ޖޫހީގެ ދަރިން ބޮލީވުޑަށް އެއްވެސް ޝައުގުވެރިކަމެއް ނެތް!

ޖޫހީ އޭނާގެ ދެ ދަރިންނާއި ފިރިމީހާ އާއެކު ---

ބޮލީވުޑުގެ ކާމިޔާބު ފަންނާނުންގެ ދަރިން ފިލްމީ ދާއިރާ އަށް ޝައުގުވެރިވީ ނަމަވެސް، ތަޖުރިބަކާރު ބަތަލާ ޖޫހީ ޗައުލާގެ ދެ ކުދިން ފިލްމީ ދާއިރާ އަށް އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނުހުންނަ ކަމަށް އޭނާ ބުނެފި އެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ޖޫހީ ބުނީ އޭނާގެ އަންހެން ދަރިފުޅު ޖާންވީ (16) އަދި ފިރިހެން ދަރިފުޅު އަރްޖުން (14) ފިލްމީ ދާއިރާ އިން ކުރިއަށް ދިއުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށާއި، ނަމަވެސް ކުދިން އެގޮތް ބޭނުން ނުވާ ކަމަށެވެ.

"އަހަރެންގެ ޝޫޓިންއެއް ބަލަން ވެސް އެކުދިން ނާދޭ. އަހަރެން ކުޅެފައި ހުންނަ ފިލްމެއް ވެސް ދެ ކުދިން ނުބަލައި. އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ ބުނެދޭކަށް ދެ ކުދިން ކުރިއަށް ދާނެ ދާއިރާއެއް. އަހަރެން ވަރަށް އުފާވާނެ އަހަރެންގެ ދަރިން ފިލްމު ކުޅޭ ދުވަހަކުން އެކަމަކު އެއީ ވަރަށް ލަދުރަކި ދެ ކުދިން،" ޖޫހީ ބުންޏެވެ.

ޖޫހީ ބުނީ ޖާންވީ ފުރަތަމަ ވާން ބޭނުންވީ ލިޔުންތެރިއަކަށް ކަމަށާއި، އެއަށް ފަހު ކުއްލިއަކަށް މޮޑެލް އަކަށް ވާން ބޭނުންވި ކަމަށެވެ. އަދި މިހާރު ޖާންވީ ބޭނުން ވަނީ ޑޮކްޓަރަކަށް ވާން ކަމަށް ވެސް ޖޫހީ ބުންޏެވެ.

އެއާ ޚިލާފަށް އަރްޖުން އަދި އެއްވެސް ވަރަކަށް އެކަމާ ވިސްނާފައެއް ނުވެ އެވެ. ޖޫހީ ބުނީ އަރްޖުން ވެސް އޭނާގެ ބައްޕަ ފަދައިން ވިޔަފާރިވެރިޔަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް