ކްލަބު މޯލްޑިވްސް ކަޕްގެ ޓެކްނިކަލް ޕާޓްނަރަކަށް އެމްއާރްޑީސީ

ކްލަބު މޯލްޑިވްސް ކަޕްގެ ޓެކްނިކަލް ޕާޓްނަރަކަށް އެމްއާރްޑީސީ ހަމަޖެއްސުމަށް މިއަދު ބޭއްވި އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްލަބު މޯލްޑިވްސް ކަޕް 2017ގެ ޓެކްނިކަލް ޕާޓްނަރަކަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ހަމަޖައްސައިފިއެވެ.

މެދުކެނޑުމެއްނެތި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ ޓެކްނިކަލް ޕާޓްނަރަކަށް އެމްއާރްޑީސީ ހަމަޖެއްސުމަށް މިއަދު ހަވީރު އެމްއާރްޑީސީގައި އޮތް ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެމްއާރްޑީސީގައި މިއަދު ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު މަމްދޫހުއެވެ. އަދި ކްލަބު މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޓްރެޜަރާ އަބްދުލް ރަޝީދު އަލީއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ޓެކްނިކަލް ޕާޓްނަރަކަށް އެމްއާރްޑީސީ ހަމަޖެއްސުމަށް މިއަދު ބޭއްވި އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްއާރްޑީސީގެ ފަރާތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީނިއާ މެނޭޖަރު އަދި ކްލަބުގެ ރައީސް މުހައްމަދު އަނީލް އަބްދުލް ލަތީފް ވިދާޅުވީ، އެމްއާރްޑީސީން މި މުބާރާތް ފެށިގެން ނިމެންދެން ދަނޑު ލެވެލްކޮށް ކޮމްޕެކްޓްކުރުމުގެ ކަންތައްތައް ކްލަބު މޯލްޑިވްސް ކަޕްގެ ޓީމާ ގުޅިގެން ކުރަމުން ގެންދާނެ ކަމަށެވެ.

ކްލަބު މޯލްޑިވްސް ޓްރެޜަރާ އަބްދުލް ރަޝީދު އަލީ ވިދާޅުވީ، އެމްއާރްޑީސީން ވޭދުވެދިޔަ އަހަރުތަކުގައި ކްލަބު މޯލްޑިވްސްއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެކަމަށްޓަކައި އެ ކުންފުންޏަށް ކްލަބު މޯލްޑިވްސްގެ ފަރާތުން ޝުކުރުއަދާކުރާ ކަމަށެވެ. އަދި މިދިޔަ އަހަރު އެމްއާރްޑީސީއާއެކު އެގްރިމަންޓަކަށް ނާދެވުނު ނަމަވެސް ދަނޑުގެ ކަންތައްތަކުގައި އެ ކުންފުނިން ކްލަބު މޯލްޑިވްސްއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށް އޭނާ ވެސް އޭނާ ވިދާޅުވިއެވެ.

"ޓެކްނިކަލް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރެވިގެން މިދިޔައީ. އެހެންވީމާ، ދަނޑުގެ ކަންތައްތައް ކުޅުންތެރިންނަށް ފަސޭހަކަމާއެކު ކުޅެވޭނެ މަގު ފަހިކޮށްދިނުމަށް އަޅުގަނޑުމެން ދެބައިމީހުން މަސައްކަތްކުރަމުން މިދަނީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ކުޅެން މިޖެހެނީ ވެލި ދަނޑެއްގައި. އެހެންވީމާ އަޅުގަނޑުމެންނަށް ދަނޑުގެ ދަތިކަން އެބަހުރި. ޓާފް ދަނޑުތައް ލިބުމުގައި ވެސް އުނދަގޫތަކެއް އެބަހުރި. އެ ސަބަބުތަކަކަށްޓަކައި އަޅުގަނޑުމެން މުބާރާތް ބާއްވަން މިޖެހެނީ ވެލި ދަނޑުގައި،" އޭނާ ވިދާޅުވިއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ޓެކްނިކަލް ޕާޓްނަރަކަށް އެމްއާރްޑީސީ ހަމަޖެއްސުމަށް މިއަދު ބޭއްވި އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަބްދުލް ރަޝީދު އަލީ ވިދާޅުވީ، ވެލިދަނޑުގައި މުބާރާތް ކުޅެން ޖެހުނު ނަމަވެސް މިއަހަރުވެސް ރޭވިފައިއޮތީ އެމްއާރްޑީސީއާ ގުޅިގެން ކޮންމެ ދުވަހަކުވެސް ދަނޑު ލެވަލްކުރުމާއި ފެންޖަހައިގެން ކުރިއަށްގެންދާގޮތަށް ކަމަށާއި މިދިޔަ އަހަރެކޭ އެއްގޮތަށް ހާފް ޓައިމްގައި ކުޅުންތެރިންނަށް ފަސޭހަވާނެ ގޮތަކަށް ދަނޑަށް ފެންޖެހުމުގެ ކަންތައްތައް ކުރިއަށްގެންދާނެ ކަމަށެވެ.

ކްލަބު މޯލްޑިވްސް ކަޕްއާ ގުޅޭގޮތުން އެމްއާރްޑީސީގެ ސީނިއާ މެނޭޖަރު އަނީލް ވިދާޅުވީ، އެ މުބާރާތަކީ އެންމެ ރަނގަޅަށް ރޭވިގެން ކުރިއަށްގެންދާ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމަށް އެމްއާރްޑީސީން ގަބޫލުކުރާ ކަމަށާއި އެމްއާރްޑީސީން ވެސް ޓީމެއްގެ ގޮތުގައި ބައިވެރިވާ މުބާރާތަކަށްވާތީ އެއީ އެ ކުންފުނިން ވެސް އެންމެ ރަނގަޅަށް ތައްޔާރުވާ އެއް މުބާރާތް ކަމަށެވެ.

އަންނަމަހުގެ އަށްވަނަ ދުވަހު ފަށާ ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގައި 32 ޓީމު ބައިވެރިވެފައިވާއިރު، އަންހެން ބައިގައި މިއަހަރު 12 ޓީމު ބައިވެރިވެފައިވެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ 8 ވަނަ އަހަރެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް