ކުރިއަށްއޮތީ ސިޓީއަށް ވަރަށް މުހިންމު ހަފްތާތަކެއް: ޓޫރޭ

ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑު ޖެހުމަށްފަހު ސިޓީގެ ޓޫރޭ އުފާފާޅުކުރަނީ: ކުރިއަށްއޮތް މެޗުތައް އުނދަގޫވިޔަސް، އެއީ ވަރަށް މުހިންމު މެޗުތަކެއް ކަމަށް ޓޫރޭ ގަބޫލުކުރޭ --- ފޮޓޯ/ އޭޕީ

ކުރިއަށް އޮތް ހަފްތާތައް މެންޗެސްޓާ ސިޓީއަށް ވަރަށް މުހިންމު ކަމަށް އެ ކްލަބުގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފިއެވެ.

މި ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16އާ ހަމައިން އެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް، ސިޓީއަށް މި ސީޒަނުގައި ދެ ޓާގެޓެއް އަދި އެބައޮތެވެ. އެއީ އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކުރުމާއި، ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުމެވެ.

މި ދުވަސްކޮޅަކީ ސިޓީން ވަރުގަދަ މެޗުތަކެއް ކުޅެން ޖެހޭ ދުވަސްކޮޅެކެވެ. އަންނަމަހުގެ ދެވަނަ ދުވަހު ޕްރިމިއާ ލީގުގައި ސިޓީން އާސެނަލްއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، އަންނަ މަހުގެ ހަ ވަނަ ދުވަހު ސިޓީން ލީގު ތާވަލުގެ އެއް ވަނާގައި އޮތް ޗެލްސީއާ ދެކޮޅަށް ނުކުންނަން ޖެހޭނެއެވެ. އޭގެ އިތުރުން އަންނަ މަސް ނިމުމުގެ ކުރިން ސިޓީން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ވެސް ނުކުންނަން ޖެހޭނެއެވެ.

"އާސެނަލާއި ޗެލްސީ މެޗަކީ ވަރަށް އުނދަގޫ މެޗުތަކަކަށް ވާނެ. އެކަމަކު އެ މެޗުތަކަކަކީ އަހަރެމެންނަށް ތާވަލުގެ އެއްވަނައާ ކައިރިކޮށްލަން ލިބޭނެ ފުރުސަތެއް. އެ މެޗުތަކުން އަހަރެމެންނަށް ޕޮއިންޓްތަކެއް ލިބެއްޖެނަމަ، އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ. އަހަރެމެންނަށް ކުރިއަށް އޮތް ހަފްތާތައް ވަރަށް މުހިންމު،" ޓޫރޭ ބުންޏެވެ.

ޓޫރޭ ބުނީ، އަލުން ޗެމްޕިއަންސް ލީގުގެ އުންމީދުތައް ސަޕޯޓަރުންނަށް ގެނެސްދިނުމަށްޓަކައި ކުރިއަށް އޮތް މެޗުތައް ވަރަށް މުހިންމު ކަމަށާއި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް އަންނަ މަހު ކުޅޭ މެޗަކީ ވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ސިޓީން ނުކުންނަން ޖެހޭނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ އެވެ.

comment ކޮމެންޓް