ރައީސްކަން ކޮށްފައިވާ މީހުންނަށް ދޭ އިނާޔަތަށް ބަދަލު ގެންނަން އަދުރޭ ގޮވާލައިފި

އަދުރޭ މީޑިއާއާ ވާހަކަފުޅުދައްކަވަނީ --- ސަންފައިލް ފޮޓޯ

ކުރީގައި ރައީސްކަން ކޮށްފައިވާ މީހުންނަށް ދޭ އިނާޔަތަށް "ހާލަތާ އެއްގޮތަށް ބަދަލު ގެންނަން" ގާނޫނަށް އިސްލާހު ހުށަހެޅުއްވުމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފި އެވެ.

އަދުރޭ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތިިމާގެ އަމިއްލަ އެދުމައްޓަކައި ގައުމުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭ ބަޔަަކަށް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ދޭން ނުޖެހޭ ކަމަށެވެ.

އެހެންކަމުން ހާލަތާ ގުޅޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން އަދުރޭ ވަނީ ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކަށް ގޮވާލައްވައިފައެވެ.

ބެލެވޭގޮތުން އަދުރޭ އެ އިޝާރާތް ކުރައްވަނީ 30 އަހަރު ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށެވެ. ރައީސް މައުމޫނު މިހާރު ގެންދަވަނީ އިސްލާހީ މަސައްކަތްތަކެއް ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.

ރައީސްކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނަށް މީގެކުރިންވެސް ވަނީ އިސްލާހެއް ގެނެސްފަ އެވެ.

އޭރު އިސްލާހު ކޮށްފައިވަނީ ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު، ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރި ކުށަކާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރާ ނަމަ ދައުލަތުން އެ ބޭފުޅަކަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށެވެ.

އެ އިސްލާހާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާރު އެއްވެސް އިނާޔަތެއް ނުލިބެ އެވެ.

comment ކޮމެންޓް