ގައުމީ ޓީމަށް ކީޕަރުން ތަމްރީނުކުރަން ހާއްސަ އެކަޑަމީއެއް އުފައްދަނީ

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް، ކީޕަރުންނަށް ތަމްރީނުދެނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ގޯލްކީޕަރުންގެ މައްސަލައެވެ. ވޭތުވެ ދިޔަ 17 ވަރަކަށް އަހަރު ދުވަހު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ތަޖްރިބާކާރު ގޯލްކީޕަރު އިމްރާން މުޙައްމަދު، ގައުމީޓީމުން ރިޓަޔާކުރި ހިސާބުން ފެށިގެން ޓީމުގެ އެންމެ މުހިއްމު ޑިޕާޓްމަންޓަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް މިހާރު ކުރިމަތިވެފައިވާ ގޯލްކީޕަރުންގެ މައްސަލަ ހައްލުކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިވަނީ، ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވެފައެވެ.

ސަން ސްޕޯޓްސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަބްދުލް ޖަލީލް ވިދާޅުވީ، ގައުމީ ޓީމުގެ ގޯލްކީޕަރުންގެ މައްސަލައަކީ މިހާރުން މިހާރަަށް ވެސް ހައްލުކުރާން ޖެހިފައިވާ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯދޭނޭ ކަމަށެވެ.

"ވައިޑީޕީ ޕްރޮގްރާމްތައް ކުރިއަށް ގެންދާގޮތަށް އެފްއޭއެމުން އިސްނަގައިގެން އެބަޖެހޭ، ކީޕަރުން ތަމްރީނުކުރުމަށް ވަކިން ޚާއްސަކޮށް އެކަޑެމީ ސްޓައިލަށް މިކަން ކުރާން،" ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސަން ސްޕޯޓްސްއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ބައްސާމް ވިދާޅުވީ، ގައުމީ ޓީމަށް ތަމްރީނުދޭނޭ ޚާއްސަ ގޯލްކީޕަރ ޓްރެއިނީއެއް ހޯދުމުގެ މަސައްކަތް މިހާރު އެފްއޭއެމްގެ ނޭޝަނަލް ޓީމް ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކައިރި މުސްތަގުބަލެއްގައި އެފަދަ ޓްރެއިނަރެއް ޓީމާ ގުޅޭނޭ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ޓީމަށް ތަމްރީނު ދެމުން އެދަނީ، އަސްލަމް. ވަރަށް ތަޖްރިބާކާރު ޓްރެއިނަރެއް. އެހެން ނަމަވެސް އެންމެ ބޭފުޅަކު ހުރެގެން ވަރަށް ދަތި ގިނަ ކީޕަރުންތަކެއްގެ ތަމްރީން ކުރިއަށް ގެންދާން. އެހެންކަމުން އަޅުގަނޑުމެން ވަރަށް އަވަހަށް ބޭރުގެ ގޯލްކީޕަރ ޓްރެއިނަރެއް ގެންނާނަން." އޭނާ ވިދާޅުވިއެވެ.

"ބޭރުގެ ޓްރެއިނަރު ހަމަޖެހުމާއެކު އަޅުގަނޑުމެން އެފްއޭއެމުން ގޯލްކީޕަރުން ތަމްރީނުކުރުމަށް ޚާއްސަ އެކަޑެމީއެއް ފަށާނަން. އޭރުން ގައުމީޓީމަށް ދިމާވެފައިވާ ކީޕަރުންގެ މައްސަލައަށް އިރާދަކުރެއްވިޔާ ހައްލެއް ހޯދޭނެ."

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް، ކީޕަރުންނަށް ތަމްރީނުދެނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 28 ވަނަ ދުވަހު އަމިއްލަ ފަސްގަނޑުގައި ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑުގައި ކީޕަރުންގެ ޑިޕާޓްމަންޓަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ގައުމީ ކޯޗު ޑެރަން ސްޓެވާޓް ނެގި ގައުމީ ސްކޮޑަށް ބަލާއިރު، އޭނާގެ ފުރަތަމަ ޗޮއިސްއަކަށް ވާނީ، ކްލަބު ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލްއެވެ. އެއަށް ފަހު ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) އެވެ. މީގެ އިތުރުން ވެސް ދެ ގޯލްކީޕަރުން ވަނީ ޓީމަށް ނަގައިފައެވެ. އެއީ ވެލެންސިއާގެ ހަސަން ޠަލާލްއާއި އީގަލްސްގެ މުހައްމަދު ޝަފީއު (ޗެކް)އެވެ.

