ފަރުވާ ކުޑަކުރާވަރަށްވުރެ ސީރިއަސް މައްސަލައެއް!

މާލެ ފެނަށް ޖެހުމުން ފެން ކިޔޫއިން ފެން ހޯދުން--- ސަން ފައިލް ފޮޓޯ

ފެން ފޮދެއް ހޯދުމަށް ބޮޑު ކިޔޫއެއްގައި ތިބެން ޖެހުނު ދުވަސް އެއީ ކައިރި މާޒީއެކެވެ. އަތޮޅުތެރެއާއި މާލޭގައި ވެސް މެއެވެ. މީގެ ދެ އަހަރު ކުރިން އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލެއިން ފެން ކެނޑި، މާލޭގައި ދިރިއުޅޭ 130،000 މީހުން ވަނީ އެކަމުގެ ދަތިކަން ހަފްތާއަކަށް ވުރެ ގިނަ ދުވަހު ތަހައްމަލްކޮށްފަ އެވެ. އަތޮޅު ތެރެއަށް ބަލާއިރު ވެސް ކޮންމެ އަހަރަކުހެން ފެނަށް ޖެހިގެން އެތައް ރަށަކަށް ފެން ފޯރުކޮށްދޭން ޖެހެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު 76 ކަށްވުރެ ގިނަ ރަށްރަށުން ފެނަށް ޖެހިގެން އެހީއަށް އެދުނު އިރު 2015 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ރާއްޖޭގެ 79 ރަށެއްގެ ރައްޔިތުން ބޯފެނަށް ޖެހި، ފެން ފޯރުކޮށްދޭން އެދުނުނެވެ. މިއީ ފަސޭހަ ކަމާ އެކު ފެން ލިބޭ މިރާއްޖޭގެ ފެނުގެ ހާލަތު އޮތް މިންވަރެވެ. ފެނަށް އަވައްޓެރި ގައުމުތަކަށް އެދެންޖެހުމަކީ ލަދުވެތިކަމެކެވެ. ސަަބަބަކީ ރާއްޖެއަކީ ފަސޭހައިން ފެން ލިބުމުގެ ނަސީބް ލިބިފައިބާ ބަޔަކަށްވުމުންނެވެ.

މާލެ ފެނަށް ޖެހުމުން ފެން ކިޔޫއިން ފެން ހޯދުން--- ސަން ފައިލް ފޮޓޯ

ފެނަކީ ދިރިއުޅުމާ ގުޅިލާމެހިފައިވާ ބައިވެރިއެކެވެ. ދިރިހުރުމަށް އެންމެ މުހިންމު އެންމެ އަސާސީ އެކައްޗެވެ. ދުނިޔޭގެ ނިސްބަތަށް ބަލާއިރު ދިވެހީންނަކީ ފަސޭހައިން ފެން ލިބުމުގެ ނަސީބު ލިބިފައިވާ ބައެކެވެ. ނަމަވެސް އާބާދީ އިތުރުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެން ލިބޭ ނިސްބަތަށް ބަދަލުތައް އާދެއެވެ. ހިތާމައަކީ އެކަންކަމަށް ތައްޔާރުނުވުމެވެ.

ފެނަށް ޖެހެނީ ކީއްވެ؟

ތަފާސް ހިސާބުތަކަށް ބަލާއިރު ފެނަށް ޖެހުން އިތުރުވެފައި ވަނީ ސުނާމީގެ ފަހުންނެވެ. ސަބަބުތަކަށް ބަލާއިރު އޭގެ ކުރިން ކެއްކުމަށާއި އެއްޗެހި ދޮވުމަށް އަދި ބައެއް ފަހަރު ބުއިމަށް ވެސް ވަޅުފެން އަތޮޅު ތެރޭގައި ބޭނުންކުރިއެވެ. ސުނާމީއަށް ފަހު ފެންފަށަލަ ލޮނުވީމަ އެ ހުރިހާ ބޭނުމަކަށް ވާރޭފެން ބޭނުންކުރަންޖެހުނެވެ.

އެހެންކަމުން ހުރިހާ ބޭނުމަކަށްހެން ވާރޭފެން ބޭނުންކުރަންޖެހުނުއިރު ވާރޭފެން ކެޕޭސިޓީ އިތުރުކުރަން އެހާ ބޮޑު އިސްކަމެއް ދިންތަނެއް ނުފެނެ އެވެ. ރާއްޖޭގެ ކޮންމެ ގެއަކަށް ޔުނިސެފުން 2500 ލީޓަރުގެ ކަޅުހަމެއް ދިންއިރު އޭގެ އިތުރުން ފެން ރައްކާކުރަން ފަރުދީ ނުވަތަ ރަށު ފެންވަރުގައި ފިޔަވަޅުތަކެއް އެޅުނުތަނެއް ނުފެނުނެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު މިސްކިތާއި ރަށު އޮފީސް ފަދަ އިމާރާތްތަކުގައި ރައްޔިތުންގެ ފެންތާނގި ބަރި ހުރެ އެވެ. އެއީ ރައްޔިތުންނަށް ބޭނުންވާ ފެން ރައްކާތެރި ކުރުމަށެވެ. ކަތީބީ ނިޒާމަކުން ކައުންސިލަރުންގެ ދައުރެއް ފެށުމާއެކު އެތަންތަން ބެލެހެއްޓުން ދޯދިޔާވެ ގިނަ ރަށްރަށުގައި އެކަން ހުއްޓުނީ އެވެ.

