އަދިވެސް ދުނިޔޭގައިވާ އެންމެ މުއްސަނދި މަހުޖަނަކީ ބިލްގޭޓްސް

ބިލް ހެންރީ ގޭޓްސް

ނިޔުޔޯކް (މާޗް 21): އަދިވެސް ދުނިޔޭގައިވާ އެންމެ މުއްސަނދި މަހުޖަނަކީ މައިކްރޯސޮފްޓް ކުންފުނީގެ ވެރިޔާ ބިލް ހެންރީ ގޭޓްސް ކަން ފޯބްސް މަޖައްލާއިން ހާމަކޮށްފިއެވެ.

ފޯބްސް މަޖައްލާ ބުނާގޮތުން 86 ބިލިޔަން ޑޮލަރުގެ މުދަލާއެކު ދުނިޔޭގައިވާ އެންމެ މުއްސަނދި މަހުޖަނުގެ މަގާމު މިދިޔައަހަރުވެސް ލިބިފައިވަނީ އުމުރުން 61 އަހަރުގެ ބިލް ގޭޓްސްއަށެވެ. މިއީ މިމަގާމު، ގޭޓްސް އަށް ޖެހިޖެހިގެން ލިބެމުންދާތާ 4 ވަނައަހަރެވެ.

ގޭޓްސްއާ ޖެހިގެން ދެވަނައަށް އެންމެ މުއްސަނދި މަހުޖަނަކީ އެމެރިކާގެ ވިޔަފާރިވެރިއެއްކަމަށްވާ ވަރެން ބުފެޓް އެވެ. އޭނާގެ ކުންފުންޏަކީ ބާކްޝިއަރ ހަތަވޭ އެވެ. ވަރެންއަށްފަހު މުއްސަނދިކަމުގައި ތިންވަނައަށް އަންނަނީ ޖެފް ބެޒޫސް އެވެ. ފޭސްބުކް ކުންފުނީގެ ވެރިޔާ މާކް ޒުކަބާގް އަންނަނީ މަހުޖަނުންގެ ލިސްޓުން ފަސްވަނައަށެވެ.

ފޯބްސް މަޖައްލާ ބުނާގޮތުން ބިލިޔަނަރުންގެ އަދަދު އަހަރުންއަހަރަށް ދުނިޔޭގައިދަނީ ގިނަވަމުންނެވެ. 2016 ވަނައަހަރު ތިބި ބިލިޔަނަރުންގެ އަދަދު 2015 ވަނައަހަރަށްވުރެ 13 އިންސައްތަ އިތުރެވެ. ފޯބްސް އިން މުއްސަނދިންގެ ލިސްޓު ތައްޔާރުކުރާތާ 31 އަހަރުވެފައިވެއެވެ.

ދުނިޔޭގައި މުއްސަނދިން (ބިލިޔަނަރުން) އެންމެ ގިނައީ އެމެރިކާގައެވެ. އެމެރިކާގައި 565 ބިލިޔަނަރުން އެބަތިއްބެވެ. ދެން ޗައިނާގައެވެ. ޗައިނާގައި 319 ބިލިޔަނަރުން އެބަތިއްބެވެ. ދެން ޖަރުމަނެވެ. ޖަރުނަމުގައި 114 ބިލިޔަނަރުން އެބަތިއްބެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީވެސް ބިލިޔަނަރެކެވެ. ނަމަވެސް ޓްރަމްޕް އަންނަނީ އެމެރިކާގެ 565 ބިލިޔަނަރުންގެ ތެރެއިން 544 ވަނައަށެވެ. ޓްރަމްޕްގެ މުއްސަނދިކަމުގެ މިންވަރަކީ 3.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. (އޭއެފްޕީ)

comment ކޮމެންޓް