ފައިސަލަކީ ގައުމީ ފެންވަރުގައި މިހާރު ކުރިއަށްދާ މުބާރާތްތަކުގައި ވެސް ފުރަތަމަ ޑިވިޝަންގައި މެޗު ތަޖްރިބާ ލިބޭ ހަމައެކަނި ދިވެހި ކީޕަރެވެ. އެހެން ނަމަވެސް ޠަލާލްއާއި ޗެކްގެ އިތުރުން ކުޑަ އިންމަ އަކީވެސް މިސީޒަނުގައި، އެ ކުޅުންތެރީން ކުޅޭ ކްލަބުތަކުގެ ބެންޗުން ފެންނަ ކީޕަރުންނެވެ. ވިކްޓަރީގެ އެއް ނަންބަރު ކީޕަރަކީ ސީރިއާގެ ގައުމީ ޓީމުގެ ކީޕަރު މަހްމޫދު އަލް ޔޫސުފްއެވެ. އީގަލްސްގެ ގޯލް ބަލަހައްޓަމުންދަނީ ސްރީލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.

ސެޕްޓެމްބަރ 6، 2016: އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ކުޅުންތެރީންނަކީ ވަރަށް މަދުން ނޫނީ ބިދޭސީ ޓީމުތަކަށް ކުޅޭ ކުޅުންތެރީންނެއް ނޫނެވެ. ހާއްސަކޮށް، ދިވެހި ގޯލްކީޕަރެއް އަދި މިހާތަނަށް ބިދޭސީ ޓީމަކުން ފެނިފައެއް ވެސް ނުވެއެވެ. އެހެންކަމުން، ދިވެހި ކީޕަރުންނަށް ފުރުސަތު ލިބޭނީވެސް ދިވެހި ކްލަބުތަކުން އެ ފުރުސަތު ފަހިކޮށްދީގެންނެވެ.

"އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ ކުއްލިއަކަށް ގަވައިދެއް ހަދާފައި ޓީމުތަކަށް އަންގަން، ދިވެހި ކީޕަރުންނަށޭ ފުރަތަމަ އިސްކަން ދޭން ޖެހޭނީ. ނޫނީ މިވެނި ވަރަކަށް ފުރުސަތު ދޭން ޖެހޭނެއޭވެސް. ސަބަބަކީ މިވަގުތު އަޅުގަނޑުމެންގެ ތެރޭގައި ރަނގަޅު ކީޕަރުން ވަރަށް މަދު. އެހެންކަމުން ފުރަތަމަ އަޅުގަނޑުމެން މިޖެހެނީ އެފަދަ ކީޕަރުން އުފައްދާނޭ ނިޒާމެއް ގާއިމުކުރާން. ދެން އެއަށްފަހު އަޅުގަނޑުމެންނަށް އެފަދަ އުސޫލެއް ކަނޑައެޅިދާނެ،" ބައްސާމް ވިދާޅުވިއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެފްއޭއެމްގެ ރައީސް ފާހަގަކުރެއްވި ފަދައިން ގައުމީ ޓީމަށް ގޯލްކީޕަރުން ތަމްރީނުކުރުމަށް ޚާއްސަ އެކަޑަމީއެއް އުފެއްދިއްޖެ ނަމަ، އެއީ ދިވެހި ކީޕަރުންނަށް ލިބޭނޭ ކިތަންމެހާވެސް ބޮޑު އުފަލެކެވެ.

ކީޕަރު ފައިސަލަށް ނުކުޅެވޭނޭ ހާލަތެއް ދިމާވެއްޖެ ނަމަ، މިވަގުތު ދިވެހި ޓީމުގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓް ބަލަހައްޓާން ޖެހޭނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބެންޗުގައި ތިބޭ ކީޕަރުންނެވެ. އެއީ ގައުމީޓީމަކަށް ބަލާއިރު ވަރަށް ބޮޑު ގެއްލުމަކަށް ވާނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ބޭނުންވާ ވަރަށް ފެންވަރުގެ ކީޕަރުން ތަމްރީނުކުރެވޭނޭ އެކަޑަމީއެއް މިހާރުން މިހާރަށްވެސް ބޭނުންވެއެވެ.

comment ކޮމެންޓް