ސުވައިން ފުލޫ ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

އައިޖީއެމްއެޗުން ނުކުތް ބަޔަކު ސުވައިން ފުުލޫއިން ރައްކާތެރިވުމަށް މާސްކު އަޅައިގެން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަން ރޯގާ (ސުވައިން ފުލޫ) ޖެހިގެން އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.

މިއީ މި ބަލި ޖެހިގެން ރާއްޖެއިން މަރުވި ތިން ވަނަ މީހާ އެވެ.

އެ ބަލީގައި އިތުރު މީހަކު މަރުވިކަން ހާމަވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކުރި ތަފާސްހިސާބުންނެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް "ސަން"އަށް ވިދާޅުވީ، ނިޔާވެފައި ވަނީ ހުން ގަދަވެގެން ހދ. ކުޅުދުއްފުށިން ހޮނިހިރު ދުވަހު އައިޖީއެމްއެޗަށް ގެނައި 46 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ. ސުވައިން ފުލޫއަށް އޭނާ ޓެސްޓު ކުރިއިރު، އެ ބައްޔަށް އޭނާ ޕޮޒިޓިވްވެފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ޭއޭނާ ވިދާޅުވީ ބިދޭސީ މީހާ މަރުވީ ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް، އިއްޔެ ހަވީރު ކަމަށެވެ.

އެޗްޕީއޭއިން އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުން ސުވައިން ފުލޫ ޖެހިގެން އިއްޔެ ޓެސްޓު ކުރި 36 މީހުންގެ ތެރެއިން 24 މީހެއްގެ ގައިން ސުވައިން ފުލޫއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ބަލީގައި އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު، އުމުރުން 26 އަހަރުގެ މީހެކެވެ. އަދި ދެވަނަ މީހަކު މަރުވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއީ އުމުރުން 51 އަހަރުގެ އަންހެނެކެވެ.

comment ކޮމެންޓް