މަޓާޓޯގެ ޑިޖިޓަލް އަދި މޯބައިލް ކޮމާސް ޕާޓްނަރަކަށް އެވްރީތިން ރެޑް

މަޓާޓޯގެ ޑިޖިޓަލް އަދި މޯބައިލް ކޮމާސް ޕާޓްނަރަކަށް އެވްރީތިން ރެޑް ހަމަޖެއްސުން --- ފޮޓޯ/ މަޓާޓޯ

މަޓާޓޯއިން ބާއްވާ ހަރަކާތްތަކުގެ ޑިޖިޓަލް އަދި މޯބައިލް ކޮމާސް ޕާޓްނަރުގެ ގޮތުގައި އެވްރީތިން ރެޑް ހަމަޖައްސައިފިއެވެ. އެވްރީތިން ރެޑަކީ ފުޑް ޑެލިވަރީ އެޕްލިކޭޝަން "ފުޑްހަބް" އުފައްދައި، ހިންގާ ކުންފުންޏެވެ.

އިއްޔެ ބޭއްވި ހަފްލާއެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމާއި، އެވްރީތިން ރެޑްގެ ސީއޯއޯ މުހައްމަދު ރިފާއުއެވެ.

މި އެއްބަސްވުމުގެ ދަށުން، މަޓާޓޯއިން ބައިވެރިވާ އަދި ބާއްވާ މައުރަޒުތަކާއި، ޓްރޭނިންތަކާއި ސެމިނާތަކާއި ކޮންފަރަންސްތަކުގެ އިތުރުން، މަޓާޓޯގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ހަރަކާތްތަކަށް ޑިޖިޓަލް މީޑިއާއާއި މޯބައިލް ކޮމާސްގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން މަޓާޓޯއާ ގުޅުންހުރި ހުރިހާ ޕްރޮޑަކްޓްތައް ހިމެނޭ ގޮތަށް ވެބް ޕޯޓަލްއެއް ހަދައި، އަދި މަޓާޓޯގެ ވެބްސައިޓު އަޕްގްރޭޑުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ވެބް ފީޗާތައް ބޭނުންކޮށްގެން ޓްރެވަލް އެވޯޑްސް ފަދަ ހަރަކާތްތައް މާކެޓުވެސް ކޮށްދޭ ގޮތަށް ހަމަޖެހިފައިވެއެވެ.

މަޓާޓޯއިން ބުނީ އެވްރީތިން ރެޑަކީ އެކި ކަހަލަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏަކަށް ވާ އިރު، އެކުންފުނީގެ އެހީގައި މަޓާޓޯއަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

"މި ޕާޓްނަޝިޕާ އެކު އަޅުގަނޑުމެންގެ ވެބް ޕްލެޓްފޯމްތައް ރަނގަޅުކޮށް، ރީލޯންޗު ކުރުމުގެ ކަންކަން ކުރެވޭނެ،" މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުނާޒް ވިދާޅުވިއެވެ.

އެވްރީތިން ރެޑްގެ ސީއޯއޯ މުހައްމަދު ރިފާއު ވިދާޅުވީ މަޓާޓޯއާ އެކު ޕާޓްނަރުވެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޑިޖިޓަލް ކޮމާސްގެ ބޭނުންކޮށް، ޓްރެވަލް ސެކްޓަރުގެ އެކިއެކި ފުރުސަތުތައް ފަހިކުރުމަށް އެކުންފުނިން އެދޭ ކަމަށެވެ.

comment ކޮމެންޓް