ބީސީސީ އުފެދުމުން ކުދި ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވާނެ

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމެންޓުގެ ދަށުން އުފައްދާފައިވާ ބިޒްނަސް ސެންޓަރުތައް ހިންގުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ)ގެ ދަށަށް ބަދަލުކުރުމަކީ ކުދި ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދިނުން ފުރިހަމަވެގެންދާނެ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މާލެއާ އަތޮޅުތެރޭގައި ޖުމުލަ ހަތް ބިޒްނަސް ސެންޓަރު އުފައްދާފައިވާ އިރު، އެތަންތަން ހިންގުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ އާދީއްތަ ދުވަހު ވަނީ އުފައްދަވައިފައެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެންޓަޕްރައިޒް ޑިވެލޮޕްމެންޓްގެ ކެޕޭސިޓީ ބިލްޑިންގް ސްޕެޝަލިސްޓް އަހްމަދު މުމްތާޒް ވިދާޅުވި ގޮތުގައި، މިފަދަ ކުންފުންޏެއް އުފެއްދުމަކީ ބިޒްނަސް ސެންޓަރުތައް އެންމެ ދެމެހެއްޓެނިވި ގޮތުގައި ހިންގޭނެ ގޮތް ކަމަށް މިނިސްޓްރީންނާއި ސަރުކާރުން ދެކޭ ކަމާށެވެ.

"މިވަގުތު މިކަންކަން މި ކުރަނީ އޭޑީބީއާއި އައިޑީބީގެ އެހީގައި، އަދި އެފަރާތުގެ ލޯނު ޕްރޮގްރާމެއްގެ ތެރެއިން. ޕްރޮޖެކްޓަކުން ކުރާ މަސައްކަތަކަށް ވީތީ އަޅުގަނޑުމެން ވިސްނަމުން ދިޔައީ، ސަސްޓެއިނަބަލް ގޮތަކަށް ބިޒްނަސް ސެންޓަރުތަކުގެ މަސައްކަތް ކޮންޓިނިއު ކުރުމަށް،"

އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި މިފަދަ ކަންކަން ކުރާ މޮޑެލްތައް ބަލައި، ރާއްޖެއަށް އެންމެ އެކަށީގެންވާ މޮޑެލެއްގެ ގޮތުގައި އެއްބަސްވެވުނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނެއް އުފެއްދުން ކަމަށެވެ.

ބީސީސީ އުފެއްދީ 50 މިލިޔަން ރުފިޔާގެ ރައުސްމާލަކާ އެކުއެވެ.

މުމްތާޒް ވިދާޅުވި ގޮތުގައި، ބިޒްނަސް ސެންޓަރުތަކުން ދޭ ޚިދުމަތްތަކުގެ އިތުރުން، ހުޅުމާލޭގައި ތަރައްގީކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުނެ އިންޑަސްޓްރިއަލް ޕާކު (އެސްއެމްއީ ޕާކު) ހެދުމުގެ މަސައްކަތްވެސް ދެން ކުރާނީ ބީސީސީގެ ދަށުންނެވެ.

"ފަސްހާސް އަކަފޫޓުގެ އެ ބިމުގައި ވަރަށް ގިނަ މަސައްކަތްތައް ފެށިގެން ދާނެ. މިސާލަކަށް މެކަނައިޒްޑްކޮށް، ބަލްކްކޮށް އެއްޗެހި އުފެއްދުމާއި، ޕެކޭޖިންގް ސެންޓަރެއް ހެދުމާއި، އަދި ކުދި ވިޔަފާރިތަކަށް އޮފީސް ސްޕޭސްތައް ލިބޭނެ ގޮތް ހެދުން. މާލޭ ބިޒްނަސް ސެންޓަރުވެސް އެތަނުގައި ގާއިމުކުރާނީ،"

ބީސީސީ ރެޖިސްޓްރީކުރުމުގެ ކަންކަން މިހާރު ކުރިޔަށްދާ އިރު، އެކުންފުނީގެ ބޯޑު އެކުލަވާލާފައެއް ނުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ހިންގަން ފެށުމުންވެސް، މިހާރު ބިޒްނަސް ސެންޓަރުތަކުން ހިލޭ ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

އެގޮތުން، ބިސްނަސް ސެންޓަރުތަކުން މަސައްކަތް ކުރާނީ ފައިސާ ހޯދުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ވަނުމަށް ވުރެ، އެފަދ ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކޮށް، ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ކަމަށާއި، ޚިދުމަތްތަކަށް ފައިސާނެގުމުގެ މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށެވެ.

"ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތުގައި ދިނުމަށް ކުންފުނި ގާއިމުކުރަނީ. ކުންފުންޏަށް ލިބޭ ރެވެނިއުއިން ޚިދުމަތްތައް ދޭނީ،" މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް