50 މިލިޔަނުގެ ރައުސްމާލަކާ އެކު، ބިޒްނަސް ސެންޓަރުތައް ހިންގަން ކުންފުންޏެއް އުފައްދައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމެންޓުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުތައް ހިންގުމަށް "ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި އެވެ.

މި ކުންފުނި އުފެއްދުމުގެ ގަރާރު ރައީސުލްޖުމްހޫރިއްޔާ ނެރުއްވަފައި ވަނީ އިއްޔެ އެވެ. ނަމަވެސް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ވަނީ މިއަދުއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނެރުއްވި ގަރާރުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑަކީ ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ކުންފުންޏެއް ކަމަށެވެ.

އެ ކުންފުނީގެ ރައުސުމާލަކީ 50 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެއީ ހިއްސާއެއް 10 ރުފިޔާއަށް ވާ ގޮތަށް، ފަސް މިލިޔަން ހިއްސާއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެންޓަޕްރައިސް ޑިވެލޮޕްމެންޓް ކިޔާ އޮފީހެއް ގާއިމުކޮށްފައިވާ އިރު، އެތަނުގެ ދަށުން ރާއްޖޭގެ ހަތް ހިސާބެއްގައި ދަނީ ބިޒްނަސް ސެންޓަރުތަކެއް ހިންގަމުންނެވެ.

އެއީ މާލޭގައި ހުންނަ ބިޒްނަސް ސެންޓަރުގެ އިތުރުން ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ބިޒްނަސް ސެންޓަރެވެ.

މި ބިޒްނަސް ސެންޓަރުތަކުން ދަނީ، އެ ސެންޓަރެއް ހުންނަ ސަރަހައްދުގެ ރަށްރަށުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކި ކަހަލަ އެހީތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ވިޔަފާރިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވޯކްޝޮޕްތައް އެފަރާތްތަކަށް ހިންގައިދެއެވެ.

comment ކޮމެންޓް