އައިޑިއާ ގަނެ، އިންޑިއާގެ އެންމެ ބޮޑު ނެޓްވޯކް އޮޕަރޭޓަރަށް ވޮޑަފޯން ވެއްޖެ

އިންޑިއާގެ މުއާސަލާތީ އޮޕަރޭޓަރުންގެ އިޝްތިހާރު ބިލްބޯޑުތަކެއް ހުރި ތަނެއްގައި އެއާޓެލް، އައިޑިއާ އަދި ވޮޑަފޯންގެ އިޝްތިހާރުތަކެއް -----

އިންޑިއާގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ވޮޑަފޯނުން އިންޑިއާގެ އޮޕަރޭޓަރު "އައިޑިއާ ސެލޫލާ" ގަނެ، އިންޑިއާގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏަށް ވެއްޖެ އެވެ.

ވޮޑަފޯން އިންޑިއާއަކީ، އިނގިރޭސިވިލާތުގެ ބައިނަލްއަގުވަމީ ޓެލެކޮމް ކުންފުނި ވޮޑަފޯނުން އިންޑިއާގައި ހިންގަމުން އައި ކުންފުންޏެވެ. ވޮޑަފޯނަކީ އިންޑިއާގައި ދެވަނައަށް އެންމެ ބޮޑު ކަސްޓަމާ ބޭސް އޮންނަ ކުންފުންޏެވެ.

އެކުންފުނިން ވަނީ އިންޑިއާގެ ތިންވަނައަށް އެންމެ ބޮޑު ކަސްޓަމާ ބޭސް އޮންނަ މުއާސަލާތީ ކުންފުނި، އައިޑިއާ ސެލޫލާ މިއަދު ގަނެފަ އެވެ. އައިޑިއާ ސެލޫލާއާ ވޮޑަފޯނު އެއް ކުންފުންޏަކަށް ބަދަލުވެފައިވާ އިރު، އެއީ މިހާރު ކަސްޓަމަރުންނާއި އާމްދަނީގެ ގޮތުން ބަލާއިރު ވެސް އިންޑިއާގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏެވެ.

އެ އެއްބަސްވުން މިއަދު އެކުލަވާލާފައިވާ އިރު، މި ވިޔަފާރި ކޮންގްލޮމެރެންސްގެ މުއާމަލާތް މުޅިން ނިންމާލެވޭނީ 2019 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ކަމަށް ބުނެފައިވެ އެވެ. ދެކުންފުނި އެއްކޮށްލައި، އަލަށް އުފައްދާ ކުންފުންޏަށް އާ ނަމެއް ފަހުގެ ތާރީޚެއްގައި ދޭނެ ކަމަށް ބުނެފައިވެ އެވެ. މި އާ ކުންފުނީގެ 45.1 ޕަސަންޓު ހިއްސާ އޮންނާނީ ވޮޑަފޯނަށެވެ. އަދި 26 ޕަސަންޓު ހިއްސާ، އައިޑިއާ ސެލޫލާ ކުންފުނި ހިންގާ އަދިތިޔާ ބިރްލާ ގްރޫޕުން ހިފަހައްޓާ އިރު، ބާކީ 28.9 ޕަސަންޓު ހިއްސާ އާންމުންނަށް ވިއްކުމަށް ވަނީ ނިންމައިފަ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވޮޑަފޯނާއި އައިޑިއާ އެއްކޮށްލުމަށް ނިންމީ، އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ކުންފުނިން މިދިޔަ އަހަރު އުފައްދައިގެން ހިންގަމުން އަންނަ ރިލަޔަންސް ޖިއޯ ކިޔާ 4ޖީ އެލްޓީއީ ނެޓްވޯކާ ވާދަކުރުމުގެ ގޮތުންނެވެ.

ރިލަޔަންސް ޖިއޯއިން ހެޔޮ އަގުގައިި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމުގެ ސަބަބުން ވޮޑަފޯނާއި އައިޑިއާ ސެލޫލާގެ އިތުރުން، މިއަދާ ހަމައަށް އިންޑިއާގެ މުއާސަލާތީ ޚިދުމަތުގެ މާކެޓު ލީޑަރުގެ ގޮތުގައި އޮތް އެއާޓެލަށް އޮތީ ޚިދުމަތުގެ އަގުތައް ތިރިކުރުމަށް މަޖުބޫރުވެފަ އެވެ.

comment ކޮމެންޓް