަކަ ދައްކާފައިވާ އޯޑިއޯއެއް މިއަދު ވަނީ ލީކްވެފަ އެވެ.

އެ އޯޑިއޯގައި ވާހަކަފުޅު ދައްކަވާފައި ވަނީ މެމްބަރު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

comment ކޮމެންޓް