މޯލްޑިވިއަނަށް އިތުރު އެއާބަސް އޭ321އެއް ގެންނަނީ

ބަންގްލަދޭޝްގެ ދާކާ އެއާޕޯޓުގައި މޯލްޑިވިއަންގެ އޭ321 ބޯޓު -- ފޮޓޯ/ ރައިހާން އަހްމަދު (އެއާޓީމް އިމޭޖެސް)

ގައުމީ އެއާލައިން މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް ކުރަން ބޭނުންކުރާ އެއާބަސް އޭ321 މަރުކާގެ މަތިންދާ ބޯޓެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްއިން މިދިޔަ ހަފްތާގައި ވަނީ އޭ321 މަރުކާގެ ބޯޓެއް ކުއްޔަށް ހިފުމަށް އެދި އިއުލާނެއް ކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، އޭ321 މަރުކާގެ ބޯޓެއް މޯލްޑިވިއަނުން ކުއްޔަށް ހިފާނީ މަދުވެގެން ހަ އަހަރުގެ މުއްދަތަކަށެވެ.

އޭ321 މަރުކާގެ މަތިންދާބޯޓަކީ 200 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަނުން މިހާރު ވެސް އޭ321 މަރުކާގެ ބޯޓެއް އޮޕަރޭޓު ކުރެއެވެ. އޭގެ އިތުރުން، 152 މީހުންގެ ޖާގައިގެ، އެއާބަސް އޭ320 މަރުކާގެ ބޯޓެއް ވެސް މޯލްޑިވިއަނުން އޮޕަރޭޓު ކުރެއެވެ.

މޯލްޑިވިއަނުން އެއާބަސް މަރުކާގެ ބޯޓުތައް ބޭނުންކުރަނީ އެ އެއާލައިނުން ކުރާ ބައިނަލްއަގުވާމީ ދަތުރުތަކަށެވެ.

މޯލްޑިވިއަންގެ ބައިނަލްއަގުވާމީ މަންޒިލުތަކުގެ ތެރޭގައި ޗައިނާގެ ޝިއާން، ވޫހަން، ނަންޖިންގް، ޗޮންގްޗިންގް، ޗެންގްދޫ އަދި ޗަންޝާ ހިމެނެއެވެ.

އަދި ތައިލެންޑުގެ ބެންކޮކް، އިންޑިއާގެ ޗެންނާއީ، ބަންގްލަދޭޝްގެ ދާކާގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމަށް ވެސް މޯލްޑިވިއަނުން ދަތުރު ކުރެއެވެ.

މީގެ އިތުރުން މޯލްޑިވިއަނުން މިއަހަރު ވަނީ ސްރީލަންކާއަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރުވެފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، މާލެ އާއި ކޮލޮމްބޯގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު މޯލްޑިވިއަނުން ކުރާ ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އެ އެއާލައިނުން ބޭނުންކުރާ ބޮމްބާޑިއާ ޑޭޝް8 މަރުކާގެ ބޯޓުތަކެވެ.

comment ކޮމެންޓް