ގައުމީ ވޮލީބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ސްވައިން ފްލޫ ވެކްސިން ޖަހައިފި

ތައިލެންޑްގައި ކޭމްޕް ކުރުމަށްފަހު ގައުމީ ވޮލީ ޓީމު އެނބުރި ރާއްޖެ އައުން: ތައިލެންޑްގައި ގައުމީ ވޮލީ ޓީމު އެކުވެރިކަމުގެ ހަ މެޗު ކުޅުނު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަ ކުރާ ދިވެހިރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ގަޔަށް އިންފުލުއެންޒާ ވެކްސިން ޖަހައިފިއެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަންގެ މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރު މުހައްމަދު ޝާފީ ވަނީ އެކަން ސަން ސްޕޯޓްސްއަށް ކަށަވަރު ކޮށްދީފައެވެ.

ޝާފީ ވިދާޅުވީ މި ދުވަސްވަރަކީ އިންފުލުއެންޒާ ރޯގާ ހަލުވި ކަމާ އެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ އެފަދަ ބޮޑު މުބާރާތަކާ ކުރިމަތިލާއިރު ކުޅުންތެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމާބެހޭ ސިއްހީ، މާހިރުންގެ ލަފާގެ މަތިން ކުޅުންތެރިންގެ ގަޔަށް އިންފުލެއެންޒާ ވެކްސިން ޖަހާފައިވާކަމަށެވެ.

"ހުރިހާ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންގެ ގަޔަށް ވެސް އިންފުލެންޒާ ވެކްސިން ޖަހައިފިން. އަދި ޓީމާއި މުބާރާތް ބަލަންދާ ސަޕޯޓަރުންގެ ރައްކާތެރިކަމަށްވެސް ޚާއްސަ ފިޔަވަޅުތަކެއް ވާނީ އަޅާފައި،" ޝާފީ ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅުގައި ބޭއްވި އޭޝިއަން ސެންޓްރަލް ޒޯން އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ކުރީގެ ވޮލީ ކޯޗު ޝާފީ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބަލިމަޑުކަމެއް ފެތުރެމުންދާތީ މުބާރާތް ކުރިއަށްދާ ދުވަސްވަރު މުބާރާތުގެ ބައިވެރިންނާއި ކުޅިބަލަން އަންނަ ސަޕޯޓަރުންނަށް ސިއްހީ ގޮތުން އެހީތެރިކަން ފޯރު ކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި ޑޮކްޓަރުންނާއި ސިއްހީ އެހީތެރީން އަބަދުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެކަމަށެވެ.

"ކޮންމެ ދުވަހަކުވެސް މެޗު ކުޅެ ނިމުން ކޯޓު ސާފު ކުރާނެ. އަދި އަބަދުވެސް ރެޑްކްރެސެންޓްގެ މެޑިކަލް ޓީމު އެސަރަހައްދުގައި ހަރަކާތްތެރިވާނެ. މީގެ އިތުރުންވެސް ސިއްހީ ގޮތުން މުހިއްމު ފިޔަވަޅުތަކެއް އަޅަމުން މިދަނީ،" ޝާފީ ވިދާޅުވިއެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ކިރްގިސްތާން، ނޭޕާލް އަދި ތުރުކެމަނިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ރާއްޖެއާ ތުރުކެމަނިސްތާނެވެ.

comment ކޮމެންޓް