އެމްޕީއެލް ޓީމަށް ތައިލެންޑްގެ ދެ ކުޅުންތެރިން

އެމްޕީއެލް ޓީމަށް ގެނައި ތައިލެންޑް ދެ ކުޅުންތެރިންނާއެކު އެޓީމު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ/ އެމްޕީއެލް

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޓީމަށް ތައިލެންޑްގެ ދެ ކުޅުންތެރިއެއް ގެނެސްފިއެވެ.

އެމްޕީއެލްއަށް ގެނެސްފައިވާ ދެ ކުޅުންތެރިން ވަނީ މިއަދުގެ ވަގުތެއްގައި ރާއްޖެ އައިސް، ޓީމާ ގުޅިފައެވެ.

އެމްޕީއެލްއަށް ގެނެސްފައިވާ ތައިލެންޑްގެ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ ގޯލްކީޕަރު ސަސިޕްރަފާ ސުކްސެންއެވެ. ދެން އެޓީމަށް ގެނައި ތައިލެންޑް ކުޅުންތެރިޔަކީ ފޯވަޑް ޕްރަޕަސްޕޯން ސްރީރޯޖްއެވެ. އެ ދެ ކުޅުންތެރިންނަކީ ވެސް ކުރިން ތައިލެންޑްގެ ގައުމީ ފުޓްސަލް ޓީމަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.

މުބާރާތުގައި އެމްޕީއެލް މިފަހަރު އޮތީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އިމިގްރޭޝަނާއި، ކްލަބު އާސަންދައާއި، އެސްޓީއޯ ރެކްރިއޭޝަން ކްލަބު އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއެކު 'ގްރޫޕް ސީ'ގައެވެ. މިދިޔަ އަހަރު އިމިގްރޭޝަނުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފަސޭހަކަމާއެކު ފެނަކަ ބަލިކޮށްގެންނެވެ.

އަންނަ މަހުގެ އަށްވަނަ ދުވަހު ފަށާ ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގައި 32 ޓީމު ބައިވެރިވެފައިވާއިރު، އަންހެން ބައިގައި މިއަހަރު 12 ޓީމު ބައިވެރިވެފައިވެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށް ވަނަ އަހަރެވެ.

18/30 ވިމެންސް ފުޓްސަލް ފިއެސްޓާ:

  • ގްރޫޕް އޭ- ޓީމް ފެނަކަ، ދިވެހި ސިފައިންގެ ކްލަބު، ޓީމް އައިޖީއެމްއެޗް، ޓީމް ނަމްބާސް، ތައުލީމީ ގުޅުން.
  • ގްރޫޕް ބީ- އެމްއޭސީއެލް، ޕޮލިސް ކްލަބު، ފެހި ފަހި ކްލަބު، ޓީމް އޭޑަބްލިޔުއޭ، އުރީދޫ.
  • ގްރޫޕް ސީ- ކްލަބު އާސަންދަ، ކްލަބު އިމިގްރޭޝަން، އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު.
comment ކޮމެންޓް