ވެރިރަށް މާލެ ފެނަށް ޖެހި އެކަމުން އިބުރަތް ހާސިލްކުރަންވީ ދުވަހު އަދިވެސް އެކަންކަން ހައްލު ނުކުރެވި އެކަން ތަކުރާރުވާތަން މިދަނީ ފެންނަމުންނެވެ. ކަރަންޓް ދިއުމަށް ފަހު ކަރަންޓް ލިބުމަށް ނަގާހާ އިރު ފެން ފޯރުކޮށްދިނުމަށް ނުނެގިއަސް، ވީނުވީއެއް ނޭނގި ފެންކެނޑިގެން ދެއެވެ. އަދި ކުރީ ފަހަރުގެ ތަޖުރިބާ އިޔާދަ ކުރަން ޖެހިދާނެތީ ގިނަ ބަޔަކު ތިބީ ކަންބޮޑުވެފަ އެވެ.

އެމްޑަބްލިޔުއެސްސީގެ ފެން ޑިސްޓްރިބިއުޝަންގައި ބޭނުންކުރަނީ ސްޓެލްކޯ ކަރަންޓެވެ. އެހެންކަމުން ސްޓެލްކޯ އިން ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު މިފެންނަނީ މާލެއިން ފެނުގެ ހިދުމަތް މެދުކެނޑޭތަނެވެ. ހާއްސަކޮށް މަތީ ފުލޯތަކަށް ފެން ލިބެން އެތައް އިރެއްނަގަ އެވެ.

ހައްލަކީ ކޮބާ؟

ޝައްކެތް ނެތެވެ. ކުރަންވީކަމަކީ ފެނުގެ ރަނގަޅު ރިޒާވެއް ގާއިމްކުރަންވީ އެވެ. މާލެއަށް ވެސް އަދި އަތޮޅުތެރެއަށް ވެސް ދިމާވަމުން އަންނަ ފެނުގެ މައްސަލަ ހައްލުވާނީ އޭރުންނެވެ. ހުޅަނގު މޫސުމުގައި ވާރޭވެހޭތާ ފެންނަގަންވީ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ރަށްރަށުގައި ބޯފެން ރައްކާކުރެވޭ މިންވަރާއި ބޯފެން ރައްކާކުރާ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ އެފަދަ ވަސީލަތްތައް ރަށްރަށުގައި ގާއިމް ކުރުމާއި، ފެންފޯރުކޮށްދިނުމުގެ މަސައްކަތް ބަލަހައްޓާނީ އެންވަޔަރަންމަންޓް މިނިސްޓްރީންނެވެ.

އެ މިނިސްޓްރީން ބުނީ، ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ބެލެހެއްޓުމަށް ހަމަޖެހުނު ކަމުގައި ވިޔަސް، ރަށްރަށުގައި ބޯފެން ހުރި މިންވަރު ބަލަހައްޓަމުން ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ. އަދި ފެން ހުރި މިންވަރު ގަވާއިދުން މޮނިޓާކޮށް ފެނަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ނަމަ މަދުވެގެން ދެ ހަފްތާ ކުރިން އަންގަން ޖެހޭނެ ކަމަށެެވެ.

މާލޭގެ ފެނުގެ ކަންތައްތަކާ ގުޅޭ ގޮތުން އެމްޑަބްލިޔުއެސްސީގެ އިސް އޮފިޝަލަކު ވިދާޅުވީ ފެނުގެ ކާރިސާއަށް ފަހު ގިނަ ތައްޔާރީތަކެއް ވަމުން އަންނަކަމަށާއި އެގޮތުން މާލޭގެ އިތުރު ސަރަހައްދުތަކުގައި ފެން ބެކަޕް ޕްލާންޓްތައް ބަހައްޓަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭގެ ރިޒާވަށް ތިން ދުވަސް ނުވަތަ ހަތް ދުވަހުގެ ފެން ސްޓޯރޭޖެއް ބޭނުންވާއިރު އިތުރު ވޯޓާ ރިޒާވް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށާއި މިވަގުތު މާލޭގައި ފެން ރިޒާވްކުރުމަށް ތިން ޓޭންކް ބޭނުންކުރަމުންދާއިރު އިތުރު ހަތަރު ޓޭންކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ފެނުގެ ދުވަހު މިއަދު ފާހަގަކުރާއިރު މިއީ ވިސްނާލުން މުހިންމު ކަންކަމެވެ. އިސްރާފް މަދުކުރަން ވެއްޖެއެވެ. ހިތާމައަކީ ދިވެހިންނަކީ ފަސޭހައިން ފެން ލިބި އަދި ރައްކާތެރި ކުރުމުގެ ފުރުސަތު ވެސް ލިބިފަިއވާ ބަޔަކަށްވާއިރު އެ ނިއުމަތުގެ ބޭނުން ނުހިފާތީއެވެ. ދުރާލައި ފިޔަވަޅުތައް އަޅާށެވެ. ވެހޭތާ ފެންނަގާށެވެ.

comment ކޮމެންޓް