27 އިންތިހާބަކުން ނާކާމިޔާބުވުމުން ރާހުލް ގާންދީ ރިކޯޑު ފޮތަށް އަރުވަން މަސައްކަތްކުރަނީ

އިންޑިއާގެ ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ރާހުލް ގާނދީ --

މުމްބާއީ (މާޗް 21): އިންޑިއާގައި ބޭއްވި 27 އިންތިހާބަކުން ރާހުލް ގާނދީ ނާކާމިޔާބުވެފައިވުމުން އޭނާގެ ނަން ގިނެސް ބުކް އޮފް ވޯލްޑް ރިކޯޑްސްގައި ހިމެނުމަށް އެދިއްޖެ އެވެ.

މަދްޔަ ޕްރަދޭޝްގެ އިންޖިނިއަރިން ދަރިވަރެއް ކަމަށްވާ ވިޝާލް ދިވާން ބުނި ގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭގައި ކޮންގްރެސް ޕާޓީއަށް 27 އިންތިހާބަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އިންތިހާބުގެ ކެމްޕެއިންތަކުގައި ރާހުލް ގާންދީ ހަރަކާތްތެރިވުމުގެ ސަބަބުންނެވެ. އެހެންކަމުން އޭނާގެ ނަން ދުނިޔޭގެ ރިކޯޑު ފޮތަށް އަރަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް ދިވާން ބުންޏެވެ.

ދިވާން ވަނީ ރާހުލް ގާންދީގެ ނަން ދުނިޔޭގެ ރިކޯޑު ފޮތުގައި ހިމެނުމަށް އެދި ގިނެސް ބުކްސްއަށް ސިޓީއެއް ފޮނުވައި، އެކަމަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކާފަ އެވެ. އެސިޓީ ބަލައިގަތްކަން ޔަގީންވެފައިވީ ނަމަވެސް ރާހުލް ގާންދީގެ ނަން ދުނިޔޭގެ ރިކޯޑު ފޮތަށް އަރާނެ ކަން އަދި ޔަގީން ނުވާ ކަމަށް ދިވާން ބުންޏެވެ.

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓު ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ދާދި ފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ 105 ގޮނޑިއަށް ކޮންގްރެސްއިން ވާދަ ކުރި ނަމަވެސް އެ ޕާޓީއަށް ކާމިޔާބުވީ އޭގެ ތެރެއިން ހަތް ގޮނޑި އެވެ. އޭގެ ސަބަބުން ޕާޓީގެ ރައީސް ސޯނިއާ ގާނދީ އާއި ނައިބު ރައީސް ރާހުލް ގާނދީއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. (ޓައިމްސްއޮފްއިންޑިއާ)

ގުޅޭ ޓެގު
comment ކޮމެންޓް