ޖަސްޓިން ބީބާގެ ޓުއާ ގައިޑަށް ޖެކްލީން!

ދުނިޔޭގެ ޕޮޕް ސެންސޭޝަން، ޖަސްޓިން ބީބާ އަންނަ މޭ މަހު އިންޑިއާ އަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައި، އޭނާގެ 'ޓުއާ ގައިޑަކަށް' ބޮލީވުޑްގެ ބަތަލާ ޖެކްލީން ފާނަންޑޭޒް ހަމަޖައްސައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުން، ބީބާ ގޮވައިގެން އޮޓޯގައި މުމްބާއީ ދައްކާލުމަށް ޖެކްލީން ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އިންޑިއާގެ ހުރިހާ ކަމެއް ބީބާ ދައްކާލުމުގެ ތެރެއިން ހަމަޖެހިފައިވާ ކަމެކެވެ.

ބީބާގެ 'ޕާޕަސް ވޯލްޑް ޓުއާ' ގެ ތެރެއިން އިންޑިއާ ގައި ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މޭ މަހުގެ 10 ވަނަ ދުވަހު އެވެ. ބީބާ ޕާފޯމް ކުރާނީ މުމްބާއީގެ ޑީ.ވައި. ޕާޓިލް ސްޓޭޑިއަމްގަ އެވެ.

"އަހަންނަކީ ބީބާގެ ވަރަށް ބޮޑު ފޭން އެއް. މިހާރު ވެސް ވަރަށް ގިނަ ކަންކަން އަހަރެން އެބަ ރާވަން. ބީބާ އިންޑިއާ ގައި ހުންނަ އިރު އަހަރެން ބޭނުން އިންޑިއާގެ ހުރިހާ ރަހައެއް އޭނާ އަށް ދައްކާލަން. އަދި ޓުއާ ގައިޑަކަށް ވާން،" ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖެކްލީން ބުނެފައިވެ އެވެ.

އެގޮތުން ޖެކްލީންގެ ރެސްޓޯރެންޓުން ބީބާ އަށް މަހާރާޝްތުރަ، ދެކުނު އިންޑިއާ އަދި ގުޖްރާތުގެ ކާނާ ވެސް ރަހަ ދެއްކުމާއި، ފަގީރު ހިސާބުތަކުގައި އުޅޭ ކުޑަ ކުދިންނާ ބައްދަލު ކުރަން ދިއުން ވެސް ވަނީ ރާވައިފަ އެވެ.

ބީބާގެ ޓުއާގައި އޭނާ އާ އެކު ސްޓޭޖް މަތިން ދީޕިކާ ޕަދުކޯން، އާލިއާ ބަޓް އަދި ސަނީ ލިއޯން ވެސް ފެނިގެން ދާނެ އެވެ.

comment ކޮމެންޓް