ޓީޓީއެމް ފެއާގައި މިހާތަނަށް 60 ރިސޯޓަކުން ބައިވެރިވާން ނިންމައިފި

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އާއި މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން، ޓްރެވަލް ޓްރޭޑް ޝޯ އޮފް މޯލްޑިވްސްގެ ޕްރޮޖެކްޓް ޑައިރެކްޓަރު އަހްމަދު އީހަބް -- ފޮޓޯ: މޯލްޑިވްސް ގެޓްއަވޭސްގެ

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ (ޓީޓީއެމް) އަންނަ ޖުލައި މަހު ބާއްވަން ހަމަޖައްސާފައިވާއިރު މިހާތަނަށް، އެ ޝޯ ގައި 60 ރިސޯޓަކުން ބައިވެރިވާން ނިންމައިފިއެވެ.

ޖުލައި މަހުގެ 12 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ އެ ޝޯއަކީ ރާއްޖޭގެ ޓްރެވެލް ޓްރޭޑް ކޮމިއުނިޓީއާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ފާހަގަކޮށްލެވޭ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅުވާލުމުގެ ގޮތުން ބާއްވާ ޝޯ އެކެވެ. މި ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އިންޓަނޭޝަނަލް ޓްރެވެލް އިންޑަސްޓްރީގެ މާހިރުން ހިމެނޭ ގޮތަށް 300 ފަރާތަކުން ބައިވެރިވާނެ އެވެ.

މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމުކޮށްގެން ބާއްވާ އެ ޝޯގެ ގާލާނައިޓު ބާއްވަން ހަމަޖައްސާފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު، އަދާރަން ހުދުރަންފުށި ރިސޯޓުގައެވެ. އެ ޝޯގެ އެސޯސިއޭޓު ޕާޓްނަރަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އެވެ.

މާލޭ ދަރުބާރުގޭގައި ބާއްވަން ހަމަޖައްސާފައިވާ މި ޝޯގެ މަގްސަދަކީ 2020ގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށް އިތުރުކޮށް 3.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ގައުމަށް ވެއްދުމެވެ.

މި ޝޯގައި މިހާތަނަށް 60 ރިސޯޓަކުން ބައިވެރިވެފައިވާއިރު، މޯލްޑިވްސް ގެޓަވޭސްއިން ލަފާ ކޮށްފައިވަނީ 100 އަށްވިރެ ގިނަ ރިސޯޓު އަދި ހޮޓާތަކުން އެ ޝޯގައި ބައިވެރިވާނެ ކަމަށެވެ.

ޓީޓީއެމް ފެއާގެ ގާލާ ނައިޓުގައި މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލް އެޑިޝަންގެ އެވޯޑު ލިބޭ މީހުން އިއުލާން ކުރަންވެސް ވަނީ ހަމަޖައްސާފައެވެ. އެ އެވޯޑަށް ނޮމިނޭޓުވި ފަރާތްތައް އިއުލާން ކުރީ ބާލިންގައި ބޭއްވި އައިޓީބީ ފެއާގެ ތެރެއިންނެވެ.

comment ކޮމެންޓް