އައްޑޫ ލިންކް ރޯޑްގައި މިރޭ ވެސް އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ކާރަކާއި ސަައިކަލެއް ޖެހި ހިނގި އެކްސިޑެންޓް --- ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑްގައި މިރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެ އެކްސިޑެންޓް ހިނގީ ކާރަކާ ސައިކަލެއް ޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ.

އެ އެކްސިޑެންޓްގައި 24 އަހަރުގެ ޒުވާނަކަށް އަނިޔާވެފައި ވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން 'ސަން' އަށް ވަނީ ކަށަވަރު ކޮއްދީފައެވެ.

"އަނިޔާލިބުނު މީހާޔަށް މިހާރު ދަނީ ފަރުވާދެމުން. ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވޭ،" ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހް ސައީދު ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ، އެ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 21:06 ހާއިރު އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑްގައި ހުންނަ ސިޓީ ފިއުލް ޝެޑް ކުރިމަތީން ކަމަށެވެ.

އައްޑޫ ލިންކް ރޯޑުގައި މިރޭ އެކްސިޑެންޓެއް ހިނގާފައި ވާއިރު، މީގެ 3 ދުވަސް ކުރިންވެސް އައްޑޫގައި ވަނީ 2 އެކްސިޑެންޓެއް ހިނގައި ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަދި އޭގެ ތެރެއިން އެއް އެކްސިޑެންޓުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް މާލެ ގެނައި 29 އަހަރުގެ ޒުވާނަކު ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.

comment ކޮމެންޓް