ބިރުވެރިކަން އުފެދޭގޮތަށް ފުލޫގެ ޚަބަރުތައް ފަތުރާނަމަ ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

މިދުވަސް ވަރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ އާ މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޚަބަރު ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ރޯގާއާ ގުޅޭ ހަބަރުތައް އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ފަތުރުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، އެކަން އެކޮމިޝަނުން ކުށްވެރި ކުރާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއާއި އެހެން ގައުމުތަކާއި މެދު އޮންނަ އެކުވެރިކަމުގެ ގުޅުންތަކަށް ބުރޫއަރާ ގޮތަށާއި، ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި ކިލަނބުވާގޮތަށް ބައެއް ބްރޯޑްކާސްޓަރުން ދޮގު ވާހަކަ ފަތުރަމުންދާ ކަމަށްވެސް އެކޮމިޝަނުން ބުނެފައިވެ އެވެ.

އެކޮމިޝަނުން ބުނީ އޭގެ ތެރެއިން ބައެއް ކޮންޓެންޓްތަކަކީ، ބްރޯޑްކާސްޓުކުރުމުގެ ގާނޫނާ ފުށޫއަރާ ކޮންޓެންޓު ކަމަށް ފާހަގަ ކުރެވޭ ކަމަށާއި، އެފަދަ އަމަލުތައް އެ ކޮމިޝަނުން ކުށްވެރި ކުރާ ކަމަށެވެ.

އެކޮމިޝަނުން ވަނީ ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ބްރޯޑްކާސްޓު ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި އެއާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެކޮމިޝަނުންވަނީ ބުނެފަ އެވެ.

comment ކޮމެންޓް