ކެންޑިޑޭޓުންގެ މަންދޫބުން ހަމަޖެއްސުމުގެ މުއްދަތު އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބުގެ އެކި އެކި މަސައްކަތްތައް ކުރުމަށްޓަކައި ބާ ޖަމާލުއްދީނުގައި ހުޅުވާފައިވާ އިންތިޚާބީ މަރުކަޒު ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުން ހަމަޖެއްސުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ކެންޑިޑޭޓެއްގެ މަންދޫބަކަށް ވުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ކެންޑިޑޭޓެއްގެ މަސްލަހަތު އޮތް ކޮންމެ މަރުމަޒަކަށް މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ވަނީ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައް ބެލުމަށް ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އޮންލައިންކޮށް ވެސް ފޯމު ހުށަހެޅޭނެ ކަމަށެވެ.

މާލެއިން ފޯމް ހުށަހަޅާނަމަ ބާ ޖަމާލުއްދީންގައި ހުންނަ އިންތިޚާބީ މަރުކަޒަށް ފޯމް ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އަތޮޅުތަކުން ނަމަ އެ އަތޮޅެއް ނުވަތަ ރަށެއްގެ ފޯކަލް ޕޮއިންޓަށް ފޯމް ހުށަހެޅޭނެ ކަމަށާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީން ފޯމު ހުށަހަޅަންޖެހޭނީ އަވަށު އޮފީހުގައި ހުންނަ ފޯކަލް ޕޮއިންޓަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަކީ ސަރުކާރު ހިންގާ ޕީޕީއެމް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އާއި އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއެވެ. އަމިއްލަގޮތުން ވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

comment ކޮމެންޓް