އެމެރިކާއަށްދާ ފްލައިޓުތަކަށް ފޯނު ނޫން އެހެން އިލެކްޓްރޯނިކްސް އެރުވުން 8 ގައުމަކަށް މަނާ ކުރަނީ

އެމެރިކާއަށް ދާ ބައެއް ފްލައިޓުތަކަށް ހޭންޑް ލަގެޖުގެ ގޮތުގައި ފޯނު ނޫން އެހެން އިލެކްޓްރޯނިކްސް އެރުވުން ވަނީ މަނާކޮށްފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (މާޗް 21): މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ނިސްބަތްވާ ބައެއް ގައުމުތަކުން އެމެރިކާއަށްދާ ފްލައިޓުތަކުގައި ފޯނު ނޫން އެހެން އިލެކްޓްރޯނިކް ވަސީލަތްތައް ހޭންޑް ލަގެޖުގެ ގޮތުގައި އެރުވުން މަނާ ކުރަން އެމެރިކާއިން ނިންމައިފި އެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައިވާ ގޮތުން އަށް ގައުމަކަށް ނިސްބަތްވާ 10 އެއާޕޯޓުން އެ ގަވާއިދަށް އަމަލު ކުރަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދެ އެއާޕޯޓަކާއި، އުރުދުން، މިސްރު، ތުރުކީ، ކުވައިތު، މަޣުރިބު އަދި ގަތަރުގެ އެއާޕޯޓުތައް ހިމެނެ އެވެ.

ނަމަވެސް ދި ގާޑިއަންގައިވާ ގޮތުން 13 ގައުމެއްގެ އެއާޕޯޓުން އެގަވާއިދަށް އަމަލު ކުރަން ޖެހޭނެ އެވެ.

އެހެން ރިޕޯޓުތަކުގައިވާ ގޮތުން އެގަވާއިދަށް އަމަލު ކުރުމާ ބެހޭ ގޮތުން އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން މިއަދު ރަސްމީ ބަޔާނެއް ނެރޭނެ އެވެ.

އެ ގަވާއިދުގެ ދަށުން ހޭންޑް ލަގެޖުގެ ގޮތުގައި ފްލައިޓަށް އެރުވުން މަނާ ކުރާ ތަކެތީގެ ތެރޭގައި ލެޕްޓޮޕް، ޓެބްލެޓު، ޑީވީޑީ ޕްލޭޔަރު އަދި އިލެކްޓްރޯނިކް ގޭމްސް ހިމެނެ އެވެ. އެ ގަވާއިދަށް އަމަލު ކުރާނީ ކިހާ މުއްދަތަކަށް ކަން އަދި ޔަގީން ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އުރުދުންގެ ރޯޔަލް ޖޯޑާނިއަން އެއާލައިންސްއިން ވަނީ އުތުރު އެމެރިކާއަށް ކުރާ ދަތުރުތަކުގައި މިއަދުން ފެށިގެން އެ ގަވާއިދަށް އަމަލު ކުރާނެ ކަަމަށް ޓުވީޓުކޮށްފަ އެވެ.

އެގޮތުން މިއަދުން ފެށިގެން ފަސިންޖަރުންނަށް ފްލައިޓަށް އެރުވޭނީ ފޯނާއި ސިއްހީ އާލަތްތައް އެކަނި ކަމަށާއި ލެޕްޓޮޕް، ޓެބްލެޓު، ޑީވީޑީ ޕްލޭޔަރު އަދި އިލެކްޓްރޯނިކް ގޭމްސް ފަދަ ތަކެތި ޖެހޭނީ ބެގެޖުގެ ގޮތުގައި ދޫކޮށްލަން ކަމަށް އެއެއާލައިންގެ ޓުވީޓުގައިވެ އެވެ. ނަމަވެސް އެ ޓުވީޓު ފަހުން ޑިލިޓުކޮށްފައިވާ ކަމަށް ސީއެންއެންއިން ބުނެ އެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެފަދަ ގަވާއިދެއް ހަދަން ޖެހުނީ ބޭރުގެ ގައުމުތަކުން އެމެރިކާއަށް ލިބުނު ޖާސޫސީ މައުލޫމާތުތަކާ ގުޅިގެންނެވެ. އަދި އެ ގަވާއިދު އެކުލަވާލުމަށް ސަރުކާރުން ރާވަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.

އޭޕީގައިވާ ގޮތުން މިދިޔަ ހަފްތާ ބަަންދު ތެރޭގައި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ޖޯން ކެލީ ވަނީ އެގަވާއިދާ ބެހޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ވާހަކަ ދައްކަވާފަ އެވެ. (ބީބީސީ)

comment ކޮމެންޓް