ފިޔަވަތި ކުދިންގެ ތައުލީމީ ފެންވަރު ރަނގަޅުކުރަން ސެންޓަރުގެ ޓީޗަރުން މެލޭޝިއާއަށް

ފިޔަވަތީގައި އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށްޓަކާ އެ ސެންޓަރުގެ ޓީޗަރުން މެލޭޝިއާގައި ތަމްރީން ހޯދަނީ --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށްޓައި އެ ސެންޓަރުގެ ޓީޗަރުން މެލޭޝިއާގައި ތަމްރީން ކުރަން ފޮނުވައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، ޕަމާޓާ މެލޭޝިއާ އިން ތިން ހަފްތާގެ މުއްދަތަކަށް މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ކުރިއަށް ގެންދާ އެ ތަމްރީން ޕްރޮގްރާމުގައި ފިޔަވަތީގައި މަސައްކަތްކުރާ ޖުމްލަ ފަސް ޓީޗަރުންނާއި މުވައްޒަފުން ބައިވެރިވާ ކަމަށެވެ.

ތަމްރީން ޕްރޮގްރާމްގެ ސަބަބުން ފިޔަވަތީގައި ދިރިއުޅޭ ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންގެ ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް އާލީ ޗައިލްޑްހުޑް އެޑިއުކޭޝަނަށް ހާއްސަ ޕްރޮގްރާމެއް ހިންގައި ކުދިން ޕްރައިމަރީ ސްކޫލަށް ތައްޔާރު ކުރުމަށް އެހީތެރިވެދޭނެ އެވެ.

އޭގެ އިތުރުން އެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު ފިޔަވަތީގައި އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކުރިއަށްގެންދާ ގޮތް މޮނީޓާކުރުމަށާއި އެ ޕްރޮގްރާމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުވުމަށް ޓަކައި ޕާމާޓް މެލޭޝިއާގެ ފަރާތުން ފިޔަވައްޗަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަ އުމުރުން 10 އަހަރުން ދަށުގެ ކުދިން ބަލަހައްޓަމުންދާ ފިޔަވަތި އިފްތިތާހް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އެ މަރުކަޒުގައި މިހާރު 10 އަހަރުން ދަށުގެ 85 ކުދިން އުޅެމުންދެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ދައުލަތުގެ ބެލުމުގައި ހުންނަ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކާ ރާއްޖެއާއި ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން މުސްތަގްބަލްގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް