މަގޫދޫއިން 150 މީހަކު ޕީޕީއެމާ ގުޅިއްޖެ

ފ. މަގޫދޫއިން 150 މީހަކު ޕީޕީއެމާ ގުޅިއްޖެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހުމަދު މުބީން، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ބިލެއްދޫ ދާއިރާގައި ހިމެނޭ މަގޫދޫއިން 150 މީހަކު ޕީޕީއެމާ ގުޅުނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް (މެޑަމް ފާތުން)ގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ މީހުން ޕީޕީއެމާ ގުޅުމަށްފަހު، ޕާޓީގެ މެމްބަރޝިޕް ފުރުމުން، އެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ މެޑަމް ފާތުންއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ، މިއަދު ޕީޕީއެމް އާ ގުޅުނު ގިނަ މީހުންނަކީ ޖުމްހޫރީ ޕާޓީގައި ކުރިން ތިބި މީހުން ކަމަށެވެ. އަދި ދެން ގުޅުނު މީހުންނަކީ އެމްޑީޕީގައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފ. އަތޮޅު ތަރައްގީ ކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 99 އަހަރަށް ތަންތަން ކުއްޔަަށް ދިނުމަކީ އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ގައުމުގައި ރޯގާއެއް ފެތުރެމުންދާ އިރު، އިދިކޮޅު ފަރާތްތަކުން އާއްމު ހިދުމަތުގައި ނޫޅެންވީ ކީއްވެގެންތޯ ވިދާޅުވެ، ވަނީ ސުވާލު އުފައްދައިފަ އެވެ.

މެޑަމް ފާތުން އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިއަދު ގައިމު ބޮޑު ރޯގާއެއް ގައުމުގައި މިއުޅެނީ. ބޮޑު ހުމެއް ރާއްޖޭގައި މިއުޅެނީ. ކީއްވެގެންތޯ އިދިކޮޅު ސިޔާސީ ފަރާތްތަކުން އައިސް ޕެނަޑޯލް ބަހަން ނޫޅެވެންވީ. ވެކްސިން ބަހަން ނޫޅެވެންވީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭރު ގައުމުތަކުގައި ތަޅުލެވިފައި ތިބެން ނުޖެހޭ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މެޑަމް ފާތުންގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވައި ވިދާޅުވީ، މެޑަމްގެ މަސައްކަތްޕުޅަކީ، އަންހެން ބޭފުޅުންނަށް މިސާލެއް ކަމަށާއި އިޖުތިމާއީ ގޮތުން ދިމާވާ ކޮންމެ މައްސަލައެއްގައި މެޑަމް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް