މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުކުރެވޭނެ ފޯމިއުލާއެއް ނެތް: މައުރޫފު

އަލީ މައުރޫފް (ކ): މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ކުރެވޭނެ އެއްވެސް ފޯމިޔުލާއެއް ނެތް ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުކުރެވޭނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

މައުރޫފް މިއަދު ސަން އަށް ވިދާޅުވީ މަސީހުގެ އިތުބާރުނެތް ކަމަށް ވޯޓު ދެއްވާނެ 42 މެމްބަރުން ހަމަވެއްޖެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުކުރެވޭނެ ފޯމިއުލާއެއް ނުދެއްކޭނެ. އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެ ވޯޓު ކާމިޔާބުނުވާނެކަން،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އެމްޑީއޭ އިން މަސީހަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށާއި ހަލުވިކަމާ އެކު ރާއްޖެއަށް އަންނަމުންދާ ތަރައްގީގައި މަސީހުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހަޅާފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަ އެޖެންޑާއެއް އޮވެގެން ކަމަށާއި ގަވާއިދާ ޚިލާފު ކަމެއް މަސީހު ކުރައްވާފައި ނުވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

އެމްޑީއޭގެ ވެސް ފުރިހަމަ ބައިވެރުވުމާ އެކު، މަޖިލީހުގެ ރައީސްކަމަށް މަސީހު އިންތިޚާބުކޮށްފައި ވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށާއި ދައުރު ހަމަނުވަނީސް އޭނާ މަގާމުން ވަކި ކުރާން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މައުރޫފު ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ހަގީގީ ތަރައްގީ ގެނައުމަށް މަޖިލިސް ތެރެއިން ކުރާން ޖެހޭ އެންމެހައި ކަންކަން ފުރިހަމަކަމާ އެކު ގެންދިއުމަށް މަސީހު ވަރަށް ބޮޑު ގުރުބާނީއެއްް ވެވަޑައިގެންފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްކަން ސަރުކާރަށް ގެއްލިއްޖެ ނަމަ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރަން ވަރަށް އުނދަގޫވާނެ ކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މަޖިލީހުގެ ރައީސަކަށް ހުންނަވަނީ ސަރުކާރުގެ މެމްބަރެއް ކަމަށެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މަޖިލީހުގެ ރައީސަކަށް ހުންނަވަނީ ސަރުކާރަށް ނިސްބަތްވާ ބޭފުޅެއް. އެނޫން ގޮތަކަށް ވެއްޖެ ނަމަ ވަރަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާނޭ ކަމަށް ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ. ހަގީގަތުގައި އިދިކޮޅު ފަރާތްތަކުން މިއުޅެނީ ރައްޔިތުންގެ މެދުގައި ހަލަބޮލިކަން އުފައްދަން،" މައުރޫފް ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދާދިފަހުން ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ވާނެ ކަމުގެ "ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް" ކަމަށެވެ. ޖުމްލަ 85 މެމްބަރުން ތިއްބަވާއިރު އޭގެތެރެއިން 42 މެމްބަރުން ތިއްބެވީ މަސީހު ދުރުކުރަން ވޯޓުދޭން ތައްޔާރަށް ކަމަށް ފާރިސް ވިދާޅުވި އެވެ.

comment ކޮމެންޓް