ޕެނަލްޓީއެއްގެ މައްސަލާގައި ގާނާގެ ރެފްރީއެއް އުމުރު ދުވަހަށް ސަސްޕެންޑްކޮށްފި

ފީފާއިން އުމުރު ދުވަހަށް ސަސްޕެންޑްކުރި ގާނާގެ ރެފްރީ ޖޯސެފް ލަމްޕްޓޭ ---

ވޯލްޑް ކަޕް ކޮލިކޭޝަން 2018ގެ މެޗެއްގައި ނިންމުންތައް އިންސާފުވެރި ނުވުމާ ގުޅިގެން ގާނާގެ ރެފްރީއެއް އުމުރު ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ގާނާގެ ރެފްރީ ޖޯސެފް ލަމްޕްޓޭ، އުމުރު ދުވަހަށް ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސެނަގޯލްއާ ދެކޮޅަށް ކުޅެ، 2-1 ލަނޑުން މޮޅުވި މެޗުގައި ސައުތު އެފްރިކާއަށް ދިން ޕެނަލްޓީއަށް ބަލައިގެންނެވެ.

އެ މެޗުގައި ގާނާ ރެފްރީ ސައުތު އެފްރިކާއަށް ޕެނަލްޓީއެއް ދީފައި ވަނީ ސެނަގޯލްގެ ކަލިދޫ ކޫލިބަލީ، ބޯޅައިގައި އަތްލުމުން ކަމަށް ބަލައިފަ އެވެ. ނަމަވެސް ވީޑިއޯ ރީޕްލޭތަކުން ދައްކާ ގޮތުގައި އެ ބޯޅަ ޖެހިފައި ވަނީ ކޫލިބަލީގެ ކަކުލުގަ އެވެ.

ގާނާގެ ރެފްރީ ލަމްޕްޓޭގެ އިތުރުން އެ މެޗުގައި އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރި ގާނާގެ ޑޭވިޑް ލާޔޭ ވެސް ފީފާގެ ޑިސިޕްލިނަރި ކޮމިޓީން ވަނީ އުމުރު ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލަ އެއްކޮށް ނިމުމުން އިތުރު ތަފްސީލްދޭނެ ކަމަށް ފީފާއިން ބުނެ އެވެ.

ފީފާއިން މައްސަލަ ބަލާފައި ވަނީ ސެނަގޯލް ފުޓްބޯލް ފެޑެރޭޝަން (އެފްއެސްއެފް)އިން މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލާގައި އުމުރު ދުވަހަށް ސަސްޕެންޑްކުރި ގާނާގެ ރެފްރީއާއި އެސިސްޓަންޓް ރެފްރީއަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްއަށް އިސްތިއުނާފަށް ހުށަހަޅޭނެ އެވެ.

comment ކޮމެންޓް