ނޭޝަނަލް ފުޓްބޯޅަ އެކަޑަމީ އުފެއްދުމުގެ މަސައްކަތް ފަށައިފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސަން ސްޕޯޓްސްއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ދިވެހި ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމުގެ ގޮތުން، ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ އެކަޑަމީއެއް އުފެއްދުމުގެ މަސައްކަތް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފަށައިފިއެވެ.

ސަން ސްޕޯޓްސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަބްދުލް ޖަލީލު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމެއްގެ މަތީން، ރާއްޖޭގައި ނޭޝަނަލް ފުޓްބޯޅަ އެކަޑަމީއެއް ގާއިމްކުރުމުގެ މަސައްކަތް އެފްއޭއެމުން މިހާރު ފަށާފައިވާ ކަމަށެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތީން، އަޅުގަނޑުމެން މިހާރު މިދަނީ، ނޭޝަނަލް ފުޓްބޯޅަ އެކަޑަމީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން،" ބައްސާމް ވިދާޅުވިއެވެ.

15 މާޗް 2017: ޓީސީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ ---ފޮޓޯ ރައީސް އޮފީސް

ޓީސީ ސްޕޯޓްސް ކްލަބުގެ ކާމިޔާބީ ފާހަގަކުރުމަށް މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ފުރަތަމަ ޑިވިޝަނަށް އަންނަ ޓީމުތަކާއި ކުޅުންތެރީންނަށް ސަރުކާރުން ކަންތައްތަކެއް ކޮށްދޭނެ ކަމަށާއި އޭގެ ތެރޭގައި، ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ފުޓްބޯލް ޓެރެއިނިން ސްކޫލް ރާއްޖޭގައި ގާއިމް ކުރައްވާނޭ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ކައިރި މުސްތަގުބަލެއްގެ ތޭރޭގައި އެފްއޭއެމުން ގާއިމުކުރާ ނޭޝަނަލް ފުޓްބޯޅަ އެކަޑަމީ ގާއިމުކުރެވިގެން ދާނޭ ކަމަށާއި، އެކަޑަމީ ގާއިމުކުރެވުމުން، އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށާއި ގައުމީ ފުޓްބޯޅަ ޓީމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރައީސްގެ ވިސްނުންފުޅެއް އެއީ އެކަޑަމީ އުފައްދާތާ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ އެކަޑަމީން ގްރެޖްއޭޓްވާ ކުޅުންތެރީންނޭ، ޓީމުތަކުގެ 25 ޕަސެންޓް ތިބެންވާނީ. ދެން ހައެއްކަ އަހަރު ނުވަތަ އަށެއްކަ އަހަރު ވާއިރު، ޓީމުތަކުގައި ތިބެން ވާނީ 100 ޕަސެންޓް މި އެކަޑަމީން ނުކުންނަ ކުދީންނޭ،" ބައްސާމް ވިދާޅުވިއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ބައްސާމް ވިދާޅުވީ، ނޭޝަނަލް ފުޓްބޯޅަ އެކަޑަމީއެއް އުފެއްދިއްޖެ ނަމަ، ގައުމީ ޓީމަށް މިހާރު ކުރިމަތިވެފައިވާ ގޯލްކީޕަރުންގެ ދަތިކަމާއި އަދި އެނޫންވެސް ގިނަ ކަންތައްތަކެއް މުސްތަގުބަލުގައި ހައްލުކުރެވިގެން ދާނޭ ކަމަށެވެ.

"އެހިސާބުން އަޅުގަނޑުމެންނަށް ގަވާއިދެއް ހެދިދާނެ، މި އެކަޑަމީން ގްރެޖުއޭޓްވާ ކުދީންނޭ، ޓީމުތަކުގައި ތިބޭނީ. އެހެން ވެއްޖިއްޔާ އެއްކަލަ ގޯލްކީޕަރުންވެސް، ދިވެހި ކުޅުންތެރީން އުފެދިގެން އަންނާނެ. މި އެކަޑަމީ ތްރޫކޮށް ޓީމުތަކަށް ކުޅުންތެރީންވެސް ދެން ނެގޭނީ،" އެކަޑަމީއެއްގެ މުހިއްމުކަން ފާހަގަކުރައްވަމުން ބައްސާމް ވިދާޅުވިއެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް، ކީޕަރުންނަށް ތަމްރީނުދެނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ނޭޝަނަލް ފުޓްބޯޅަ އެކަޑަމީއެއް ގާއިމުކުރުމުގެ މަސައްކަތް އެފްއޭއެމުން ފަށާފައި ވާއިރު، އެފްއޭއެމްގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބުތަކުން މިހާރުވެސް ވައިޑީޕީ ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

comment ކޮމެންޓް