ސަންޖޭ ދަތުގެ ބަޔޮޕިކްގައި ރަންބީރު އާއެކު ކަރިޝްމާ ތަންނާ!

ޓީވީ އެކްޓްރެސް ކަރިޝްމާ ތަންނާ ---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް، ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމަށް، ޓީވީ އެކްޓްރެސް ކަރިޝްމާ ތަންނާ ހަމަޖައްސައިފި އެވެ.

އެ ފިލްމުގެ ކާސްޓުގައި ސޯނަމް ކަޕޫރު، އަނުޝްކާ ޝަރްމާ އަދި ދިއާ މިރްޒާ ވެސް ހިމެނޭ އިރު ކަރިޝްމާ ހިމަނާފައި ވަނީ ޚާއްސަ ފެނިލުމެއްގެ ގޮތުގަ އެވެ.

އިންޑިއަން އެކްސްޕްރެސް އާ ވާހަކަ ދައްކަމުން ކަރިޝްމާ ބުނެފައި ވަނީ, ރޯލު ކުޑަ ނަމަވެސް އެއީ މުހިންމު ރޯލެއް ކަމަށެވެ.

"އަހަރެން ކުޅޭނީ ސަންޖޭ ދަތުގެ ލޯބިވެރިއެއްގެ ރޯލެއް ނޫން. ދެން ހަމަ ސަންޖޭ އާ ދިމާވެފައިވާ އަންހެން ކުއްޖެއްގެ ރޯލު. ހަމައެކަނި ޚާއްސަ ފެނިލުމެއް ނަމަވެސް، އެއީ ވަރަށް މުހިންމު ރޯލެއް ކަމަށް ގަބޫލު ކުރަނީ. މީހެއްގެ ބަޔޮޕިކްގައި ނުދައްކާނެ މުހިންމު ނޫން ކަންތައްތަކެއް،" ކަރިޝްމާ ބުންޏެވެ.

ކަރިޝްމާ މިހާރު ވަނީ އޭނާގެ ސީންތައް ޝޫޓުކޮށް ނިންމައިފަ އެވެ.

ސަންޖޭގެ ރޯލު ކުޅުމަށް ރަންބީރު މިހާރު ވަނީ ވަރަށް ބޮޑަށް ބަރުދަން އިތުުރުކޮށް، ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ފިލްމުގައި ތަފާތު ހަ ގޮތަކަށް ރަންބީރު ފެނިގެން ދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީގަ އެވެ.

ސަންޖޭގެ ބަޔޮޕިކްގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި ބޮމުގެ ހާދިސާ އާއި ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

ސަންޖޭ ވަނީ ޖަލުގައި ހުރި އަހަރުތަކުގައި ވެސް ބައެއް ފިލްމުތަކުގެ މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި 'އުންގްލީ'، 'ޕޮލިސްގިރީ' އަދި 'ޕީކޭ' ހިމެނެ އެވެ. ސަންޖޭ މިހާރު އަންނަނީ ޑައިރެކްޓަރު އޮމަންގް ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ބޫމީ'އާ އެކު ފިލްމީ ދާއިރާއާ އަލުން ގުޅުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް